(14 އޮކްޓޯބަރ 2024 އާ ގުޅޭ )
"ރާހިން. މިއަދު ހާދަ ތަފާތުކޮށޭ ފެންނަނީ. ކަމެއްވީތަ؟." މާޔާ ބުންޏެވެ.
"އަހަރެން ސުވާލެއް ކުރަންތަ؟." ރާހިން ބުންޏެވެ. އޭނާ މާޔާއަށް ބަލާލީ ވެސް ދެނެވެ. މާޔާ އާނއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީ އެވެ.
"އަހަރެންނަށް ހައިކް ހޯދާ ނުދެވިއްޖެނަމަ ކިހިނެއް ހަދާނީ؟. މާޔާ އަހަރެންގެ އަނތްބެއްގެ ގޮތުގައި ދެން ވެސް އިންނާނަންތަ؟." ފުންނޭވާއެއް ދޫކޮށްލާފައި ރާހިން އަހާލި އެވެ.
މާޔާއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އޭނާއަށް ރާހިން ކުރި ސުވާލު ދޭހަނުވީކީ ނޫނެވެ. ރާހިންގެ ނަޒަރު މާޔާއާ ވަކިކޮށްނުލާތީ އެކަމުން ވެސް މާޔާގެ ހިތް އަވަސްވަމުން އައެވެ.
"މާޔާ ދައްކާނޭ ވާހަކައެއް ހަމަ ނެތީތަ؟. އެކަމަކު އަހަރެން ދައްކަން ބޭނުންވާ ވަރަށް ގިނަ ވާހަކަ އެބަހުރި. އަހަރެންނަށް ހީވަނީ ގޯސް ހެދުނީ އަހަރެންނަށްހެން... އާން... ހީވަނީއެއްނޫން. އަހަރެންނަށް އެނގޭ އަހަރެން ކުރި ކަންތައް." ރާހިން ވާހަކަދެއްކި އެވެ.
"ރާހިން ޕްލީޒް." މާޔާއަށް ބުނެވުނެވެ.
"ކޮންމެވެސް އެކަކު ވާހަކަ ދައްކަން އެބަޖެހޭ. އަހަރެންނަށް އެނގެނީ މާޔާ ނުބުނާނެކަން. މާޔާ ހަނދާންވޭތަ ލަންކާއިން އަހަރެމެން ފުރަތަމަ ބައްދަލުވި ދުވަސްތައް. އަހަރެންގެ އެކުވެރިކަން ޤަބޫލުކުރި ނަމަވެސް ކިހާ ދުވަހަކުން މާޔާ އަހަރެންނަށް އިތުބާރު ކުރީ. މާޔާ އަހަރެންނާ އެންމެ ގިނައިން ކުރި ސުވާލު ހަނދާން އެބަހުރިތަ؟... މާޔާ އަބަދު އޭރު އަހަމެންނު އަހަރެން މާޔާއަށް އެހީވަނީ ކީއްވެހޭ؟. ކޮންކަމެއްހޭ އަހަރެން ބޭނުންވަނީ؟. އެއްވެސް މީހަކު އަނެކާގެ ފަރާތުން އެއްޗެއް ބޭނުންނުވެ ނުހުންނާނެއޭ. ބަދަލުގައި އެއްޗަކަށް ނޭދޭނެ މީހަކު މި ދުނިޔޭން ހޯދުމަކީ ވާނޭކަމެއްނޫނޭ... އެފަދަ ސާފު ހިތެއް ލިބިފައިވާ އިންސާނަކު އުޅޭނޭކަމަށް ޤަބޫލެއް ނުކުރެވެޔޭ... މިހާރު އަހަރެންނަށް އެކަން ވިސްނިއްޖެ. މާޔާ ކީއްވެތަ އަހަރެންނާ ދިމާއަށް ނުބުނީ. އަހަރެން އަމިއްލަ އެދުމުން ފޯވެ މާޔާގެ ބަލިފައިގައި ހިފިއިރު ކީއްވެ އެއްޗެކޭ ނުބުނަން ތި އިންނަނީ." ރާހިން އެ ހިސާބަށް ބުނެފައި ވާހަކަ ހުއްޓާލި އެވެ. އިސްއޮބާލި ގޮތަށް މާޔާ އަދިވެސް އިނީ އެވެ. އޭނާ ރާހިން ކުށްވެރި ކުރާން ބޭނުންނުވާ ކަހަލަ އެވެ.
