ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދިވެހި ރަހައެއް ބްރޭންޑަކަށް ހަދައިދޭން އެދިވަޑައިގެންފި

ދިވެހި ޝެފުންގެ އިސްނެގުމާއެކު ދިވެހިންގެ ރަހަތަކާއި ވިލާތުގެ ރަހަތައް ގުޅުވައިގެން ކަލިނަރީ ދާއިރާގެ މުޅިން އާ ބްރޭންޑެއް އުފެއްދުމަށް އީޖާދީ މަސައްކަތެއް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހް މިކަމަށް އެދިވަޑައިގަތީ ރާއްޖޭގެ ކަލިނަރީ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން "ސީޖީއެމް ޝެފްސް އެވޯޑްސް 2022"ގެ ނަމުގައި ޝެފްސް ގިލްޑް އޮފް މޯލްޑިވްސް އިން ތައާރަފުކުރި މި ދާއިރާގެ ފުރަތަމަ އެވޯޑް ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމާ މެދު އޮތް މަގުބޫލުކަން އިތުރުކުރުމަށްޓަކައި ޝެފުންގެ ގޮތުގައި ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުތުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތު ފުޅާވާ މިންވަރަށް ދިވެހި ކަލިނަރީ ފަންނުވެރިން ނުއުފެދޭކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ. އެހެންނަމަވެސް މި ފަންނަކީ ދިވެހި ޒުވާނުން ކުރިމަތިލާން ރަނގަޅު ފަންނެއް ކަމަށާ ދިވެހި ޒުވާނުން މި ދާއިރާއަށް ނުކުންނަ ވަރަކަށް، މި ފަންނު ރާއްޖޭގައި އިތުރަށް ތަރައްގީކޮށް ފުޅާކުރުމުގެ ފުރުސަތު ބޮޑުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން އާމްދަނީއަކަށް ވިސްނާ ކޮންމެ ޒުވާނަކަށް ވެސް މިއީ ވަރަށް އެކަށީގެންވާ ރަނގަޅު ދާއިރާއެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.

"ދިވެހި ޝެފުންގެ އިސްނެގުމާއެކު ދިވެހިންގެ ރަހަތަކާއި، ވިލާތުގެ ރަހަތައް ގުޅުވައިގެން ކަލިނަރީ ދާއިރާގެ މުޅިން އައު ބްރޭންޑެއް އުފެއްދުންފަދަ އީޖާދީ މަސައްކަތެއް އުފަންކުރެވިއްޖެނަމަ އެއީ ދިވެހި ފަތުރުވެރިކަމަށާއި ގައުމަށް ލިބޭ ކުރިއެރުމަކާއި ރީތި ނަމަކަށް ވާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ދިވެހި ފަތުރުވެރިކަމުގެ 50 އަހަރުގެ ތާރީހުގައިވެސް، ކަލިނަރީ ދާއިރާއިން ހާއްސަ އެވޯޑެއް ތައާރަފްކޮށް، އެ ދާއިރާގެ ހުނަރުވެރިންގެ އަގު ވަޒަންކުރެވޭ މިއީ ފުރަތަމަ ފަހަރުކަން ވެސް ފާހަގަކުރެއްވި އެވެ