އެފްއޭއެމް

އެފްއޭއެމްގެ މުހިއްމު ދެ މަގާމަކަށް މީހުން ހޯދަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ މުހިއްމު ދެ މަގާމަކަށް މީހުން ހޯދަން އިއުލާންކޮށްފި އެވެ.

ފުލްޓައިމް ވަޒީފާއެއްގެ ގޮތުގައި އެފްއޭއެމްއަށް މިފަހަރު ހޯދަނީ ފައިނޭންޝަލް ކޮންޓްރޯލަރަކާއި ގާނޫނީ ލަފާދޭނެ ބޭފުޅެކެވެ.

ފައިނޭންޝަލް ކޮންޓްރޯލުގެ މަސްއޫލިއްޔަތަކީ އެފްއޭއެމްގެ މާލީ މުއާމަލާތްތައް ހިނގާ ގޮތް ބެލުމާއި މާލީ ގޮތުން ދޭންޖެހޭ ލަފާދިނުމާއި އެފްއޭއެމްއަށް ލިބެންޖެހޭ އާމްދަނީއާއި ދަރަނީގެ ތަފްސީލް ހޯދައި ބެލެހެއްޓުމާ އަދި އެފްއޭއެމްގެ އެސެޓް މެނޭޖްކުރުންވެސް ހިމެނެ އެވެ.

ލީގަލް ކައުންސެލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ އެފްއޭއެމްގެ ގާނޫނީ މައްސަލަތަކުގައި ލަފާ ދިނުމާއި، އެފްއޭއެމް ހިންގުމަށް ހަދާފައިވާ ގަވައިދުތަކާއި އުސޫލުތައް ހުރީ ބައިނަލްއަގްވާމީ އަދި ރާއްޖޭގެ ގާނޫނީ ހަމަތަކާ އެއްގޮތަށް ބަލައި ކަށަވަރުކުރުމެވެ.

މި މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެފްއޭއެމް އިން ބުނި ގޮތުގައި މި މަގާމުތަކަށް މުސާރަ ހަމަޖައްސާނީ ދެފަރާތުން މަޝްވަރާކޮށްގެން އެއްބަސްވެވޭ ގޮތަކަށެެވެ.

އެފްއޭއެމް އިން މީގެކުރިން ވަނީ އެ އިދާރާއަށް ފުލްޓައިމްކޮށް މަސައްކަތް ކުރާނެ ޖެނަރަލް ސެކްރެޓަރީ އަކު ހޯދަންވެސް އިއުލާންކޮށްފަ އެވެ. މިވަގުތު ވަގުތީގޮތުން އެ ޒިންމާ އަދާކުރައްވަނީ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) އެވެ.

އެފްއޭއެމްގެ މުހިއްމު މަގާމުތަކަށް މީހުން ހޯދަމުންދާއިރު އެ އިދާރާގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރުގައި ހިންގާފައިވާ ހިޔާނާތުގެ ބޮޑެތި މައްސަލަތަކާ ގުޅިގެން ފީފާ އިން ވަނީ ބައްސާމް ސަސްޕެންޑްކޮށް އެފްއޭއެމް ހިންގުން ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ.