މި މަހު ފީފާގެ މެޗުތައް ކުޅެން ކަނޑައަޅާފައިވާ ތާރީހުގައި ޕާކިސްތާނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު އެކުވެރިކަމުގެ މެޗެއް ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.
ކޮންމެ އަހަރަކު ވެސް މާޗް މަހުގެ ފަހުކޮޅު ފީފާގެ ކަލަންޑަރާ އެއްގޮތަށް ބައިނަލްއަގްވާމީ މެޗުތައް ކުޅެ އެވެ. މި މަހު ފީފާ އިން ބައިނަލްއަގްވާމީ މެޗުތައް ކުޅެން ކަނޑައަޅާފައިވަނީ މާޗް 20 އިން 28 އަށެވެ. އެ މުއްދަތުގައި ރާއްޖޭން ޕާކިސްތާނާ ދެކޮޅަށް މެޗު ކުޅެން މަސައްކަތްކުރަނީ ރާއްޖޭގަ އެވެ. އެކަމަކު ގަލޮޅު ދަނޑު ނޫން ދަނޑެއްގައި ވެސް މި މެޗު ކުޅުމުގެ ފުރުސަތު އެބައޮތެވެ.
ރާއްޖެ އާއި ޕާކިސްތާން އެންމެ ފަހުން ބައިނަލްއަގްވާމީ ފުޓްބޯޅަ މެޗެއްގައި ވާދަކުރީ 2013 ވަނަ އަހަރު އެވެ. އެ އަހަރުގެ ފެބްރުވަރީ މަހު އެކުވެރިކަމުގެ ދެ މެޗު ރާއްޖޭގައި ކުޅުނެވެ. ފުރަތަމަ މެޗު 1-1 އިން އެއްވަރުވިއިރު ދެވަނަ މެޗުގައި ރާއްޖޭން ވަނީ 0-3 އިން ޕާކިސްތާން ބަލިކޮށްފަ އެވެ.
ރާއްޖެ ވަނީ ޕާކިސްތާނާ ދެކޮޅަށް މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފަ އެވެ. ތިން މެޗު އެއްވަރުވިއިރު ޕާކިސްތާން ވަނީ ހަތަރު މެޗުން މޮޅުވެފަ އެވެ.
ޕާކިސްތާނުން ރާއްޖެއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވީ 2000 ގެ ކުރިންނެވެ. އެއީ 1985 އިން 1991 ވަނަ އަހަރާ ދެމެދު އެވެ. އޭގެފަހުން ކުޅުނު ހަ މެޗުން ޕާކިސްތާނަށް ރާއްޖެ ބައްޔެއް ނުކުރެވެ އެވެ.
ސާފް ޗެމްޕިއަންޝިޕްގައި މި ދެޓީމު އެންމެ ފަހުން ވާދަކުރީ 2011 ވަނަ އަހަރު އެވެ. އެ މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އޭގެކުރިން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ ޕާކިސްތާން 0-3 އިން ބަލިކޮށްފަ އެވެ.
އެކުވެރިކަމުގެ މެޗު ކުޅެން ކުޑަތަން ވެފައިވާއިރު ރާއްޖޭން އަދި ޕްރެކްޓިސް ފަށާފައެއްނުވެ އެވެ. ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ގިނަ ކުޅުންތެރިން ނިސްބަތްވާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުން މިހާރު އަންނަނީ ސައުދީ އަރަބިއާގައި ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފަށާނެ ކަމަށް ބެލެވުނީ މި މަހުގެ ފަހުކޮޅު އެވެ. އެކަމަކު އެކުވެރިކަމުގެ މެޗު ތާވަލް ކުރުމާއި އެއީ ބައިނަލްއަގްވާމީ މެޗުތަކަށް ހާއްސަ ދުވަސްވަރަކަށް ވުމުން ފުޓްބޯޅަ ސީޒަން މި މަހުގެ ފަހުކޮޅު ފަށާނެ ކަމަކަށް ނުބެލެވެ އެވެ.
މާޒިޔާގެ އިތުރުން އާ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވަމުން އަންނަނީ ކްލަބް އީގަލްސް އިންނެވެ. އެހެން ކްލަބްތަކުގެ ހިލަމެއް އަދި ނެތެވެ.