"ހެޔޮނުވާނެ މާޔާ. ތި ހިތުގައި އޮތް އެއްޗެއް ބުނެބަލަ. ގައިމު ކޮންމެވެސް ޚިޔާލުތަކެއް ތި ސިކުނޑީގައި ހިނގާނެއެއްނު. އަހަރެންނަށް ފެނެޔޭ މާޔާ ފިކުރުބޮޑުވެފައި ހުންނަތަން." އިރުކޮޅަކު ރާހިން މަޑުކޮށްލާފައި ވާހަކަދެއްކީ މާޔާއަށް އެއްޗެކޭ ބުނަން ފުރުޞަތު ދީފަ އެވެ.
"ރާހިންއަށް އިތުބާރު ކުރެވިދާނޭކަން އެނގޭ. އަހަރެންނާމެދު ދުވަހަކުވެސް އިޙްތިރާމް ކުޑަވާނޭ ފަދަ ކަމެއް ކޮށްފައެއްނުވޭ. ދޮގުހަދައި އޮޅުވާލަފައެއް ވެސް ނެތް... ތިކަހަލަ ރަނގަޅު މީހުން ވަރަށް މަދު." މާޔާ ބުންޏެވެ.
"އަހަރެން މި އަހަނީ މާޔާގެ ހިތުގައިވާ އެއްޗެއް. އިޙްސާސްތަކުގެ ވާހަކަ... އަހަރެން ލޯބިވޭ މާޔާދެކެ. އެއީ ފުރަތަމަ ނަޒަރުން ވެވުނު ލޯތްބެއް ނޫން. މަޑުމަޑުން މާޔާއާއެކު ހޭދަވި ވަގުތާއެކު މާޔާގެ ގޮތް އެނގެން ފެށުމުން އަހަރެންގެ ހިތް މާޔާގެ މައްޗަށް ލެނބުނީ. ހަޔާތުގެ ދަތުރުގައި ބައިވެރިއެއްގެ ގޮތުގައި އަހަރެންނާއެކީ މާޔާ ޝާމިލްކުރުމުގެ ހުވަފެން ދެކޭތާ ވަރަށް ދުވަސްވެއްޖެ. އަހަރެން ހީކުރީ އޭރުގެ ހިތްދަތިކަމުން އަރައިގަނެ މިޔާއިން މާޔާއަށް ބަދަލުވުމުން ތި ހިތް ވެސް ލޯބީގެ ފުރުޞަތުތަކަށް ހުޅުވިގެންދާނޭ. މާޔާއަށް ބޭނުންވަނީ ރަނގަޅު އޯގާތެރި ލޯބިދޭނޭ މީހެކޭ. އެފަދަ މީހަކަށް ތި ހިތް އަތުލެވިދާނޭ... މާޔާ ބުނެބަލަ. އަހަރެންނަށް ތި ހިތުން ޖާގަ ދެވިދާނެތަ؟. ހައިކް ނުލިބުނަސް މާޔާ އަހަރެންނާ ކައިވެނި ކުރާނަންތަ؟." ރާހިން އެންމެފަހުން ތަކުރާރުކޮށްލީ އޭނާ ފުރަތަމަ މާޔާއާ ކުރިމަތި ކުރުވި ސުވާލެވެ. މާޔާ ސޯފާއިން ތެދުވި އެވެ. ދެ އަތް އުރާލައިގެން ހުރެ އޭނާ ދެކޮޅަށް ހިނގާލި އެވެ. މަޑުމަޑުން ތުންފަތް ހަފަމުން އޭނާގެ ނިތަށް ގިނަވަމުންދިޔަ ރޫތަކުން މާޔާއަށް ލިބިފައިވާ ނުތަނަވަސްކަން ހާމަވެއެވެ. އިރުކޮޅަކު އެހެން އުޅުމަށްފަހު މާޔާގެ ހިނގުން ހުއްޓާލައި ސޯފާގައި އިން ރާހިންއަށް އޭނާ ބަލާލައިފި އެވެ.
"އަހަރެންނަށް މަޢާފްކުރޭ. ރާހިން ދެރަވާނެކަން އެނގޭ. އަހަރެން އެގޮތް ބޭނުމެއްނޫން. އެކަމަކު އަހަރެންގެ އަތަކު ރާހިން އުފާވާނޭ ޖަވާބެއްނެތް. އަހަރެންގެ މި ހިމޭންކަމުގެ އަސްލަކީ އެއީ. ރާހިން އެނގެން ބޭނުންވިޔަސް ތި ސުވާލުތަކަށް ޖަވާބެއް ދޭން އަހަރެންނަށް އުނދަގުލީ އެހެންވެ." މާޔާ ބުންޏެވެ.
