ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން 36 އަހަރަށް ފަހު އާޖެންޓީނާ ހޯދުމާ އެކު ފެނުނީ އެޓީމާ ގުޅުހުރި ގިނަ ބަޔަކު ދަނޑަށް އަރައި އުފާފާޅުކުރިތަނެވެ. އޭގެތެރޭގައި އެޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން އާޖެންޓީނާ ކުޅުންތެރިންގެ އާއިލީ މެމްބަރުން ހިމެނެ އެވެ. އެކަމަކު ވޯލްޑް ކަޕް ތަށީގައި އަތްލުމުގެ ހުއްދަ ނެތް ތުރުކީގެ މަޝްހޫރު ޝެފް، ނުސްރަތު ގޮކްޝާ (މަޝްހޫރު ނަމުން ނަމަ ސޯލް ބޭ) ތަށީގައި ބޮސްދޭ މަންޒަރު އާއްމުވުމާ އެކު ބޮޑު މައްސަލައެއް ވަނީ ޖެހިފަ އެވެ.
ސޯލްޓް ބޭ ތަށީގައި އަތްލީ ކޮން ހައިސިއްޔަތަކުންކަން ނޭނގޭ އިރު ފުޓްބޯޅައިގެ އިސް ފަރާތްތަކާއި ސަޕޯޓަރުން އަންނަނީ، ފީފާ އަށް އެ މައްސަލަ ތަހުގީގްކުރަން ގޮވާލަމުންނެވެ. ފީފާގެ ގަވާއިދުގައިވާ ގޮތުން ވޯލްޑް ކަޕް ތަށީގައި އަތްލުމުގެ ހުއްދަ ލިބޭނީ އެކަމުގެ ހުއްދަ ލިބިފައިވާ ހާއްސަ ފަރާތްތަކަށެވެ. އޭގެތެރޭގައި ހިމެނެނީ ވޯލްޑް ކަޕް ކާމިޔާބުކުރާ ޓީމުގެ ކުޅުންތެރިންނާއި ފީފާގެ އޮފިޝަލުންގެ އިތުރުން ގައުމުތަކުގެ ވެރިންނެވެ.
ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި މި މަހުގެ 18 ވަނަ ދުވަހު ކުޅުނު ފައިނަލް އާޖެންޓީނާ އިން ކާމިޔާބުކުރީ ޕެނަލްޓީ ޖަހައިގެން ފްރާންސް ބަލިކޮށްގެންނެވެ. ތަށީގައި އަތްލުމުގެ ހުއްދަ ނެތް ސޯލް ބޭ އާއި އެހެނިހެން ފަރާތްތަކުން މެޗަށް ފަހު ވޯލްޑް ކަޕް ތަށީގައި އަތްލި މައްސަލަ ތަހްގީގްކުރަން ފީފާ އިން މިހާރު ވަނީ ނިންމައިފަ އެވެ.
"ވޯލްޑް ކަޕް ނިންމުމުގެ ރަސްމިއްޔާތަށް ފަހު އަމިއްލަ ފަރާތްތަކުން ދަނޑަށް އެރި މައްސަލަ ފީފާ އިން މިހާރު އަންނަނީ ބަލަމުން. އެކަން ބެލުމަށް ފަހު އެކަށީގެންވާ ފިޔަވަޅު އަޅާނެ" ބީބީސީ ސްޕޯޓްސް އަށް ދިން އިޓަވިއުއެއްގައި ފީފާގެ ސްޕޯކްސްޕާސަން ބުންޏެވެ.
އިންފަންޓީނޯގެ ހާއްސަ ހުއްދައެއް ސޯލްޓް ބޭ އަށް؟
ސޯލްޓް ބޭ ވޯލްޑް ކަޕް ތަށީގައި ބޮސްދިނުމަށް ފަހު އެ ފޮޓޯތައް ވަނީ ސޯޝަލް މިޑީއާގައި ވެސް އާއްމުކޮށްފަ އެވެ. މި ފޮޓޯޓަކާ އެކު ގިނަ ބަޔަކު ތުހުމަތުކުރަމުން އަންނަނީ އެއީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އާއި ސޯލްޓް ބޭއާ ދެމެދު އޮންނަ އެކުވެރިކަމުގެ ތެރެއިން ފަހިވި ފުރުސަތެއް ކަމަށެވެ. ވޯލްޑް ކަޕް ފައިނަލަށް ދިއުމަށް ސޯލްޓް ބޭ އަށް ދައުވަތު ދިނީ ވެސް ފީފާގެ ރައީސް އިންފަންޓީނޯ ކަމަށް އެއް ބަޔަކު ތުހުމަތުކުރެ އެވެ. އެކަމަކު ފީފާ އިން ބުނީ ސޯލްޓް ބޭއާ އެ ފެޑެރޭޝަނާ ދެމެޗު ރަސްމީ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.
