ގައުމީ ފުޓްބޯޅް ޓީމް

އިންޑިއާ އަތުން ބަލިވެ މުބާރާތުން ރާއްޖެ ކަޓައިފި

ނޭޕާލްގައި ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ގުރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުގައި އިންޑިއާގެ 17 އަހަރުން ދަށުގެ ޓީމު ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާ ކުޅެ 3-0 ގެ ނަތީޖާއަކުން މޮޅުވެއްޖެ އެވެ.

މި ނަތީޖާއާއެކު ރާއްޖޭގެ 17 އަހަރުން ދަށުގެ ޒުވާން ޓީމު ވަނީ ގްރޫޕް ސްޓޭޖުގައި ކަޓައި މުބާރާތުން ވަކިވެފަ އެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަން އިންޑިއާ އިން މެޗު ފެށުނީއްސުރެ ވަރުގަދަ ކުޅުމެއް ކުޅެފައިވާއިރު، ރާއްޖޭގެ ޒުވާން ޓީމުންވެސް ވަނީ މެޗު ކާމިޔާބުކުރުމަށް ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ.

މެޗުގެ 13 ވަނަ މިނެޓުގައި އިންޑިއާއިން ވަނީ ފުރަތަމަ ގޯލު ޖަހާ ލީޑު ނަގާފަ އެވެ. އޭގެފަހުން އިންޑިއާއިން ވަނީ ރާއްޖޭގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ދީފަ އެވެ. ނަމަވެސް ރާއްޖޭގެ ޑިފެންޑަރުންނާއި ގޯލްކީޕަރު ހަސަން މާހިލް ނާސިރު ވަނީ މި ހަމަލާތައް ރަނގަޅަށް ދިފާއުކޮށްފަ އެވެ.

ފުރަތަމަ ހާފުގައި ރާއްޖޭގެ ޑިފެންޑަރު ކާއިން އަބްދުﷲ ފާއިޒަށް އަނިޔާވެ އެމްބިއުލާންސްގައި ދަނޑުން ބޭރުކުރެވުނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ކާއިންގެ ބޮލަށް ލިބުނު އަނިޔާއަށް ހޮސްޕިޓަލްގައި މިހާރު ދަނީ ފަރުވާ ދެމުންނެވެ. ފުރަތަމަ ހާފު ނިމުނުއިރު ސްކޯ އޮތީ 1-0 އިން އިންޑިއާ ކުރީގައެވެ.

ދެވަނަ ހާފު ފެށުމާއެކު ރާއްޖޭގެ ކުޅުންތެރިން ދިޔައީ އިންޑިއާއަށް އިތުރު ގޯލެއް ޖެހުނަ ނުދީ ހިފަހައްޓަމުންނެވެ. ނަމަވެސް ދެވަނަ ހާފުގެ ފަހުކޮޅު އިންޑިއާ އިން ވަނީ އިތުރު ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. މިއާއެކު މެޗު ނިމިގެން ދިޔައީ 3-0 ގެ ނަތީޖާއަކުން އިންޑިއާ މޮޅުވެގެންނެވެ.

މި ނަތީޖާއާއެކު ގުރޫޕް އޭގެ ކުޅުން ނިމިފައިވާއިރު، އިންޑިއާ ވަނީ ދެ މެޗުންވެސް މޮޅުވެ 6 ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ހޯދާފަ އެވެ.

ރާއްޖެއާއި ބަންގްލަދޭޝް ޕޮއިންޓުގެ ގޮތުން އެއްވަރުވެފައިވާއިރު، ގޯލުގެ ތަފާތުން ބަންގްލަދޭޝްއަށް ވަނީ ގުރޫޕްގެ ދެވަނަ ލިބިފަ އެވެ. މިގޮތުން މި ގުރޫޕުން ސެމީ ފައިނަލްގެ ޖާގަ ހޯދާފައިވަނީ އިންޑިއާއާއި ބަންގްލަދޭޝް އެވެ.