ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުގައި 3-0 ގެ ނަތީޖާއަކުން ރާއްޖޭގެ މައްޗަށް އިންޑިއާ ކުރި ހޯދައިފި އެވެ.
އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން އިންޑިއާގެ ޝިލޮންގުގެ ޖަވާހިރުލާލް ނެހުރޫ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗަކީ އިންޑިއާ ގައުމީ ޓީމުން އައު ކޯޗު މަަނޯލޯ މާކުއޭޒްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަަތަަމަ މެޗެވެ.
މި މެޗުގައި އިންޑިއާގެ ފަރާތުން ކެޕްޓަންކަން ކުރީ އެ ޓީމުން ރިޓަޔާކުރިކަން މިދިޔަ އަހަރުގެ ޖޫން މަހު އިއުލާނުކުރި 40 އަހަރުގެ ފޯވާޑް ސުނިލް ޗެތުރީ އެވެ. މެޗު ފެށުނީއްސުރެ އިންޑިއާއިން ގެންދިޔައީ ރާއްޖެ ކޮޅަށް ޕްރެޝަރު ކުރަމުންނެވެ.
ބޯޅަ ގިނަ ވަގުތު ރާއްޖޭގެ ހާފްގެ ތެރޭގައި ހިފަހައްޓައިގެން ކުޅެމުން ދަނިކޮށް ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި އިންޑިއާއަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ.
ރާއްޖޭގެ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ކުރި ފައުލަކާ ގުޅިގެން އިންޑިއާއަށް ލިބުނު ހިލޭ ޖެހުމެއްގައި ލިސްޓަން ކޮލާސޯ ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑީގެ އަރިމަތިން ބޭރަށެވެ.
މި މެޗުގެ ފުރަތަމަ ލަނޑު އިންޑިއާއިން ކާމިޔާބުކުރީ 35 ވަނަ މިނެޓުގައި ކޯނަރަކުން އިންޑިއާގެ ރާހުލް ބޭކޭ ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލި ބޯޅައަކުންނެވެ. އިންޑިއާއިން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައި މަހޭޝް ސިންގް ނަގައިދިން ބޯޅައަކުން ލިސްޓަން ކާމިޔާބުކުރި ލަނޑުންނެވެ.
މި މެޗުގައި އިންޑިއާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު މެޗުގެ 76 ވަނަ މިނެޓުގައި ލިސްޓަން ނެގި ބޯޅައަކުން ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ސުނިލް ޗެތުރީ އެވެ. މިއީ ޗެތުރީ ރާއްޖެ ކޮޅަށް ޖެހި އަށްވަނަ ލަނޑެވެ. އަދި އޭނާގެ 95 ވަނަ ބައިނަލްއަގުވާމީ ލަނޑެވެ.
މި މެޗަށްފަހު އޭޝިއަން ކަޕް ކޮލިފައިން ފުރަތަމަ މެޗުގައި އިންޑިއާއިން މި މަހު 25 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭއިރު، ރާއްޖެއިން އެ ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ފިލިޕީންސާ ދެކޮޅަށެވެ.