ފީފާ ވޯލްޑް ކަޕްގެ މެޗެއްގެ ތެރެއިން މިދިޔަ ނޮވެމްބަރު މަހު ސޯލްޓް ބޭ، މަޝްހޫރު ލެޖެންޑުންނާ އެކު ވީއައިޕީގައި އިން މަންޒަރުގެ ފޮޓޯތައް މިފަހަރު އާއްމުވި އެވެ. ސޯލްޓް ބޭ މެޗުބަލަން އިނީ ބްރެޒިލްގެ ލެޖެންޑް ރޮނާލްޑޯ އާއި ރޮބާޓޯ ކާލޯސްގެ އިތުރުން ކަފޫއާ އެކު އެވެ. ހަމަ އެދުވަހު އިންފަންޓީނޯއާ ސޯލްޓް ބޭ ބައްދަލުކޮށްފައިވެ އެވެ.
ސޯލްޓް ބޭ ދުނިޔެ އަށް މަޝްހޫރުވީ އޭނާ ހިންގަމުން އަންނަ ލަގްޒަރީ ސްޓޭކްހައުސް ތަކުންނެވެ. 2017 ވަނަ އަހަރު ސޯލްޓް ބޭގެ ވީޑިއޯތައް ވައިރަލްވީ އެ ރެސްޓޯރެންޓުގައި ހިދުމަތް ދިނުމުގައި ސޯލްޓް ބޭ ގެންގުޅޭ މޮޅު އުކުޅުގެ ސަބަބުންނެވެ. ސޯލްޓް ބޭގެ ރެސްޓޯރެންޓުން މަޝްހޫރު އެތުލީޓުން ވަނީ ހިދުމަތް ހޯދާފަ އެވެ. އޭގެތެރޭގައި ލިއޮނެލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ޑޭވިޑް ބެކަމް ހިމެނެ އެވެ.
ފީފާގެ ރައީސް އިންފަންޓީނޯ ވެސް ވަނީ ސޯލްޓް ބޭ ތައްޔާރުކުރާ މަޝްހޫރު ސްޓޭކްގެ ރަހަ ބައްލަވައިފަ އެވެ. އިންފަންޓީނޯ ސޯލްޓް ބޭގެ ރެސްޓޯރަންޓަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. އިންފަންޓީނޯ އެ ރެސްޓޯރެންޓަށް ކުރި ޒިޔާތަރުގެ ވީޑިއޯ މިހާރު ވަނީ ވައިރަލްވެފަ އެވެ.
ސޯލްޓް ބޭ ވޯލްޑް ކަޕް ތަށީގައި ބޮސްދީ ސޯޝަލް މީޑިއާގައި އާއްމުކުރި ވީޑިއޯއާ ގުޅިގެން ފުޓްބޯޅައިގެ ބައެއް މެޗުތަކަށް ނުވަދެވޭ ގޮތަށް އޭނާ ސަސްޕެންޑް ކޮށްފައިވާކަމަށް ރިޕޯޓްތައް ބުނެ އެވެ. ސޯލްޓް ބޭއާ މެދު ނިންމާ ގޮތެއް އެނގޭނީ ފީފާގެ ތަހްގީގަށް ފަހު އެވެ. ހުއްދަ ނެތި ސޯލްޓް ބޭ ދުނިޔޭގެ އެންމެ އަގުބޮޑު ތަށީގައި އަތްލި މައްސަލައިގައި އޭނާ މައްޗަށް ސަސްޕެންޝަނެއް އަންނާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކޮންމެއަކަސް ސޯލްޓް ބޭ އަށް ވޯލްޑް ކަޕް ތަށީގައި އަތްލެވުނު ގޮތެއް އަދި ކަށަވަރުވެފައެއްނުވެ އެވެ. އެނގޭހާވެސް އެއްޗަކީ ވޯލްޑް ކަޕް ފައިނަލް ބަލަން ސޯލްޓް ބޭ އަށް ހާއްސަ ހުއްދައެއް ލިބުނު ކަމެވެ. ތަށީގައި އަތްލަން ފުރުސަތު ލިބުނު ސަބަބު ހާމަވާނީ ފީފާގެ ތަހުގީގަށް ފަހު އެވެ. ސޯލްޓް ބޭ އަށް އެވަރުގެ ހުއްދައެއް ލިބުނީ ފީފާގެ ރައީސް އިންފަންޓީނޯގެ ސަބަބުން ކަމަށް ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.