"މާޔާ ހީކުރާހާ ނައިސް މީހެއްނޫން މަށަކީ. މާޔާގެ އިޙްސާސްތައް އަހަރެންނަށް އަބަދުވެސް އެނގޭ. ބައެއްފަހަރު ވަރަށް ރުޅިގަދަވޭ. އަނެއްބައި ފަހަރު ސުވާލުތަކުން އަހަރެން ގޮތް ހުސްވޭ... އިޒީކިއަލް ކަހަލަ މީހަކަށް މާޔާ ޑިޒާވެއްނޫން. އަހަރެން ހިތަށް އަރާ އޭނާ ކަންތައް ކުރިގޮތް މާޔާއަށް އެނގޭއިރު ވެސް ކީއްވެބާއޭ ތިހިތުގައި އެހާ ޚާއްޞަ ކަމެއް އޭނާއަށް ދެވިފައިވަނީ. ކީއްވެބާއޭ އޭނާގެ މަތިން ހަނދާންނައްތާލަން ބޭނުންނުވަނީ. އެހާބޮޑު ހިތާމައަކާއި ހިތްދަތިކަމެއް ދިން މީހަކަށް މާޔާ ނަފުރަތު ނުކުރަނީ ކީއްވެބާއޭ. ދުވަހަކުވެސް މާޔާއަށް އެހެން ފިރިހެނަކަށް ލޯބީގެ ނަޒަރުން ބެލިދާނެބާއޭ... މި ހުރިހާ ކަމެއް މިހެން އޮއްވާ އަހަރެންގެ އަމިއްލަ އެދުން ކުރިޔަށް ނެރުނީ. ހަޤީޤަތަށް ވެސް އަހަރެން މާޔާދެކެ ވަރަށް ލޯބިވޭ. ދަރިފުޅުގެ ހަޤީޤަތް އިޒީކިއަލް ސިއްރުކުރިކަން އެނގުނީމަ އަހަރެން އެ ފުރުޞަތުގެ ބޭނުން ހިފީ. އަހަރެންނަށް އެނގޭ ހައިކްއަށް ޓަކައި މާޔާ ކޮންމެކަމެއް ވެސް ކޮށްފާނޭކަން. އަދި މިހާ ދުވަހު ހައިކްއާ ދުރުގައި އުޅޭންޖެހުނީތީ މާޔާގެ ވިސްނުން ހުންނާނީ ކިހިނެއްކަން އަހަރެންނަށް ދެނަގަންނަން އެނގޭ. ހިތަށް އެރީ މިއަށްވުރެ ރަނގަޅު ފުރުޞަތެއް ދެން އަހަރެންނަށް ނުލިބޭނޭ... މާޔާ އަމިއްލައަށް އަހަރެންނާ އިންނާކަށް ޤަބޫލެއްނުވާނޭ. އެހެންވީމަ ކައިވެނި ކުރަން ޝަރުތެއް ކަނޑައެޅީ... އެއީ ގޯހެއް... އެނގޭތަ މިއަދު ބައްޕައާ އަހަރެން ބައްދަލުކުރާން ދިޔައީ ކީއްވެކަން... މި ހުރިހާ ހަޤީޤަތެއް ކިޔައިދޭން. ބައްޕަގެ ޚިޔާލެއް ހޯދަން." ރާހިން މިހެން މޫނުގައި ދެ އަތްތިލައިން ފިރުމާލާފައި ފުންނޭވާއެއް ދޫކޮށްލި އެވެ. ހަށިގަނޑު ފަހަތަށް ވާހެން ދޫކޮށްލުމާއެކު އޭނާގެ ނަޒަރު ފަންގިފިލާއަށް ހުއްޓާލި އެވެ.
"ރާހިން ލޯބިވާކަން އެނގޭ. ރާހިންގެ ދެ ލޮލުން ހުރިހާ އެއްޗެއް ފެނޭ. މައްސަލައަކީ އަހަރެން. މި ހިތް ބަދަލުނުވީ ކީއްވެކަމެއް ނޭނގޭ. ހިތުގައި އުފެދުނު އިހްސާސްތަކުގެ މައްޗަށް ބާރެއް ނުފޯރުވޭ. އެހެންވިޔަސް އަހަރެން މަސައްކަތް ކުރީން. އަމިއްލަ ހިތާއި ނަފްސުގެ މައްޗަށް މަޖުބޫރުކުރީން." މާޔާ ދެރަވެލާފައި އިސްޖަހާލީ އެވެ. އިޒީކިއަލްދެކެ އެވަރަށް ލޯބިވުމަކީ މާޔާއަށް ކުރެވޭ ކުށެއްބާއޭ ހިތަށް އަރަނީ އެވެ.
