ކުޅިވަރު

ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް މެސީ އަށް

ގަތަރުގައި މިރޭ ނިމުނު 22 ވަނަ ފީފާ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ޗެމްޕިއަންކަން ހޯދި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ހޯދައިފި އެވެ.

އާޖެންޓީނާ އިން ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ރޭ ޕެނަލްޓީ ޖަހައިގެން 4-2 އިން ފްރާންސް ބަލިކޮށްގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ނިމުނީ 3-3 އިން ދެޓީމު އެއްވަރުވެގެންނެވެ. ފްރާންސް ކޮޅަށް މެސީ ވަނީ ދެ ގޯލު ޖަހައިފަ އެވެ.

މެސީ ވަނީ މިފަހަރުގެ މުބާރާތުގައި ހަތް ގޯލު ޖަހައިފަ އެވެ. މެސީ އަށް ވުރެ އިތުރަށް އެއް ގޯލު ޖަހައިގެން މިފަހަރުގެ ރަން ބޫޓު ހާސިލްކުރީ ކިލިއަން އެމްބާޕޭ އެވެ. އެމްބާޕޭ ވަނީ ފައިނަލުގައި އާޖެންޓީނާ ކޮޅަށް ހެޓްރިކް ހަދައިފަ އެވެ.

މެސީ ޖެހި ހަތް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ ޕެނަލްޓީ އިންނެވެ. އަނެއް ތިން ގޯލު ޖެހީ ކުޅުމުގެ ތެރެއިން އެވެ. މީގެ އިތުރުން ގްރޫޕް ސްޓޭޖުގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީއެއް މެސީ އަތުން ބޭކާރުވި އެވެ.

މޮޅު ކުޅުންތެރިޔާ ހޯދިއިރު މެސީ ވަނީ މުބާރާތުގެ ހުރިހާ ސްޓޭޖެއްގައި ލަނޑު ޖަހައިފަ އެވެ. މިއާ އެކު މެސީ ވެފައިވަނީ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖާއި، ދެވަނަ ބުރުގެ އިތުރުން ކުއާޓާ ފައިނަލް، ސެމީ ފައިނަލް އަދި ފައިނަލުގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާ އަށެވެ.

މެސީގެ އަނެއް ރެކޯޑަކީ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެފަހަރު ހޯދި ހަމައެކަނި ކުޅުންތެރިޔާ އަށް ވުމެވެ. 2014 ވަނަ އަހަރުގެ ފައިނަލުގައި ޖަރުމަނު އަތުން އާޖެންޓީނާ ބަލިވިއިރު މެސީ ވަނީ އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.

އުމުރުން 35 އަހަރުގައި ހޯދި ކާމިޔާބީއާ އެކު މެސީ ވެފައިވަނީ ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާއަށެވެ. މީގެކުރިން މެސީ އަށް އަތްނުލެވި އޮތީ ފީފާ ވޯލްޑް ކަޕްގެ ތަށީގަ އެވެ. ކްލަބާއި ގައުމީ ޓީމުގައި އެހެން ކާމިޔާބީތައް މެސީ ހާސިލްކުރި އެވެ.

މުބާރާތުގެ ތެރެއިން މެސީ ބުނީ މިއީ ވޯލްޑް ކަޕްގައި އޭނާ ފެންނާނެ އެންމެ ފަހު ފަހަރު ކަމަށެވެ. މިފަހަރުގެ މެސީގެ ވޯލްޑް ކަޕަކަށް އޭނާ ހެދީ ސްޓައިލްގަ އެވެ. މި މުބާރާތާ އެކު މެސީ އަކީ މިހާރު ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އެވެ. ފައިނަލާ އެކު މެސީ ވަނީ 26 މެޗު ވޯލްޑް ކަޕްގައި ކުޅެފަ އެވެ. ކުރިން މި ރެކޯޑް އޮތީ 25 މެޗު ކުޅުނު ޖަރުމަނުގެ ލޮތަ މެތިއަސް އަތުގަ އެވެ. އަނެއްކޮޅުން ވޯލްޑް ކަޕްގައި މިހާރު އެންމެ ގިނަ މިނެޓު ކުޅުން ކުޅުންތެރިޔަކީ ވެސް މެސީ އެވެ. ކުރީގެ ޑިފެންޑަރު ޕައޮލީ މަލްޑީނީ އަތުގައި އޮތް މި ރެކޯޑް މެސީ މުގުރާލީ މިފަހަރުގެ ފައިނަލުގަ އެވެ.

ވޯލްޑް ކަޕްގެ އެހެން މަގާމްތަކަށް ބަލާއިރު އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް އެވެ. އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމް ހޯދީ އާޖެންޓީނާގެ އެންޒޯ ފެނާންޑޭޒް އެވެ. އާޖެންޓީނާ ތަށި ހޯދިއިރު މެދުތެރޭގައި އެންޒޯ ފެނާންޑޭޒް މޮޅު ކުޅުމެއް ދެއްކި އެވެ.

ފީފާ ވޯލްޑް ކަޕްގެ ތިންވަނަ ހޯދީ ކްރޮއޭޝިއާ އެވެ. ހަތަރު ވަނަ ލިބުނީ މޮރޮކޯ އަށެވެ.

ވޯލްޑް ކަޕް ދެން އޮންނާނީ 2026 ވަނަ އަހަރު އެވެ. އެ މުބާރާތް އޮންނާނީ މެކްސިކޯ، ކެނެޑާ އަދި އެމެރިކާގަ އެވެ. 2026 ވަނަ އަހަރުން ފެށިގެން 48 ގައުމު ވޯލްޑް ކަޕްގައި ވާދަކުރާނެ އެވެ.