ކުޅިވަރު

އެކުވެރިކަމުގެ މެޗުގައި މެލޭޝިއާ އަތުން ރާއްޖެ ބަލިވެއްޖެ

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން މިރޭ މެލޭޝިއާއާ ދެކޮޅަށް ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ މެޗުން 3-0 އިން ބަލިވެއްޖެ އެވެ.

އެކުވެރިކަމުގެ ދެ މެޗު ކުޅުމަށް ރާއްޖެ ފުރީ ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާގް (ދަގަނޑޭ) ޓީމުގައި ހިމަނައިގެންނެވެ. އެކަމަކު މިރޭގެ މެޗުގެ ފުރަތަމަ އެގާރައިގައި ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ، ދަގަނޑޭ ހިމަނާފައެއްނުވެ އެވެ. ދަގަނޑޭ ގައުމީ ޓީމާ ގުޅުނީ މުޅި ސީޒަނުގައި އެއްވަނަ ޑިވިޝަނުގެ ފުޓްބޯޅައާ ދުރުގައި ހުރުމަށް ފަހު އެވެ.

ރާއްޖޭގެ ޓީމުގެ ކުރި ބެލެހެއްޓީ އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) އާއި ހަސަން ރާއިފް އަހުމަދު (ހަންނަ) އަދި މުހައްމަދު ސަހާއު (ބޭލް) އެވެ. މިއީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ސަހާއު ގައުމީ ޓީމުގައި ހިމެނުނު ފުރަތަމަ ފަހަރެވެ.

ކެޕްޓަން އަކްރަމް އަބްދުލްގަނީ އަނިޔާގައި ހުރުމުން ޓީމާ އެކު ދަތުރެއް ނުކުރެ އެވެ. އެހެންވެ މިރޭގެ މެޗުގައި ކެޕްޓަންކަން ކުރީ ޑިފެންޑަރު އަލީ ސަމޫހް (ސަމުއްޓޭ) އެވެ.

މެލޭޝިއާގެ ކުއާލަ ލަމްޕޫރުގައި އޮންނަ ސްޓޭޑިއަމް ބޯލާ ސްޕަކްގައި ކުޅުނު މެޗުގެ 24 ވަނަ މިނެޓުގައި މެލޭޝިއާ އިން ވަނީ ލީޑު ނަގައިފަ އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ލޮކް އެވެ.

މެލޭޝިއާގެ ދެވަނަ ގޯލު 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ފައިސަލް ހަލީމް އެވެ. އެޓީމުގެ ތިން ވަނަ ގޯލު 88 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޓަކް ލީ އެވެ.

މެލޭޝިއާ އިން ވަނީ މެޗުގައި މޮޅަށް ކުޅެ ގޯލު ޖަހާނެ ގިނަ ފުރުސަތުތައް ތަނަވަސްކޮށްފަ އެވެ.

މިރޭގެ މެޗުގެ ދެވަނަ ހާފުގައި ކޯޗު މޮރިއޭރޯ ވަނީ ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަނުގައި ކުޅެމުން އަންނަ މިރާޝް އިމްތިޔާޒް އަށް ފުރުސަތުދީފަ އެވެ. މިރާޝް ކުޅެމުން އަންނަނީ ސްޕެއިންގެ ހަތަރު ވަނަ ޑިވިޝަނުގެ އެސްޕޯޓިވާ ރޫބީ އަށެވެ. މިއީ ގައުމީ ޓީމުގައި މިރާޝްގެ ފުރަތަމަ މެޗެވެ. މެޗުގެ ފަހުކޮޅު ރާއްޖޭގެ ދަގަނޑޭ އަށް ވެސް ވަނީ ފުރުސަތުދީފަ އެވެ.

މެޗު ބެލުމަށް ޓަކައި މެލޭޝިއާގައި ދިރިއުޅޭ ދިވެހިން ވަނީ ސްޓޭޑިއަމަށް ގޮސްފަ އެވެ.

އެކުވެރިކަމުގެ ދެވަނަ މެޗުގައި މީގެ ތިން ދުވަސް ފަހުން ރާއްޖެ ނުކުންނާނީ ސިންގަޕޫރާ ދެކޮޅަށެވެ.