"ސާފުކޮށް ހުރިހާ އެއްޗެއް ފެންނަނީ މާޔާއަށް އެކަންޏެއްނޫން. އަހަރެންނަށް ވެސް މާޔާގެ ހިތުގައިވާ އެއްޗެއް އެބަފެނޭ... އަހަރެންނާ ކައިވެނި ކުރިޔަސް މާޔާއަށް އިޒީކިއަލްގެ މަތިން ހަނދާންނައްތައެއް ނުލެވޭނެ. އޭނާ ވެސް މާޔާ ބޭނުން. އަހަރެމެން ދެ މީހުން ވެސް މާޔާ ބޭނުން. އެކަމަކު ކުރި ލިބޭނީ ކާކަށްކަން އަހަރެންނަށް އެނގޭ... އެހެން އެކަންވާނެ ސަބަބު ވެސް އެނގޭ." ރާހިން ބުންޏެވެ. އޭނާ ޤަބޫލުކުރަނީ އިޒީކިއަލްގެ ކައިރިޔަށް މާޔާ ދާނެ އެންމެ ބޮޑު ސަބަބަކީ އެ ދެމީހުންގެ ދަރިއަކު ހުރުމެވެ. އެ ގުޅުމަކީ ރާހިންއަށް ބާރުފޯރުވޭނެ ގުޅުމެއްނޫނެވެ. އޭނާގެ ބައްޕަގެ ލަފައަކީ ވެސް މާޔާއާއި ދަރިފުޅުގެ ދެމެދަށް ރާހިން ނުވަނުމެވެ. މާޔާ އަމިއްލަ އިޚްތިޔާރުގައި ރާހިން ޚިޔާރުކޮށްފިނަމަ ދެމީހުންނަށް އެކުގައި އުޅެވިދާނެކަމުގެ އުންމީދު އެބައޮތްކަމެވެ. ކައިވެނި ކުރި ނަމަވެސް އެ ކައިވެނީގައި ކުޑަ ވެސް މަޖުބޫރުކަމެއްވާނަމަ ކައިވެންޏަކުން ލިބެންޖެހޭ ހަޤީޤީ އުފާވެރިކަމާއި ރާހަތެއް ނުލިބޭނެކަން ރާހިން ގާތު ޒަހީންވަނީ ބުނެފަ އެވެ. އެފަދަ ކައިވެނިތައް ރޫޅޭލެއް އަވަސްވާނޭކަން ވެސް ޒަހީން އޮތީ ވިސްނާދީފަ އެވެ. އަމިއްލަ އެދުން އިސްކޮށްގެން މާޔާގެ ލޯބި ގަދަކަމަކުން ނުހޯދޭނެކަން ރާހިންއަށް ވެސް ޤަބޫލުކުރެވެ އެވެ. ރަނގަޅު ގޮތް ނިންމަން އޭނާ ބޭނުންވީ އެހެންވެ އެވެ.
"ރާހިންގެ ހިތުގައި ޖައްސާކަށް އަހަރެންނަކަށް ނުކެރޭނެ." މާޔާއަށް ދެ ލޯ މަރާލެވުނެވެ.
"އަހަރެންގެ ހިތުގައި ނުޖައްސަން މާޔާ ނިންމާ ނިންމުމުން އަމިއްލަ ހިތް ހަލާކުވާނީ. މާޔާ... މީތި ވޯކެއް ނުކުރާނެ. އަހަރެން ވަރަށް ވިސްނައިފިން... މިކޮޅަށް އައީސުރެން އަހަރެން ކުރިކަމަކީ އެއީ. އަހަރެމެން ދެ މީހުންގެ މުސްތަޤުބަލާމެދު ވިސްނުން. އަހަރެންގެ މި ނިންމުމުން ނުކުމެދާނޭ ނަތީޖާއަކާމެދު ވިސްނުން." ރާހިން ބުންޏެވެ.
"އެކަމަކު... ކައިވެނީގެ ފޯމުފުރާ، ރަންކިޔައި ހެދުމަށްފަހު." މާޔާއަށް ބުނެވުނެވެ.
