ސައުދި އަރަބިއްޔާގައި 2027 ވަނަ އަހަރު ބާއްވާ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މުބާރާތުގައި ރާއްޖެ އިން ކުޅުނު ފުރަތަމަ މެޗުގައި، ފިލިޕީންސް އަތުން 1-4ގެ ނަތީޖާއަކުން ބަލިވެއްޖެ އެވެ.
ފިލިޕީންސްގެ ނިއު ކްލާކް ސިޓީ އެތުލެޓިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ފިލިޕީންސުން ވަނީ ދެ ގޯލު ޖަހައި، މެޗުގައި ލީޑު ނަގާފަ އެވެ.
މެޗުގެ އެންމެ ފުރަތަމަ ގޯލު ޖެހީ މެޗުގެ ހަވަނަ މިނިޓްގައި ޖެފަސަން ޓަބީނާސް އެވެ. އަދި 18 ވަނަ މިނިޓްގައި ނޯވޭގެ ކްލަބަކަށް ކުޅޭ ބިޔޯން މާޓިން ކްރިސްޓެންސަން ދެވަނަ ގޯލު ޖެހި އެވެ. އޭގެފަހުން ރާއްޖޭގެ ކުޅުންތެރިން މެޗުގެ ތެރެއަށް އަނބުރާ ވަނުމަށް މަސައްކަތް ކުރި ނަމަވެސް ޕިލިޕީންސުން އެފުރުސަތު ދީފައެއް ނުވެ އެވެ.
ދެވަނަ ހާފުގައި 62 ވަނަ މިނިޓްގައި އަލީ ފާސިރު (ސެންޓޭ) އިން ރާއްޖޭގެ ހަމައެކަނި ގޯލު ކާމިޔާބު ކޮށްދިނެވެ. މި ގޯލަކީ ފޭދޫ އިއްބެ އާއި ހުސައިން ސިފާއު ޔޫސުފުގެ ކޮމްބިނޭޝަނަކަށް ފަހުގައި ފެނުނު ގޯލެކެވެ.
އޭގެފަހުން މެޗުގެ 77 ވަނަ މިނިޓްގައި ރެންޑީ ޝްނައިޑާ ތިންވަނަ ގޯލު ޖެހި އެވެ. މިއީ ސްވިޒަލެންޑްގެ ކްލަބަކަށް ކުޅޭ ކުޅުންތެރިއެކެވެ. އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ސަންޑްރޯ ރެޔެސް އިން ހަތަރު ވަނަ ގޯލު ޖެހިއިރު، މެޗު ނިމުނީ 4-1 އިން ފިލިޕީންސް ބޮޑު މޮޅަކާ އެކު އެވެ.
މިއަދުގެ މެޗަކީ ކުރިން ރާއްޖޭގައި ކުޅުމަށް ހަމަޖެހިފައި އޮތް މެޗަކަށްވީ ނަމަވެސް ރޯދަ މަހުގެ ފަހު 10ގެ ތެރެއަށް ދިމާވާތީ، ފިލިޕީންސްގެ ހޯމް މެޗެއްގެ ގޮތުގައި ކުޅުނީ އެވެ. ރާއްޖެ އިން އެންމެ ފަހުން ފިލިޕީންސް އަތުން ބަލިވީ 2014 ވަނަ އަހަރު މާލޭގައި ކުޅުނު އޭއެފްސީ ޗެލެންޖު ކަޕްގައެވެ.
މިއަދުގެ މެޗުގައި ރާއްޖެއަށް ދަށް ނަތީޖާއެއް ލިބުނު ނަމަވެސް،މުބާރާތުގައި އަދިވެސް އިތުރު މެޗުތައް ކުޅޭނެ އެވެ.