އަ ވަސް އިން ތައްޔާރުކުރި "ކިޔުޓެކް ވޯލްޑް ކަޕް" ފޮތް މިއަދު ނެރެފި އެވެ.
އަވަސްގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ހާއްސަ ހަފްލާއެއްގައި "ކިޔުޓެކް ވޯލްޑް ކަޕް" ފޮތް ނެރެދިނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްޣަނީ (އަކޫ) އެެވެ.
މި ހަފްލާގައި އަވަސްގެ ޗީފް އެޑިޓަރު އަހްމަދު ރިފާއު ވިދާޅުވީ އަވަސް އިން ވޯލްޑް ކަޕަށް ހާއްސަ ފޮތެއް ނެރެން ނިންމީ ގަތަރުގައި ބާއްވާ ވޯލްޑް ކަޕާ ގުޅޭ ވީހާވެސް ގިނަ މައުލޫމާތުތައް އަވަސްގެ ކިޔުންތެރިންނަށް ގެނެސްދިނުމުގެ ބޭނުމުގައި ކަމަށެވެ.
"އަޅުގަނޑު ޔަގީންކުރާ ގޮތުގައި އަވަސްގެ ސްޕޯޓްސް ޓީމުން ތައްޔާރުކުރި 'ކިޔުޓެކް ވޯލްޑް ކަޕް' ފޮތަކީ މުބާރާތާ ގުޅޭ އެންމެ ގިނަ މައުލޫމާތު އަދި އެންމެ ފަހުގެ މައުލޫމާތު ލިބޭނެ ފޮތަށް ވާނެ. ދިވެހި މާހައުލާއި ވޯލްޑް ކަޕް ގުޅުވާލުމަށްޓަކައި ދިވެހިންނަށް ހާއްސަ ބައެއް މައުލޫމާތު ވެސް މި ފޮތުން ލިބޭނެ،" ރިފާއު ވިދާޅުވި އެވެ.
އަވަސް އިން ތައްޔާރުކުރި ވޯލްޑް ކަޕް ފޮތުގެ ޓައިޓަލް ޕާޓްނަރަކީ ކިޔުޓެކް އެވެ. މީގެ އިތުރުން މެޑިޓެކް، ހަމްސް، އެކްސްޕާގްލޯބަލް، ރޮނިކްސް، ސްޓެލްކޯ، ހެޕީމާކެޓް، ސައިރިކްސް، އެމްސެވަން، ބްރަދަހުޑްއިންވެސްޓްމަންޓަކީ މި ފޮތުގެ ސްޕޮންސަރުންނެވެ.
"އަވަސްގެ ސްޕޯޓްސް ޓީމުގެ މި މަސައްކަތުގައި ސްޕޮންސަރުންގެ ފަރާތުން ލިބުނު އެހީތެރިކަމާއި އެއްބާރުލުމަށް އަވަސްގެ ސްޕޮންސަރުންނަށް އަޅުގަނޑު މި ފުރުސަތުގައި ޝުކުރު ދަންނަވަން،" ރިފާއު ވިދާޅުވި އެވެ.
އަވަސް އިން ތައްޔާރުކުރި "ކިޔުޓެކް ވޯލްޑް ކަޕް" ފޮތުގައި ހިމެނޭ މުހިއްމު ބައިތަކުގެ ތެރޭގައި ގަތަރަށް ވޯލްޑް ކަޕް އެވޯޑް ކުރެވުނު ގޮތާއި، ވޯލްޑް ކަޕަށް ގަތަރުން ތައްޔާރުވި ގޮތާއި، ގަތަރަށް ކުރެވުނު ކޮރަޕްޝަނުގެ ތުހުމަތުތައް ހިމެނެ އެވެ. މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމެއްގެ އެންމެ ފަހުގެ މައުލޫމާތާއި، ފާހަގަކޮށްލެވޭ ކުޅުންތެރިން އަދި ޒުވާން ކުޅުންތެރިންގެ ޕްރޮފައިލްތައް ވެސް ހިމަނާފައިވާނެ އެވެ. ވޯލްޑް ކަޕްގައި މިހާތަނަށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ފުރުސަތު ލިބުނު ހަމައެކަނި ދިވެހި ރެފްރީ މުހައްމަދު ސައީދުގެ ހާއްސަ އިންޓަވިއު އެއްވެސް ފޮތުގައި ހިމަނާފައިވާނެ އެވެ.
މީގެއިތުރުން ވޯލްޑް ކަޕް މުބާރާތާ މެދު ރާއްޖޭގެ ޒުވާން ބައެއް ސިޔާސީ ބޭފުޅުން ދެކެވަޑައިގަންވާ ގޮތާއި އެ ބޭފުޅުންނާ ގުޅިފައިވާ ވޯލްޑް ކަޕްގެ ހަނދާންތައް ގެނެސްދީފައިވާނެ އެވެ. ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީ އާއި ރާއްޖޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހަމްޒާ މުހައްމަދު (ހަމްޕު)ގެ ވޯލްޑްކަޕް ޑްރީމް ޓީމު ވެސް ހިމަނާފައިވާނެ އެވެ. ވަކިން ހާއްސަކޮށް ވޯލްޑް ކަޕްގެ ދުވަސްވަރު އާއިލީ ގުޅުން ބަދަހިކުރާނެ ގޮތްތަކެއް ބުނެދީފައިވާނެ އެވެ.
އަވަސްގެ ކިޔުޓެކް ވޯލްޑް ކަޕް ފޮތް ބޭނުންވާ ކިޔުންތެރިންނަށް މި ފޮތް ހިލޭ ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.