"މާޔާ ހާސްނުވޭ. މަންމައާއި ބައްޕައަށް އެނގޭ އަހަރެން ނިންމި ނިންމުން... އެ ފޯމު ކޯޓާ ހަމައަކަށް ނުދާނެ. ކިޔާ ރަނަކީ އުވާލެވިދާނެ އެއްޗެއް. މިހިސާބަށް މިކަން މިކުރީ މާޔާ އެއްފަހަރު ވެސް އަހަރެން ކައިރީ މިކަން ހުއްޓާލަން ބުނޭތޯ. ހިތްނޭދޭ މީހަކަށް ހަޔާތުގެ މުސްތަޤްބަލް ހަދިޔާ ކުރުމުގެ ކުރީން އަމިއްލަ ހިތުގައިވާ އެއްޗެއް ހާމަކުރޭތޯ އަހަރެން ވަރަށް އިންތިޒާރު ކުރީން. މާޔާ... އަމިއްލަ ނަފްސު ކުށްވެރި ނުކުރޭ. ހަޤީޤީ ލޯތްބަކީ އެހާ ފަސޭހައިން އޭގެ އަސަރުތައް އެމީހަކާ ވަކިކޮށްލެވިދާނޭ ކަމެއްނޫން. އެ އިޙްސާސްތަކާއި އެ ޖަޒުބާތުތައް ރައްކާކުރެވިފައިވާ ހަނދާނުގައި މުޅި އުމުރަށް ހުންނާނެ. ފޫހިވާން ބޭނުންވިޔަސް. އެއި ރަނގަޅު ނިންމުމަކަށް ނުވިޔަސް. ގިނަފަހަރު އަމިއްލަ ހިތުގެ މައްޗަށް ބާރުފޯރުވުން ވާނީ ދަތިކަމަކަށް. އެއީ އެކަން އޮންނާނެ ގޮތް. އަހަރެންނަށް މާޔާދެކެ ވެވުނު ފަދަ ލޯތްބެއް އެހެން މީހަކުދެކެ ވެވޭނެއެކޭ ބުނާކަށް ނޭނގޭ. ވަގުތާއެކު އަހަރެން ދިރިއުޅުމައިގެން ކުރިޔަށް ދިޔަޔަސް، އަދި ހަޔާތަށް ބައިވެރިއަކު ގެނަޔަސް... މާޔާދެކެ ވެވުނު ލޯތްބާއި ކުރެވުނު އިޙްސާސްތައް އަހަރެންނާ ވަކިވެގެން ނުދާނެ. ލޯބިވާ އެންމެންނަކަށް އެ މީހުން ލޯބިވާ މީހާ ހާސިލެއްނުވާނެ. ދެން ޖެހޭނީ އެ ނިންމުން ޤަބޫލުކޮށްގެން ކުރިޔަށްދާން. އަހަރެންގެ ވިސްނުމާއި އަޚްލާޤު ތަންދޭކަމެއްނޫން އެއީ އަހަރެންނަށް ނުލިބުނު އުފަލެއް އެހެންމީހަކަށް ލިބިގެންނުވާނޭ ހީކުރުން. މާޔާ ހިތްހަމަޖެހިގެން އުފާވެރި ދިރިއުޅުމެއް އުޅޭނަމަ އަހަރެން އެކަމާ އުފާކުރާނަން." ރާހިން ވަރަށް ތަފްޞީލުކޮށް އޭނާގެ ނިންމުން ކިޔައިދޭން މަސައްކަތް ކުރި އެވެ.
"އަހަރެންނަކަށް ނޭނގޭ." ދެ އަތް އުފުލާލަމުން މާޔާ ބަލަން ހުރީ ސުވާލުގެ ނަޒަރަކުންނެވެ. ދެންވާނީ ކިހިނެއްކަމެއް އޭނާއަށް ނަގައިގަންނަން ނޭނގޭތީ އެވެ.
"ކޮޅަށް ނުހުރެ އާދެބަލަ... މިތާ އިށީނދެބަލަ." ރާހިންގެ ކައިރިން ކަނާއަތުން ސޯފާގައި މަޑުމަޑުން ތަޅާލަމުން އޭނާ މާޔާއަށް ބުންޏެވެ. ރާހިންގެ ކައިރީ މާޔާ އައިސް އިށީނުމާއެކު އޭނާ މާޔާގެ އަތްތިލައިގައި ހިފާލުމާއެކު ވާހަކަދައްކަން ފެށި އެވެ.
"ޔޫ އާ ފްރީ... ފުރަން ތައްޔާރުވާންވީ. އެނބުރި މާލެއަށް ދާން. މާޔާގެ ދަރިފުޅުގެ ގާތަށް ދާން." ރާހިންއަށް ބުނެވުނީ އެހިސާބަށެވެ. މާޔާގެ ދެ ލޯ ފުރިބަންޑުންވީ އެވެ. ވަގުތުން މޫނުގައި ދެ އަތް އަޅައި ފޮރުވާލި ގޮތަށް މާޔާއަށް ހަމަރަނގަޅަށް ވެސް ރޮވުނީ އެވެ.
"ކަމޯން ގާލް... މީ މާޔާ އުފާވާންވީ ވަގުތު. އެހެންވީމަ ތިހެން ނުރޮއެ. އެންޑް އައިމް ރިއަލީ ސޮރީ ފޯ އެވްރިތިންގް. ފޮގިވް މީ ފޯ މައި ސެލްފިޝްނެސް. ހާސިލުވާން ނެތްކަމެއް ގަދަކަމުން ހާސިލުކޮށްގެން ލިބޭނެ އުފަލެއްނެތް. ކިތައް އަހަރު ފަހުން މާޔާއަށް ދަރިފުޅާ ތި ބައްދަލުވީ. މިކަމުގައި އެންމެ ރަނގަޅުވާނީ އަހަރެން ދުރުގައި ހުރިއްޔާ." މާޔާގެ ކޮނޑުގައި ހިފައި ގާތްކޮށްލައިގެން އިނދެ ރާހިން ބުންޏެވެ.
"އަހަރެން ލަދުގަނެއްޖެ. ރާހިން ތިހާ ރަނގަޅު އިރު ތި ހެޔޮކަމުގެ ބަދަލު އަހަރެންނަށް ނުދެވުނީމަ." ނަފްސު ހަމައަކަށް އެޅުމުން މާޔާ މަޑުމަޑުން ބުނެލި އެވެ.
"އެއްވެސް ކަމެއްކޮށްދޭންވީ ބަދަލެއް ބޭނުންވެގެނެއްނޫން. އަހަރެމެންގެ ދެމެދުގައި މި އޮތް އެކުވެރިކަން އަހަރެންނަށް ފުދޭ. އެއީ އަގުނުކުރެވޭނެހާ ޚާއްޞަ ގުޅުމެއް... ދެން ނުވިސްނާ މާބޮޑަށް. މާދަމާއަށް ޓިކެޓް ހަމަޖެހޭތޯ ބަލާނަން. ޓިކެޓް ހަމަޖެހުނުހާ އަވަހަށް މާޔާ ފުރަންވީ." ރާހިން ބުންޏެވެ. އަމިއްލަ ހިތުގައި ރިހޭވަރު ސިއްރުކޮށްލަމުން ރާހިން ފުޅާ ހިނިތުންވުމަކާއެކު މާޔާގެ ތެމިފައިވާ ލޯކައިރި ފުހެލަ ދިނެވެ.
"އަހަރެމެންގެ އެކުވެރިކަން ރާހިން ބޭނުންވާނަމަ އަހަރެން އަބަދުވެސް ހުންނާނެ އެކުވެރިއެއްގެ ގޮތުގައި." މާޔާ ޔަޤީންކަމާއެކު ބުންޏެވެ. އޭނާއަށް ރާހިންގެ އިޙްސާސްތައް އެނގެ އެވެ. ލޯބިވާ މީހާގެ ލޯބި ނުލިބުމުން ކުރެވޭނޭ އިޙްސާސްތައް މާޔާ ތަޖުރިބާ ކުރި އެވެ. އެކުވެރިކަން ބާއްވަން ރާހިން ބޭނުންނުވީނަމަ އެކަމަށް މާޔާ ބާރެއް ނާޅާނީ އެ ސަބަބާ ހެދި އެވެ. އެކަމަކު މާޔާ ހީކުރި ވަރަށްވުރެ ރާހިން ހިތްވަރުގަދަ އެވެ.
