ލައިފްސްޓައިލް

މެނެކިއޯ ހަދަނިކޮށް ކެނޑުނު ތަން އެންމެ ފަހުން ކެންސަރަށް

ނޮވެމްބަރު 2021ގައި ގްރޭސް ގާސިއާ އޭނާގެ ރަށުގައި ހުޅުވި މުޅިން އާ ސެލޫނަކަށް ނިޔަފަތިތައް މެނެކިއޯ ހަދަން ދިޔަ އެވެ.

އޭނާގެ ނިޔަފަތިތަކުގެ މެނެކިއޯ ހަދައިދިން ޓެކްނީޝަން އަތުން އެ ދުވަހު އޭނާގެ އިނގިއްޔެއް ކަނޑައިގެން ގޮސް ކުޑަކޮށް ލޭ އައެވެ.

އެމެރިކާގެ ކެލިފޯނިއާގެ ސެން ގެބްރިއެލްގައި ދިރިއުޅޭ ގްރޭސް ބުނި ގޮތުގައި އެ ދުވަހު އިނގިލިން ކަނޑައިގެން ދިޔަ ތަންކޮޅެއް އެއްގޮތަކަށް ވެސް ފަސޭހަވާގޮތެއް ނުވި އެވެ. ފަހުން އޭނާއަށް ވާޓް ކިޔާ ބައްޔެއް ޖެހުނެވެ. އެންމެ ފަހުން އޭނާއަށް އެނގުނު ގޮތުގައި އިނގިލި ކަނޑައިގެން ދިޔަ ތަނަކަށް ހިއުމަން ޕެޕިލޯމާވައިރަސް (އެޗްޕީވީ) ވަދެ އެތަނަށް މަދުން ނޫނީ ނުޖެހޭ ވައްތަރެއްގެ ކެންސަރެއް ވަނީ ޖެހިފަ އެވެ.

"ފަހަރެއްގައި އަހަރެންގެ މެނެކިއޯ ހެދި ޓެކްނީޝަން ބޭނުންކުރި ޓޫލް އަކީ ކުރިން އެހެން މީހަކަށް ބޭނުންކޮށްފައި ސާފުނުކޮށް އޮތް އެއްޗަކަށް ވެދާނެ. އަހަންނަކަށް ނޭނގެ ކިހިނެއްކަމެއް ވީ،" އުމުރުން 50 އަހަރުގެ ގްރޭސް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކަނޑައިގެން ދިޔަ ތަންކޮޅު ފަސޭހަނުވެ ހަންގަނޑު ބޯވެ ކުއްލިއަކަށް ތަންކޮޅެއް އުފުއްލުނީ އެވެ. ހީވަނީ ވާޓް އެއް ހެންނެވެ.

"އަހަރެން ހިތަށް އެރި އަނެއްކާ ކޮންފަދަ ކަމެއްބާއޭ މިއީ،" ގްރޭސް ބުންޏެވެ.

މެނެކިއޯ ހަދަން ގްރޭސް އެ ސެލޫނަށް ދިޔައީ 2021ގެ ނޮވެމްބަރުގަ އެވެ. އޭނާ ސެލޫނަށް ގޮސް މެނެކިއޯ ހަދާތާ 20 ވަރަކަށް އަހަރު ވެއްޖެ އެވެ. ނަމަވެސް އާއްމުކޮށް އޭނާ ދާ ސެލޫނުން އެ ފަހަރު އެޕޮއިންޓްމަންޓް ނުލިބިގެން މުޅިން އަލަށް ހުޅުވި ސެލޫނަކަށް ދިޔައީ އެވެ.

"ވަރަށް މޮޅަށް އިޝްތިހާރުކޮށްފައިވާ ސެލޫނަކަށް ވާތީ އާއި އޮފީހާ ކައިރި ތަނަކަށް ވީމަ އެތަނަށް ދިޔައީ. އެތާ ހުރި ޓެކްނީޝަން އަހަރެންގެ މެނެކިއޯ ހެދުމުގެ ތެރޭގައި އިނގިލި ވަރަށް ފުންކޮށް ކަނޑައިގެން ދިޔަ. މީގެ ކުރިން ދުވަހަކުވެސް އަހަންނަކަށް މި ކަހަލަ ކަމެއް ދިމާވެފައެއް ނުވޭ،" ގްރޭސް ބުންޏެވެ.

ނަމަވެސް ޓެކްނީޝަން ބޭނުންކުރީ އާ ޓޫލެއް ކަމެއް ނުވަތަ ކުރިން ބޭނުންކޮށްފައި އޮތް އެއްޗެއް ކަމެއް ގްރޭސް އަކަށް ހަނދާނަކަށް ނާދެ އެވެ. ނަމަވެސް އެ ބިރުވެރި ތަޖުރިބާ މިއަދާ ހަމައަށް ވެސް އޭނާގެ ދިރިއުޅުމަށް ހިޔަނި އެޅިފައި ވެއެވެ.

ގެއަށް އައިސް އިނގިލީގައި ގްރޭސް ހޭކީ އެންޓިބައޮޓިކް އޮއިންޓްމަންޓެއް ކަމަށް އޭނާ ބުންޏެވެ. އެތައް ދުވަހެއް ވީއިރުވެސް އިނގިލި ރަނގަޅު ނުވެގެން އަލުން ސެލޫނަށް ގޮސް އެތާ މީހުން ކައިރީގައި މި ވާހަކަ ބުނެ މައްސަލަ ޖެއްސި ކަމަށް ގްރޭސް ބުންޏެވެ.

