އޭއެފްސީ

އޭޝިއަން ކަޕް ބިޑުގައި ސައުދީއާ ގަތަރު ވާދަ

އޭޝިއަން ކަޕްގެ 2027 މުބާރާތް ބޭއްވުމަށް، ސައުދީ އަރަބިއްޔާ ބިޑް ކުރި ފަހުން ގަތަރު ވެސް ބިޑް ހުށަހެޅުމުން މުބާރާތުގެ ބިޑް ކުރުމުގެ މަރުހަލާގައި ވެސް ވާދަ ވެރިކަން ވެއްޖެ އެވެ.

އޭޝިއަން ކަޕްގެ އެންމެ ފަހު ޗެމްޕިއަން ގަތަރު މުބާރާތަށް ބިޑް ހުށަހެޅި އިރު އެ ގައުމުން ވަނީ 2011 ވަނަ އަހަރުގެ މުބާރާތް ވެސް ހޯސްޓް ކޮށްފަ އެވެ. މުބާރާތް ބޭއްވުމުގެ ފުރުސަތު ނުލިބޭ ގައުމުތަކުގެ ތެރެއިން ސައުދީ އަރަބިއްޔާ ހިމެނެ އެވެ. ނަމަވެސް ސައުދީ ހުށަހެޅި ފަހުން، ގަތަރުން ވެސް ބިޑް ހުށަހެޅުމުން ބެލެވިފައި ވަނީ ސައުދީގެ ބިޑަށް ޗެލެންޖު ކުރުމުގެ ގޮތުން ގަތަރުން ހުށަހެޅީ ކަމަށެވެ.

ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް 2022 ގައި އޮންނާނީ ވެސް ގަތަރުގަ އެވެ.

ސައުދީން ވަނީ 2017 ވަނަ އަހަރުން ފެށިގެން ގަތަރާއެކު އޮންނަ ސިޔާސީ ގުޅުން ކަނޑާލައި އެ ގައުމާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފަ އެވެ. އޭގެ ފަހުން ފެނިފައި ވަނީ ސައުދީ އާއި ގަތަރުގެ މެދުގައި ހުރިހާ ދާއިރާއަކުން ވެސް ވާދަވެރިކަން އުފެދިފައިވާ މަންޒަރެވެ.

ސައުދީން ސިޔާސީ ގުޅުން ކަނޑާލާފައިވާ އަނެއް ގައުމަކީ އިރާން އެވެ. އެ ގައުމުން ވެސް ވަނީ އޭޝިއަން ކަޕް ބާއްވަން މިދިޔަ ހަފުތާގައި ބިޑް ހުށަހަޅާފަ އެވެ. އިރާންގައި މީގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން އޭޝިއަން ކަޕް ބާއްވާފަ އެވެ. އެއީ 1968 އަދި 1976 ގަ އެވެ.

އެ މުބާރާތް ބާއްވަން ބިޑް ހުށަހެޅުމުގެ މުއްދަތު ހަމަވާ ގޮތަށް ކުރިން އޮތީ މިދިޔަ މަހު އެވެ. ނަމަވެސް މުޅި ދުނިޔޭގައި ހަލުވި ކާމާއެކު ފެތުރެމުންދާ ކޮވިޑް-19 އިގެ ސަބަބުން، އޭއެފްސީން ވަނީ ބިޑް ހުށަހެޅުމުގެ މުއްދަތު ޖޫން 30 އަށް އިތުރު ކޮށްފަ އެވެ. ބިޑް ކާމިޔާބު ކުރާނެ ގައުމެއް ފައިނަލު ކުރާނީ މި އަންނަ އަހަރު އެވެ.

އިންޑިއާ އިން ވެސް 2027 ގެ އޭޝިއަން ކަޕް ބާއްވަން ބިޑް ކޮށްފަ އެވެ. އޭޝިއަން ކަޕްގެ 2023 ގެ މުބާރާތް އޮންނާނީ ޗައިނާގަ އެވެ.