ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ -- އެފްއޭއެމްގެ ދަރަނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެކު މަޝްވަރާ ފަށައިފި އެވެ.
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި މިރޭ ވާހަކަފުޅު ދައްކަވަމުން ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ކުންފުނިތަކާ އެކު ކުރެވޭ މަޝްވަރާތަކުގައި ފަހި ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އެކަން ނިމިގެންދާނީ ވަރަށް ފަހި ގޮތެއްގައި،" ރާފިއު ވިދާޅުވި އެވެ.
އެފްއޭއެމްގެ ދަރަނި 160 މިލިއަން ރުފިޔާއާ ގާތްކުރާ ކަމަށްވެ އެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެފްއޭއެމްގެ ދަރަނި އެންމެ ބޮޑަށް އޮތީ އެޗްޑީސީއާއި، މޯލްޑިވިއަން އަދި އެސްޓީއޯ އެވެ.
އެފްއޭއެމް އިން އެސްޓީއޯ އިން ދައްކަންޖެހޭ ފައިސާ 1.5 މިލިއަން ރުފިޔާއަށް އަރަ އެވެ. އެއީ އެފްއޭއެމްގެ ރައީސް ކަމުގައި ބައްސާމް އަދީލް ޖަލީލް ހުންނެވި ދުވަސްވަރު ހޯމް އެންޑް އަވޭ އުސޫލުން މުބާރާތެއް ބޭއްވުމަށް ނިންމާ، އެ މުބާރާތުގެ ސްޕޮންސާ ގޮތުގައި އެސްޓީއޯ އިން ހޯދި ފައިސާ އެވެ. އެކަމަކު އެ މުބާރާތް ބާއްވާފައެއް ނުވެ އެވެ.
މޯލްޑިވިއަންއަށް އެފްއޭއެމް އިން ދައްކަންޖެހޭ 7.4 މިލިއަން ރުފިޔާ އަކީ އެފްއޭއެމް އިން ނަގާފައިވާ ޓިކެޓަށް ދައްކަންޖެހޭ ފައިސާ އެވެ. އެޗްޑީސީއަށް ދައްކަން ޖެހިފައިވާ ފައިސާ އަކީ އެފްއޭއެމްގެ ފުޓްބޯޅަ ސްކޫލް ހަދަން ހުޅުމާލެ އިން ދީފައި އޮތް ބިމުގެ ކުއްޔަށް ދައްކަންޖެހިފައިވާ ފައިސާ އެވެ.
މިނިސްޓަރު ރާފިއު އިތުރަށް ވިދާޅުވީ އެފްއޭއެމް ހިންގުމަށް ފީފާ އިން ހަވާލުކޮށްފައި އޮތް ނޮމަލައިޒޭޝަން ކޮމިޓީއަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ސަރުކާރުން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން އެފްއޭއެމްގެ ލޯނުގެ މައްސަލައާއި އެފްއޭއެމް ހިންގަން ވަގުތީ އޮފީހާއި މިނިސްޓްރީގެ މުވައްޒަފުން ހަމަޖައްސައިދީފައިވާ ކަމަށްވެސް ވިދާޅުވި އެވެ.
އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް މިރޭ ބޭއްވިއިރު އެއްވަނަ ޑިވިޝަނުގެ ފަސް ކްލަބް ކަމަށްވާ ކްލަބް އީގަލްސް، ގްރީން ސްޓްރީޓްސް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަދި ބުރު ސްޕޯޓްސް އިން ވަނީ ކޮންގްރެސް ބޮއިކޮޓް ކޮށްފަ އެވެ.