ރާއްޖެ ކުޅިވަރު

އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕް: ރާއްޖެއިން ބޮޑު ތަފާތަކުން ސައުދީ ބަލިކޮށްފި

އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގެ އެންމެ ފުރަތަމަ މެޗުގައި ދިވެހި ޓީމުން ވަނީ ބޮޑު ތަފާތަކުން މޮޅުވެފަ އެވެ.

ބެންގަލޫރުގައި ކުޅުނު މި މެޗުގައި ދިވެހި ޓީމުން ސައުދީ އަރަބިއްޔާއަށް ވުރެ 60 ޕޮއިންޓް އިތުރުން ސްކޯކޮށް، 74-14 އިން މޮޅުވި އެވެ.

މި މުބާރާތުގައި އަލަށް ބައިވެރިވާ ސައުދީގެ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި ދިވެހި ޓީމުން ވަނީ މޮޅު ކުޅުމެއް ކުޅެފަ އެވެ.

ފުރަތަމަ ކުއާޓަރުގައި 20-3 އިން ކުރިއަށް ދިޔަ ދިވެހި ޓީމުން، ދެވަނަ ކުއާޓަރު ނިންމާލީ 39-8 އިންނެވެ. އަދި ތިންވަނަ ކުއާޓަރު ނިމުނުއިރު ސްކޯރު ހުރީ 57-10 ގައެވެ.

މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޖުމްލަ 15 ގައުމެއް ވާދަކުރެ އެވެ.

ދެ ގްރޫޕަށް ބަހާލައިގެން ކުޅޭ މި މުބާރާތުގައި ދިވެހިރާއްޖެ ހިމެނެނީ ގްރޫޕް އޭ ގައެވެ. މި ގްރޫޕްގައި ދިވެހިރާއްޖެއާއެކު ސައުދީ އަރަބިއްޔާ، ސްރީލަންކާ، މެލޭޝިއާ، ފިލިޕީންސް، އިންޑިއާ އަދި ޖަޕާން ހިމެނެ އެވެ.

މި މުބާރާތުގައި ދިވެހި ޓީމުން ދެން ކުޅޭނީ މާދަމާ މެލޭޝިއާގެ ޓީމާ ދެކޮޅަށެވެ.