ގައުމީ ފުޓްބޯޅް ޓީމް

ވިސާ ނުލިބި ގައުމީ ޓީމު ސައުދީ އެއާޕޯޓްގައި އެތައް އިރެއް!

Apr 16, 2019
3

މިދިޔަ މަހު، ސައުދީ އަރަބިއްޔްގައި ބޭއްވި ކޮލިފައިން މުބާރާތުގައި ވާދަ ކުރި ޒުވާން ގައުމީ ޓީމަށް ވިސާ ނުލިބިގެން ޖިއްދާގެ އެއާޕޯޓްގައި ހަތަރު ގަޑިއިރު ހޭދަކުރަން ޖެހުނު މައްސަލަ ފެންމަތިވެއްޖެ އެވެ.

އޭޝިއާގެ 23 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަންގެ ކުރިން ގައުމީ ޓީމުން ވަނީ، ފިލިޕީންސްގައި ޓްރެއިނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ. ގައުމީ ޓީމު ސައުދީއަށް ދިޔައީ ފިލޕީންސްގެ މަގުންނެވެ. ޓީމުގެ ކުޅުންތެރިޔަކު ބުނީ، އެއާޕޯޓްގައި އެތައްއިރެއް ހޭދަ ކުރަން ޖެހުމުން އޭގެ އަސަރު އެންމެންނަށްވެސް ކުރި ކަމަށެވެ.

"ވަރަށް ފިނިގަދަ، ހަތަރު ވަރަކަށް ގަޑިއިރު މަޑުކުރަން ޖެހުނު އަހަރުން އެންމެތިބީ ބަލިވެފަ،" ސައުދީ އެއާޕޯޓްގައި ހޭދަ ކުރި ހަތަރު ގަޑިއިރާ ބެހޭގޮތުން ކުޅުންތެރިޔަކު ވާހަކަ ދެއްކި އެވެ. "އޭގެފަހުން ތިން ދުވަސްވީރުވެސް ހަމަޔަކަށް ނޭޅުނު ފުރަތަމަ މެޗަށް ދިޔައިރުވެސް އަހަރެމެން ތިބީ ކެއްސަކެއްސާ."

އޭނާ ބުނީ، ފިލިޕީންސް މަގުން ސައުދީ އަށް ދާން ޖެހުމުން ދަތުރުގައިވެސް އެއްދުވަސް ހޭދަވި ކަމަށެވެ.

"އެހާ ދިގު ދަތުރެއް ކޮށްފަ ގޮސް އެއާޕޯޓް ތެރޭގައި ތިބެން ޖެހުނީމަ އެންމެން ތިބީ ވަރުބަލި ވެފަ." ވާހަކަ ދެއްކި ކުޅުންތެރިޔާ ބުންޏެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު، ވިދާޅުވީ ޖިއްދާގެ އެއާޕޯޓްގައި ވަގުތުތަކެއް ހޭދަވީ ސައުދީގެ އޮން އެރައިވަލް ވިސާގެ މަރުހަލާ އޮތް ގޮތުން ކަމަށެވެ. އަދި ފިލިޕީންސް މަގުން ސައުދީއަށް އެތެރެވާން ޖެހުމުން އެފަދަ މައްސަލައެއް ދިމާވެދާނެކަން އެނގޭތީ ދެތިން ދުވަސް ކުރިން ޓީމު ދަތުރު ކުރަން ހަމަޖެއްސިކަން ޖަވާޒް ފާހަގަ ކުރި އެވެ.

"ރާއްޖޭގައި ތިބެފައި ޓީމު ސައުދީއަށް ދާނަމަ ވަރަށް ފަސޭހައިން އެކަންކަން ހަމަޖެހޭނެ މާލެގައި ހުންނަ ސައުދީގެ އެމްބަސީ މެދުވެރިކޮށް،" ޖަވާޒު ވާހަކަ ދެއްކި އެވެ. "އެހެންނަމަވެސް ފިލިޕީންސްގައި ޓީމު ތިބެފައި ސައުދީއަށް އެތެރެވުމުގައި އުނދަގޫތަކެއް ކުރިމަތިވާނެކަން އެނގޭތީ މުބާރާތުގެ ދެތިން ދުވަސް ކުރިންވެސް ދަތުރު އިންތިޒާމު ހަމަޖެއްސީ."

"ދެން އެއާޕޯޓްގައި އެ ހޭދަވި ވަގުތަކީ އާންމު އެހެން ދަތުރުތަކުގައިވެސް ވިސާ ޖެހުމުގައި އެކަމަށް ވަގުތު ހޭދަވާނެ ކަމެއް، ދެން މުޅި ސްކޮޑަށް ވިސާޖާހައިރު ވަގުތުތަކެއް ހޭދަވާނެ."

ސައުދީގެގައި ކުރިއަށް ގެންދިޔަ މުބަރާތުގައި ކުޅުނު ތިން މެޗުންވެސް ރާއްޖެ ވަނީ ބަލިވެފަ އެވެ. އެ ގުރޫޕްގައި ރާއްޖެއިން ވާދަ ކުރީ، ސައުދީ އާއި އަރަބި އެމިރޭޓްސްގެ އިތުރުން ލުބުނާންއާ ދެކޮޅަށެވެ. މުބާރާތަށް ފަހު އެފްއޭއެމް އާއި ސައުދީގެ ފުޓްބޯޅަ ފެޑްރޭޝަން ގުޅިގެން ވަނީ ރާއްޖޭގެ ޓީމު މައްކާއަށް ގެންގޮސް އުމުރާ ވުމަށް ފުރުސަތު ހޯދައި ދީފަ އެވެ.