ފްރާންސްގެ ޕެރިހުގައި 2024 ވަނަ އަހަރު ބާއްވާ އޮލިމްޕިކްސްގެ އަންހެން ފުޓްބޯޅަ އިވެންޓުގެ ކޮލިފައިންގައި، އެންމެ ފަހުގެ ސާފް ވިމެންސް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ބަންގްލަދޭޝްއާ އެއް ގްރޫޕެއްގައި ރާއްޖޭގެ އަންހެން ޓީމު ލައްވާލައިފި އެވެ.
ކޮލިފައިންގައި ވާދަކުރާ އޭޝިއާގެ 26 ގްރޫޕް ވަނީ ހަތް ގްރޫޕަކަށް ބަހާލާފަ އެވެ. ރާއްޖެ ގްރޫޕް ބީގައި ހިމެނޭއިރު، މި ގްރޫޕުގައި ދެން ހިމެނެނީ މިޔަންމާ އާއި އީރާންގެ އިތުރުން ބަންގްލަދޭޝް އެވެ.
ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް އޮންނާނީ އަންނަ އޭޕްރީލް މަހުގެ 11-3 އިން އަށެވެ. މެޗުތައް ކުޅޭނެ ތަނެއް އޭއެފްސީ އަދި ކަނޑައަޅާފައެއްނުވެ އެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި މިޔަންމާއާ ދެކޮޅަށް ނުކުންނައިރު ދެވަނަ މެޗުގައި ކުޅޭނީ އީރާންއާ އެވެ. ރާއްޖެ ކުޅޭ ގްރޫޕުގެ ފަހު މެޗުގައި ވާދަކުރާނީ ބަންގްލަދޭޝްއާ އެވެ.
ގްރޫޕުގައި ހިމެނޭ މިޔަންމާ އަކީ އަންހެން ފުޓްބޯޅައިގައި ދުނިޔޭގެ ރޭންކިންގެ 48 ވަނައިގައި އޮތް ގައުމެކެވެ. އޭޝިއަން ކަޕްގައި މިޔަންމާ ފަސް ފަހަރު ވާދަކޮށްފައިވާއިރު އޭއެފްސީ ޗެމްޕިއަންޝިޕްގައި 12 ފަހަރު ވާދަކޮށް ދެފަހަރު ޗެމްޕިއަންކަން ހޯދި އެވެ.
މިޔަންމާ އަންހެން ފުޓްބޯޅަ ޓީމުން މިހާތަނަށް ހޯދި އެންމެ އެންމެ ބޮޑު މޮޅަކީ 2004 ވަނަ އަހަރު ރާއްޖެއާ ދެކޮޅަށް ހޯދި މޮޅެވެ. އެ މެޗުން މިޔަންމާ މޮޅުވީ 0-17 އިންނެވެ. އޭގެފަހުން 2016 ވަނަ އަހަރު ޓީމޯ-ލެސްޓޭއާ ދެކޮޅަށް ވެސް މިޔަންމާ އިން އެ ނަތީޖާ ތަކުރާރުކުރި އެވެ.
މި ގްރޫޕުގައި ހިމެނޭ އީރާންގެ އަންހެން ޓީމު އޮތީ ރޭންކިންގެ 68 ވަނައިގަ އެވެ. އެންމެ ފަހުން ބޭއްވި އޭއެފްސީ އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުގައި އީރާން ވަނީ ވާދަކޮށްފަ އެވެ.
ބަންގްލަދޭޝް އިން ސާފް ވިމެންސް ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދީ އެންމެ ފަހުގެ މުބާރާތުގެ ފައިނަލުގައި ނޭޕާލް ބަލިކޮށްގެންނެވެ. ދުނިޔޭގެ ރޭންކިންގެ 140 ވަނައިގައި ބަންގްލަދޭޝް އޮތްއިރު ރާއްޖެ އޮތީ 159 ވަނައިގަ އެވެ.
ރާއްޖޭގެ އަންހެން ގައުމީ ފުޓްބޯޅަ ޓީމު އެންމެ ފަހުން ވާދަކުރި ބައިނަލްއަގްވާމީ މުބާރާތަކީ މިދިޔަ ސެޕްޓެމްބަރު މަހު ކަތުމަންޑޫގައި އޮފް ސާފެ ޗެމްޕިއަންޝިޕެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝް އާއި އިންޑިއާ އަދި ޕާކިސްތާން އަތުން ބަލިވެ ރާއްޖެ ދިޔައީ ގްރޫޕުގެ ފުލަށެވެ. ބަންގްލަދޭޝް އަތުން 0-3 އިން ބަލިވިއިރު އިންޑިއާ އަތުން ބަލިވީ 0-9 އިންނެވެ. ގްރޫޕުގެ ފަހު މެޗުގައި ޕާކިސްތާނުން ރާއްޖެ ބަލިކުރީ 0-7 އިންނެވެ.
އޭޝިއާ އިން ރޭންކިންގެ އެންމެ ކުރީގައި އުޅޭ ފަސް ގައުމު ވަނީ ކޮލިފައިންގެ ދެވަނަ ބުރަށް އޮޓަމެޓިކުން ހޮވިފަ އެވެ. ދެވަނަ ބުރުގެ ޖާގަތައް ދެން ލިބޭނީ ފުރަތަމަ ކޮލިފައިން ބުރުގެ ހަތް ގްރޫޕުގެ އެންމެ ކުރި ހޯދާ ޓީމުތަކަށެވެ. އޭގެފަހުން ޖުމްލަ 12 ޓީމުގެ މެޗުގައި ކޮލިފައިންގެ އިތުރު ދެ ބުރު ކުޅެ އެންމެ މޮޅު ދެ ގައުމަށް އޮލިމްޕިކްސް އަންހެން ފުޓްބޯޅަ އިވެންޓުން ފުރުސަތު ލިބޭނެ އެވެ.