ކުލަބް ވޯލްޑް ކަޕް

މެސީގެ އިންޓަ މަޔާމީއަށް ކްލަބް ވޯލްޑް ކަޕުން ޖާގައެއް

އަންނަ އަހަރުގެ ޖޫން މަހު އެމެރިކާގައި ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕުގައި ވާދަކުރުމުގެ ފުރުސަތު ލިއޮނަލް މެސީގެ އިންޓަ މަޔާމީއަށް ލިބިއްޖެ އެވެ.

މި ފުރުސަތު މަޔާމީއަށް ދޭން ނިންމިކަން އިއުލާނުކުރެއްވީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.

މަޔާމީއަށް މި ފުރުސަތު ލިބުނީ އެމްއެލްއެސްގެ ސަޕޯޓާސް ޝީލްޑް ކާމިޔާބުކުރުމާ ގުޅިގެންނެވެ.

މެސީގެ ހެޓްރިކާއެކު ނިއު އިންގްލެންޑް ރިވޮލޫޝަން އަތުން 6-2 އިން މޮޅުވެ، ސަޕޯޓާސް ޝީލްޑް ހޯދި މެޗުގެ ނިމުމުގެ ރަސްމިއްޔާތުގައި އިންފަންޓީނޯ ވިދާޅުވީ މުބާރާތުގެ ފުރަތަމަ މެޗު މަޔާމީގެ ހާޑް ރޮކް ސްޓޭޑިއަމްގައި ކުޅޭނެ ކަމަށެވެ.

އަންނަ އަހަރުގެ ޖޫން 15 އިން ޖުލައި 13 އަށް ކުޅޭ މި މުބާރާތުގައި 32 ޓީމު ވާދަކުރާނެ އެވެ. މީގެ ތެރޭގައި ރެއާލް މެޑްރިޑް، އެތުލެޓިކޯ މެޑްރިޑް، މެންޗެސްޓާ ސިޓީ، އިންޓަ މިލާން އަދި ބެޔާން މިއުނިކް ފަދަ މަޝްހޫރު ޓީމުތައް ހިމެނެ އެވެ.

މެސީގެ އިތުރުން ބާސެލޯނާގެ ކުރީގެ ތަރިން ކަމަށްވާ ސާޖިއޯ ބުސްކެޓްސް، ލުއިސް ސުއަރޭޒް އަދި ޑޭވިޑް އަލަބާ ހިމެނޭ އިންޓަ މަޔާމީ މި މުބާރާތުގައި ފެނިގެންދާނެ އެވެ.

ނަމަވެސް މި މުބާރާތުގެ ސަބަބުން ކުޅުންތެރިންނަށް އިތުރު ލޯޑެއް އަންނާނެ ކަމަށް ބުނެ ކުޅުންތެރިންގެ ޖަމިއްޔާ އިން ވަނީ މުބާރާތް ނުބޭއްވުމަށް ގޮވާލާފަ އެވެ. އެހެންނަމަވެސް، ފީފާއިން ނިންމާފައިވަނީ ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު މި މުބާރާތް ބޭއްވުމަށެވެ.