"އަހަރެން އެތަނަށް ގޮސް ބުނިން އެ ސެލޫނުގެ ޓެކްނީޝަނެއް އަތުން އަހަރެންގެ އިނގިލި ކަނޑައިގެން ދިޔަތަން އަދިވެސް ފަސޭހަ ނުވެގެނޭ މިއުޅެނީ. ބުނީމަ އެ ސެލޫނުން ބުނީ މީހުންގެ ޝަކުވާ ގިނަ ވެގެން އެ ޓެކްނީޝަން ވަޒީފާއިން ވަކިކޮށް ފޮނުވާލައިފީމޭ. ދެން އަހަރެން ކީކޭ ބުނާނީ؟" ގްރޭސް ބުންޏެވެ.

ގްރޭސް ދެން ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރު ވެސް ދިނީ ހަމަ އެންޓިބައޮޓިކް އޮއިންޓްމަންޓެކެވެ. ނަމަވެސް އެ ބޭހުން ވެސް ރަނގަޅެއް ނުވެ އެވެ.

އޭނާ ބުނި ގޮތުގައި ފަހުން އިނގިލި ވަރަށް ހޫނެވެ. އަދި އޮޅިގެން ވެސް އިނގިލި ތަނެއްގައި ކިރިޔާ ޖެހިލިޔަސް ވަރަށް ތަދުވެ އެވެ. އެންމެ ފަހުން އިނގިލި ފަސޭހަވިއިރު ކަޅުކުލައިގެ ބޮޑު ބިއްސެއް ފާޑު އެއްޗެއް އެތަނުގައި ނެގި އެވެ.

އަނެއްކާވެސް ގްރޭސް ޑޮކްޓަރަށް ދެއްކި އެވެ. މިފަހަރު ޑޮކްޓަރު ބުނީ އެއީ ލިޔާއިރު ގަލަން ޖެހޭ ތަން ހަރުވެ އުމަގުވެފައި ހުރީ ކަމަށެވެ. ނަމަވެސް ގްރޭސް ބުނީ އޭނާ ލިޔާއިރު ކަށި އިނގިލި ބޭނުން ނުކުރާ ކަމަށެވެ. ނަމަވެސް އެ ފަހަރުވެސް ޑޮކްޓަރު އަދި ބަލާލަން މަޑުކޮށްލަން ބުނެފައި ފޮނުވާލީ ކަމަށް ގްރޭސް ބުންޏެވެ.

މެނެކިއޯ ހެދިތާ ފަސް މަސް ފަހުން ގްރޭސް އަންހެނުންގެ ޚާއްސަ ޑޮކްޓަރަކަށް ދެއްކި އެވެ. އަދި ހަމުގެ ހާއްސަ ޑޮކްޓަރަކަށް އިނގިލި ދައްކަން އެ ޑޮކްޓަރު ލަފާ ދިނެވެ.

އޭނާގެ އިނގިލީގައި ކެންސަރު ހުރިކަން އެނގުނީ އެ ޑޮކްޓަރު ބައޮޕްސީ ހަދަން ދިނުމުން ބައޮޕްސީ ރިޕޯޓް ލިބުނުއިރު އެވެ.

ނިޔަފައްޗަށް ޖެހޭ ކެންސަރަކީ ވަރަށް މަދުން ނޫނީ ފެންނަ އެއްޗެއް ނޫނެވެ. ގްރޭސްގެ ހުރީ ސްކިއުމަސް ސެލް ސާކިނޯމާ ކިޔާ ހަމުގެ ކެންސަރެކެވެ. މިއީ އޭނާގެ ހަށިގަނޑަށް ވަން އެޗްޕީވީ ވައިރަހުން ޖެހުނު ކެންސަރެކެވެ. އަދި މިއީ ވެސް އާއްމުކޮށް ދިމާވާ ކަމެއް ނޫނެވެ.

ސަބަބަކީ އާއްމުކޮށް އެޗްޕީވީ ވައިރަހަކީ ސެކްޝުއަލީ ޓްރާންސްމިޓަޑް (ޖިންސީ ގުޅުމުން ހަށިގަނޑަށް ވާސިލުވާ) ވައިރަހެކެވެ. ނަމަވެސް ގްރޭސްގެ ކޭސްގައި އޭނާގެ ގަޔަށް އެޗްޕީވީ ވައިރަސް ވަދެފައިވަނީ ކަނޑައިގެން ދިޔަ ތަންކޮޅަކުންނެވެ.

"އަހަރެމެންގެ އަތާއި ފައިގައި ހުންނަ ބޯ ހަމަކީ މިފަދަ އިންފެކްޝަންތަކުން ސަލާމަތްވުމަށް ގުދުރަތީ ގޮތުން ލެވިފައި ހުންނަ ފާރެއް،" ޑޮކްޓަރު ވިދާޅުވި އެވެ.

ނަސީބަކުން ގްރޭސްގެ އިނގިލީގައި ކެންސަރު ހުރިކަން އެނގުނުއިރު ބަލި ހުރީ އެއްވަނަ ސްޓޭޖުގަ އެވެ. އެހެންވެ އިނގިލި ބުރިކޮށް ނުލާވެސް ކެންސަރަށް ބޭސް ކުރެވޭގޮތް ވަނީ ވެފަ އެވެ.