* * * * *
ދުއްވަމުން ދިޔަ ކާރުގެ މިސްރާބު ހުރީ ވައިގެ ބަނދަރާ ދިމާއަށެވެ. ކާރު ދުއްވަން އިނީ ޒަހީންގެ ޑްރައިވަރެވެ. ފަހަތު ސީޓުގައި މާޔާއާއެކު ރާހިން އިނެވެ. މާޔާގެ އުނގުގައި ރަތްފިނިފެންމަލުގެ ބޮޑު ގުލްދަސްތާއެއް އޮތެވެ. އެއީ ރާހިންގެ ޢާއިލާއާ ބައްދަލުކޮށްފައި ނުކުމެ ކާރަށް އަރަން އުޅުނު ވަގުތު މާޔާއަށް ރާހިން ދިއްކޮށްލި އެންމެފަހުގެ ހަދިޔާ އެވެ. ވައިގެ ބަނދަރާ ދިމާއަށް އެމީހުން ދަތުރުފެށީ އެގެއިންނެވެ. ދަތުރުމަތީ ރާހިންއާއި މާޔާއާ ދެމެދު މާގިނަ ވާހަކައެއް ނުދެކެވެ އެވެ. ދޭތެރެއަކުން މާޔާއަށް ބަލާލެވޭއިރު ރާހިންގެ ނަޒަރު ހުންނަނީ އޭނާއާ އަމާޒުވެފަ އެވެ. އެހެންވެ އަވަސްއަވަހަށް ބެލުންތިރިކޮށްލަން މަޖުބޫރުވަނީ މާޔާއަށެވެ.
"އަހަރެން ދެއްކި ހުރިހާ ވާހަކައެއް މާޔާ ހަނދާން އެބަހުރިތަ؟." ރާހިން އަހާލި އެވެ. އެއާއެކު މާޔާ ބޯޖަހާލީ އެވެ.
"ކުރީގެ ނިކަމެތި ހާލަށް އެނބުރި ވެއްޓިނުގަންނާތި. އެހާ ބަލިކަށި މީހަކަށް މާޔާ ވެގެން ނުވާނެ. މާޔާ އެކޮޅުގައި ހަމަޖެހެވުނީމާ އަހަރެން ކައިރީ ބުނޭ. އޭރުން ހުރިހާކަމެއް އަހަރެން ހަމަޖައްސާނަން. ތިމާގެ ހުރިހާކަމެއް އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްނުލާތި. އެ ކޮންޓްރޯލު އަބަދުވެސް ބާއްވަންވާނީ އަމިއްލަ މީހާގެ އަތުގައި." ރާހިން ބުންޏެވެ. އޭނާ އެ ދައްކާ ވާހަކަ މާޔާ ފަރުވާތެރިކަމާއެކު އަޑުއެހި އެވެ. ރާހިން އިޝާރާތް އެކުރަނީ ކޮންކަމަކަށްކަން މާޔާއަށް ދޭހަވެ އެވެ. ދިރިއުޅުން އޭނާއަށް ވެސް ފިލާވަޅުތަކެއް ނަގައިދީފި އެވެ. އެ ތަޖުރިބާތައް އޭނާގެ ކުރީގައި ހުރި ޅަވިސްނުން ބަދަލުކޮށްފި އެވެ.
ވައިގެބަނދަރުގެ ތެރެއަށް މާޔާއާއެކު ވަކި ހިސާބަކަށް ރާހިން އައެވެ. ދެ ޒުވާނުން ވަކިވާންވީ ވަގުތު ޖެހުމާއެކު ރާހިންއަށް މާޔާގެ އަތުގައި ހިފާލެވުނެވެ. އަދި މަޑުމަޑުން މާޔާގެ ގެނެސް ރާހިންއާ ގާތްކޮށްލައިފި އެވެ.
"އަހަރެން ވަރަށް ލޯބިވޭ. މީ މިހެން ބުނަން އަހަރެންނަށް ލިބޭނެ އެންމެފަހު ފުރުޞަތު... އަހަރެން މާޔާ މި ދޫކޮށްލަނީ މާޔާގެ އުފަލަށްޓަކައި." ރާހިން މަޑުމަޑުން ބުންޏެވެ.
"ތެންކިޔު... ހުރިހާ ކަމަކަށް." ރާހިންގެ އަތުގެތެރޭގައި މަޑުކޮށްލައިގެން ހުރެ މާޔާ ބުންޏެވެ.
"ފިރާޝް ހުންނާނެ އެއަރޕޯޓުގައި މާޔާ ބަލާ އައިސް." މާޔާއާ ދުރަށް ޖެހިލަމުން ރާހިން ބުނެލި އެވެ.
