ކުޅިވަރު

ވޯލްޑް ކަޕް ތައްޓާ އެކު އާޖެންޓީނާ ތަމްސީލުކުރަން މެސީ އަށް އިތުރު ހިތްވަރެއް

ފީފާ ވޯލްޑް ކަޕް ތައްޓާ އެކު އާޖެންޓީނާ ގައުމީ ފުޓްބޯޅަ ޓީމަށް ކުޅުން ހުއްޓާލަން ބޭނުންނުވާ ކަމަށާއި، ބޭނުންވަނީ ޗެމްޕިއަނުންގެ ޖާޒީގައި އިތުރު މެޗުތަކެއް ކުޅެން ކަމަށް ކެޕްޓަން ލިއޮނެލް މެސީ ބުނެފި އެވެ.

އާޖެންޓީނާ އިން ރޭ ވަނީ 36 އަހަރަށް ފަހު ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ގަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 3-3 އިން ދެޓީމު އެއްވަރުވުމުން ޖެހި ޕެނަލްޓީގައި އާޖެންޓީނާ ކުރި ހޯދީ 4-2 އިންނެވެ.

މެޗަށް ފަހު ނޫސްވެރިން މެސީއާ ކުރިމަތި ކުރުވި ފުރަތަމަ ސުވާލަކީ އާޖެންޓީނާގެ ޓީމުން މެސީ ދެން ފެނިދާނެތޯ އެވެ. މެސީ ބުނީ ދުނިޔޭގެ ޗެމްޕިއަނުންގެ ޖާޒީގައި އަދި އިތުރު މެޗުތަކެއް ކުޅެން ބޭނުންވާކަމަށެވެ.

"ފުޓްބޯޅަ ދެކެ އަހަރެން ލޯބިވޭ. އެއީ އަހަރެން ކުރާ ކަމަކީ" މެޗަށް ފަހު މެސީ ބުންޏެވެ.

މެސީގެ އުމުރުން މިހާރު 35 އަހަރެވެ. އަންނަ އަހަރު 36 އަހަރު ފުރޭއިރު 2026 ގެ ވޯލްޑް ކަޕް އަންނައިރު މެސީގެ އުމުރުން 39 އަހަރު ވާނެ އެވެ. އާޖެންޓީނާ ޓީމުގައި އިތުރު މެޗުތަކެއް ކުޅޭނެކަމަށް މެސީ ބުނެފައިވާއިރު ދެން އަންނަ ވޯލްޑް ކަޕްގައި އޭނާ ކުޅެން ބޭނުންވާކަން ހާމަކޮށްފައެއްނުވެ އެވެ. މި ވޯލްޑް ކަޕްގެ ކުރިން މެސީ ބުނެފައިވަނީ، މިއީ ވޯލްޑް ކަޕްގައި އޭނާ ފެންނާނެ ފަހު ފަހަރު ކަމަށެވެ. އެކަމަކު މެޗަށް ފަހު އާޖެންޓީނާ ކޯޗު ލިއޮނެލް ސްކަލޯނީ ބުނީ 2026 ވަނަ އަހަރު މެކްސިކޯ އާއި ކެނެޑާ އަދި އެމެރިކާގައި އޮންނަ ވޯލްޑް ކަޕްގައި މެސީ ކުޅެން ބޭނުންވާ ކަމަށެވެ.

"ގައުމީ ޓީމާ އެކު ހުރުމަކީ އަހަރެންނަށް ލިބޭ ހިތްހަމަޖެހުމެއް. އަދި އަހަރެން ބޭނުން ދުނިޔޭގެ ޗެމްޕިއަނުންގެ ޖާޒީގައި އިތުރު މެޗުތަކެއް ކުޅެން" މެސީ ބުންޏެވެ.

އާޖެންޓީނާ އިން ވޯލްޑް ކަޕް ކާމިޔާބު ކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ މެސީ އެވެ. މެސީ ވަނީ އެޓީމު ކުޅުނު ހަތް މެޗުގައި ހަތް ގޯލު ޖަހައި ފަސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. ފައިނަލުގައި ފްރާންސް ކޮޅަށް މެސީ ދެ ގޯލު ޖެހި އެވެ. ވޯލްޑް ކަޕްގެ ފަސް މުބާރާތުގައި މެސީ ޖެހި ގޯލުގެ އަދަދު މިހާރު ވަނީ 13 އަށް އަރައިފަ އެވެ.

މެސީ ބުނީ ވޯލްޑް ކަޕަކީ އޭނާ އެތައް ދުވަހެއްވީ އިންތިޒާރެއްގެ ނިމުން ކަމަށާއި ކެރިއަރު ނިންމާލުމުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދަން ބޭނުންވި ކަމަށެވެ.

ވޯލްޑް ކަޕާ އެކު ކެރިއަރުގައި މެސީ އަށް ހުރިހާ ކާމިޔާބީއެއް ލިބުނީ އެވެ. އޭނާ ވަނީ ކްލަބް ކެރިއަރުގެ ހުރިހާ ތައްޓަކާއި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް ހަތް ފަހަރު ހޯދާފަ އެވެ.