ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުން މިމަހު ކުޅުމަށް ހަމަޖެހިފައިވާ ބައިނަލްއަގްވާމީ މެޗުތަކަށް ތައްޔާރުވާން ފަށައިފި އެވެ.
އެގޮތުން ގައުމީ ޓީމުގެ ފަރިތަކުރުންތައް މިހާރު ވަނީ ގަލޮޅު ދަނޑުގައި ފަށާފަ އެވެ.
ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު ފައިސަލް ބުނީ މިފަހަރު ޓީމުގެ ތައްޔާރީތައް ކުރީގެ އަހަރުތަކަށް ވުރެ މާ ހަރުދަނާ ކަމަށެވެ.
"އަޅުގަނޑުމެން ގައުމަށްޓަކައި ފަޚުރުވެރި ނަތީޖާއެއް ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުން މިދަނީ،" ފައިސަލް ބުންޏެވެ.
ރާއްޖޭގެ ޓީމުން މިމަހުގެ 19 ވަނަ ދުވަހު އިންޑިއާއާއި ދެކޮޅަށް ޝިލޮންގުގެ ޖަވާހިރު ލާލް ނެހްރޫ ސްޓޭޑިއަމްގައި ބައިނަލްއަގްވާމީ ރަޙްމަތްތެރިކަމުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. އަދި މިމަހުގެ 25 ވަނަ ދުވަހު ފިލިޕިންސްގައި އެ ގައުމާ ދެކޮޅަށް އޭޝިއަން ކަޕް ކޮލިފައިން މެޗެއް ކުޅުމަށްވެސް ހަމަޖެހިފައިވެ އެވެ.
ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ ރާއްޖޭގެ ޓީމަށް ހާއްސަަ ކުރެވިފައިވާ އައު ތަމްރީނު ޕްރޮގްރާމެއް ތައާރަފް ކުރެވިފައިވާ ކަމަށާއި، މިއީ ގައުމީ ޓީމުގެ ފުރިހަމަ ގާބިލިއްޔަތު ދުނިޔެއަށް ދައްކާލުމުގެ އިތުރު ފުރުސަަތެއް ކަމަށެވެ.
ރާއްޖޭގެ ގައުމީ ޓީމުން އޭޝިއަން ކަޕް ކޮލިފައިންގައި މިއަހަރު ޖުމްލަ ހަ މެޗެއް ކުޅުމަށް ހަމަޖެހިފައިވެ އެވެ. މީގެތެރެއިން ތިން މެޗު ރާއްޖެއިން ބޭރުގައި ކުޅުމަށް ހަމަޖެހިފައިވާއިރު، ތިން މެޗު ރާއްޖޭގައި ކުޅުމަށް ހަމަޖެހިފައިވެ އެވެ. ރާއްޖެއިން ބޭރުގައި ކުޅޭ މެޗުތަކުގެ ތެރޭގައި ފިލިޕިންސްގައި ކުޅޭ މެޗު އޮންނާނީ މިމަހުގެ 25 ވަނަ ދުވަހު އެވެ. އީސްޓް ޓިމޯގައި ކުޅޭ މެޗު ޖޫން 10އަށް ތާވަލްކޮށްފައިވާއިރު ތަޖިކިސްތާންއާ އެކު އެ ގައުމުގައި ކުޅޭ މެޗު ތާވަލްކޮަަށްފައިވަނީ އޮކްޓޯބަރު 9 ވަނަ ދުވަހަށެވެ.
ރާއްޖޭގައި ކުޅޭ މެޗުތަކުގެ ތެރޭގައި ތަޖިކިސްތާނާ ދެކޮޅަށް އޮކްޓޯބަރު 14ގައި ފިލިޕިންސާ ދެކޮޅަށް ނޮވެމްބަރު 18ގައި އަދި އީސްޓް ޓިމޯއާ ދެކޮޅަށް އަންނަ އަހަރުގެ މާޗް 31ގައި މެޗުތައް ކުޅޭނެ އެވެ.