ކުޅިވަރު

މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް: މެސީ

ނޮވެމްބަރު މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަކީ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފި އެވެ.

އުމުރުން 35 އަހަރުގެ މެސީ ވަނީ 2006 އިން ފެށިގެން މިދިޔަ ހަތަރު ވޯލްޑް ކަޕްގައި ކުޅެފަ އެވެ. ހަތަރު ވޯލްޑް ކަޕްގައި ކުޅުނު 19 މެޗުގައި މެސީ ވަނީ 6 ގޯލު ޖަހައި 5 ގޯލު ޖަހަން އެހީތެރިވެދީފަ އެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފައިނަލުގައި ޖަރުމަނު އަތުން އާޖެންޓީނާ ވަނީ ބަލިވެފަ އެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މެސީ އެވެ. އޭގެފަހުން ކޮޕާ އެމެރިކާގެ ދެ ފައިނަލުގައި ބަލިވި ނަމަވެސް 2021 ވަނަ އަހަރުގެ މުބާރާތް އާޖެންޓީނާ އިން ވަނީ ކާމިޔާބުކޮށްފަ އެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ މެސީގެ ކާމިޔާބު ކެރިއަރު ފުރިހަމަކުރަން އޮތް ރަނުގެ ފުރުސަތެކެވެ.

"މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް" އީއެސްޕީއެން އަށް ދިން އިންޓަވިއުއެއްގައި މެސީ ބުންޏެވެ.

މެސީ ބުނީ ގަތަރު ވޯލްޑް ކަޕަށް އޭނާ ދުވަސްތައް ގުނަމުންދާއިރު މުބާރާތުގެ ހާސްކަން މިހާރުވެސް އެބައޮތް ކަމަށެވެ. ހާއްސަކޮށް މުބާރާތުގައި ވާނެ ގޮތަކާ މެދު ވިސްނޭ ކަމަށް މެސީ ބުންޏެވެ.

2005 ވަނަ އަހަރު ސީނިއާ ގައުމީ ޓީމުން ފުރުސަތު ހޯދައި މެސީ ވަނީ އެގައުމަށް ކުޅުނު 164 މެޗުގައި 90 ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ރަނގަޅު ފޯމެއްގައި އޮތް އާޖެންޓީނާ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާނީ ސައުދީ އަރަބިއާ، މެކްސިކޯ އަދި ޕޮލެންޑާ އެކު ގްރޫޕް ސީ ގަ އެވެ.

"ވޯލްޑް ކަޕެއްގައި ކޮންމެ ނަތީޖާއެއް ވެސް ނުކުމެދާނެ. ހުރިހާ މެޗެއް ވެސް ވަރަށް އުނދަގޫ ވާނެ. ފޭވަރިޓް ޓީމު އަބަދު މޮޅުވެސް ނުވެދާނެ" މެސީ ބުންޏެވެ.

މެސީ އިތުރަށް ބުނީ އާޖެންޓީނާ އަކީ ފޭވަރިޓުންކަމަށް ނުދެކޭ ކަމަށާއި އެކަމަކު ތާރީހަށް ބަލައި އެޓީމު އަބަދުވެސް މުބާރާތް ކާމިޔާބު ކުރާނެ ޓީމުތަކުގެ ލިސްޓުގައި ހިމެނޭނެ ކަމަށެވެ.

"މިހާރުގެ ފޯމަށް ބަލާއިރު އާޖެންޓީނާ އަކީ ފޭވަރިޓުންނޭ މީހުން ބުނޭ. އެކަމަކު އާޖެންޓީނާ އަކީ ފޭވަރިޓުންނެއް ނޫން. އާޖެންޓީނާ އަށް ވުރެ ވަރުގަދަ އެހެން ޓީމުތައް އެބަހުރި" ވޯލްޑް ކަޕް ކާމިޔާބުކުރަން އަމާޒު ހިފާފައިވާ މެސީ ބުންޏެވެ.