މާޔާ ބޯޖަހާލާފައި އެތެރެއަށް ހިނގައިގަތެވެ. މަޑުމަޑުން ރާހިންގެ އަތުގެ ތެރެއިން މާޔާގެ ކަނާއަތްތިލަ ދޫވަމުން ގޮސް ވަކިވީ އެވެ. ރާހިންއަށް އޭނާގެ އަތުގެ ހުސްކަމުގެ ތެރެއަށް ބަލާލެވުނެވެ. ފުންނޭވާއެއް ހަށިފުރާ ދޫކޮށްލި ގޮތުން ހީވީ ހިތިވޭނެއްގެ އާހް އޭނާގެ ދެ ތުންފަތް ފޫއަޅުވާލައި ބޭރުވެގެން އައީހެންނެވެ. ހުޅުވާލައިގެން ހުރެވުނު އަތްތިލަ ލައްޕާލާފައި ރާހިން އިސްއުފުލައި ބަލާލީ މާޔާ ވަދެގެން ދިޔަ ދިމާއަށެވެ. ލޯމައްޗަށް އެ ސޫރަ ގެއްލެންދެން އޭނާ ބަލަން ހުއްޓެވެ.
"ގޯ ލިވް ޔޯ ހެޕިލީ އެވާ އާފްޓާ." ލުއި ހިނިތުންވުމަކާއެކު ރާހިން ބުނެލީ ވައި އަޑުންނެވެ.
* * * * *
ހަވީރު ހަތަރެއް ޖަހަނީ އެވެ. ވެލާނާ ބައިނަލް އަޤުވާމީ ވައިގެބަނދަރުގެ އެރައިވަލް ގޭޓުން މީހުންތައް ނުކުންނަމުން ދިޔަ އެވެ. ބޮޑު ފޮށްޓަކާއި އެއަށްވުރެ ކުޑަ ފޮށްޓެއް ދަމަމުން މީހުންގަނޑުގެ ތެރެއިން މާޔާ ވެސް ނުކުތެވެ.
"މާޔާ... މާޔާ..."
އެރައިވަލް އިން ނުކުންނަ މީހުން ބަލާ އައިސް ތިބި މީހުން މަޑުކޮށްލައިގެން ތިބި ދިމާއިން ފިރިހެނަކު ގޮވާއަޑު އިވިގެން މާޔާ އެދިމާ ހޯދާލި އެވެ. ހިނިއައިސްފައި ހުރެ މާޔާއާ ދިމާއަށް އަތް ހޫރަމުންދިޔަ ފިރާޝް ފެނުނީ ދެނެވެ. ފިޔަވަޅު އަވަސްކޮށްލާފައި އޭނާގެ ކައިރިޔަށް މާޔާ އައެވެ. ފިރާޝް ވަގުތުން މާޔާގެ ފޮށިތަކުގައި ހިފާލައިފި އެވެ. އަދި އޭނާއާއެކު އައުމަށް ބުންޏެވެ. ރާހިން ގުޅާފައި މާޔާ އަންނަ ޚަބަރު ދިންކަން ފިރާޝް ބުނެލި އެވެ.
"ރަނގަޅުތަ މިހާރު؟. ކޮންއިރަކުން އޮފީހަށް ނުކުންނަނީ؟." ފިރާޝް އަހާލި އެވެ.
"ރަނގަޅު. އެކަމަކު އަދި މަޑުކޮށްލާފައި ނުކުންނާނީ." މާޔާ ބުންޏެވެ.
ކާރާ ހަމައަށް އާދެވުމުން ފިރާޝް އަވަހަށް އައިސް ކާރުގެ ފަހަތު ދޮރުފަތް ހުޅާވާލަ ދިނެވެ. ދެން އޭނާ ގޮސް ފޮށިތައް ކާރަށް އަރުވައިފި އެވެ. އެކަން ކޮށްފައި އަންނަންވީއިރު މާޔާ އިނީ ކާރަށް އަރައި ހަމަޖެހިލައިގެންނެވެ. އެހެންވެ ލަސްނުކޮށް ފިރާޝް ކާރަށް އަރައި ދުއްވާލައިފި އެވެ.
"ހުޅުމާލެއަށް ދޯ." ފިރާޝް އަހާލި އެވެ.
"ހޫމް. ގެއަށް ދާނީ." މާޔާ ބުންޏެވެ.
"މީ... ރާހިން ބުނެގެން... މާޔާ މިކޮޅަށް އައީމާ ހަވާލު ކުރާށޭ ބުނީ." ފިރާޝްއާ ޖެހިގެން ހުރި ކުރީ ސީޓުގެ މަތިން ކޮތަޅެއް ނަގައި މާޔާއަށް ދިއްކޮށްލި އެވެ.
"ރާހިން." ފިރާޝް ދިއްކޮށްލި ކޮތަޅުގައި ހިފާލައި އޭގެ ތެރެއަށް ބަލާލާފައި މާޔާއަށް މަޑުމަޑުން ކިޔާލެވުނެވެ.
(ނުނިމޭ)