މެލޭޝިޔާ

ރާއްޖެ ފަދައިން ވޭޕް މަނާކުރާކަށް ނުޖެހޭ، ތަންފީޒުކުރާނީ ގާނޫނު: މެލޭޝިއާ

ރާއްޖެ މިސާލަކަށް ނަގައިގެން މެލޭޝިއާގައި ވޭޕް މަނާކުރަން ނުޖެހޭ ކަމަށް އެ ގައުމުގެ ހެލްތް މިނިސްޓަރު ޑރ. ޒުލްކިފްލީ އަހުމަދު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ރާއްޖެ ފަދައިން މެލޭޝިއާގައި ވެސް ވޭޕް މަނާކުރަންޖެހޭތޯ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ޒުލްކިފްލީ ވިދާޅުވީ އެހެން ގައުމުތަކުން މިސާލު ނަގައިގެން ވޭޕް މަނާކުރުމުގެ ބަދަލުގައި އިސްކަންދޭންވީ ދުންފަތުގެ އިސްތިއުމާލު ކުރުމާބެހޭ ގޮތުން އެ ގައުމުގައި ހަދާފައިވާ ގާނޫނާއި ގަވާއިދު ތަންފީޒުކުރުމަށް ކަމަަށެވެ.

ޒުލްކިފްލީ ވިދާޅުވީ ގާނޫނު ހެދުމުގެ ފުރަތަމަ މަރުހަލާތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރާ ބެހޭ ގޮތުން ގެންގުޅޭ އުސޫލުތަކާއި ބެންޗްމާކްތައް ދެނެގަނެފައިވާ ކަމަށެވެ.

"ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލް ކުރުމަށް މެލޭޝިއާގައި އުސޫލުތަކެއް އެބަހުރި. އެހެން ގައުމުތަކަށް ބަލާކަށް ނުޖެހޭ،" ޒުލްކިފްލީ ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ވިދާޅުވީ ވޭޕްކުރަން ބޭނުންކުރާ ތަކެއްޗާއި އޭގެ ވަކިވަކި ބައިތައް ކުރިއަށް އޮތް ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެފަދަ ތަކެތި މިއަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން އިޝްތިހާރު ކުރުން މަނާކުރުމަށްވެސް ރައީސް ވަނީ އަންގަވާފަ އެވެ.

ރައީސްގެ ނިންމެވުމަށް ގިނަ ބައެއްގެ ތާއީދު ލިބިފައިވެ އެވެ. އެގޮތުން ވޯލްޑް ހެލްތް އޮގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން ވެސް ވަނީ ވޭޕް މަނާކުރުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމަށް މަރުހަބާ ކިޔާފަ އެވެ.