ދުނިޔެ

ހިޒްބުﷲގެ ޑްރޯން ހަމަލާއެއް ނަތަންޔާހޫ ދިރިއުޅުއްވާ އަމިއްލަ ގެއަށް

އީރާންގެ މަދަދުވެރިކަމާ އެކު ލުބްނާންގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ސިޔާސީ ޖަމާއަތެއް ކަމަށްވާ ހިޒްބުﷲއިން، އިޒުރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަޔާހޫ ދިރިއުޅުއްވާ އަމިއްލަ ގެއަށް ޑްރޯން ހަމަލާއެއް ދީފި އެވެ.

ބޮޑުވަޒީރު ނަތަންޔާހޫގެ ރަސްމީ އޮފީހުން މި ހާދިސާ ވަނީ ތެދުކޮށްފަ އެވެ. ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ހަމަލާ އަމާޒުވި ސީދާ ބޮޑުވަޒީރުގެ ގެއަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހިޒްބުﷲގެ ޑްރޯން ބޯޑަރު ހުރަސްކޮށް އިޒުރޭލު ތެރެއަށް ވަދެ، ނަތަންޔާހޫގެ ދިރިއުޅުވައްވާ ގެއާ އިންވެގެން ހުރި ފާރަކަށް އެރީ އެވެ.

އެ ވަގުތު ނަތަންޔާހޫ އާއިލާގެ ބައެއް މެމްބަރުން ގޭގައި އުޅުއްވާ ކަމަށް ޚަބަރުތައް ބުނި ނަމަވެސް، ބޮޑުވަޒީޜު އުޅުއްވާކަން ކަށަވަރުކޮށެއް ނުދެ އެވެ.

އިޒުރޭލުގެ ނޫސްތައް ބުނާ ގޮތުން ބޮޑުވަޒީރާއި އަނބި ކަނބަލުން އެ ވަގުތު ގޭގައި ނޫޅުއްވަ އެވެ.

އިޒުރޭލުގެ ދިފާއީ ބާރުތަކުން ބުނާ ގޮތުން ލުބްނާނުން އިތުރު ޑްރޯން އިއްޔެ އަދި މިއަދުވެސް ވަނީ އިޒުރޭލަށް ފޮނުވާފަ އެވެ ނަމަވެސް، ބޯޑަރު ހުރަސްކޮށް ވަދެގަތުމުން ކުރިން ހަަމަލާދީ ވަނީ ވައްޓާލާފަ އެވެ.

ހިޒްބުﷲގެ މި ހަމަލާތަކުން މީހަކަށް ގެއްލުން ނުލިބޭ ކަމަށް އިޒުރޭލުގެ ދިފާއީ ބާރުން ބުނެ އެވެ. ނަމަވެސް، އަލިފާން ނިއްވާ ލޮރީރަކާއި އަވަސް ފަރުވަދޭ ޓީމުތައް މި ހާދިސާ ހިނގި ސަރަހައްދަށް ޖަމާވި ކަމަށް ޚަބަރުައް ބުނެ އެވެ.

އިޒްރޭލާއި ހިޒްބުﷲއާ ދެމެދު ހަމަލާ ބަދަލުކުރުން މިހާރު ވަނީ އިހުނަށް ވުރެ އިތުރުކޮށްފަ އެވެ. އިޒުރޭލު ސިފައިން ހަމާސްގެ ލީޑަރު ޔަހްޔާ ސިންވާރު މަރާލުމާ ގުޅިގެން ބަދަލުހިމުގެ ހަރަކާތްތައް ހިންގާނެ ކަމަށް ހިޒްބުﷲ އޮތި ބުނެ އިންޒާރުދީފަ އެވެ.

ހިޒްބުﷲ ބުނާ ގޮތުން އިޒުރޭލުން ކިތަންމެ ވަރަކަށް ހަމަލާދިން ނަމަވެސް، އެ މީހުންގެ ކަރުނޭލޭނެ އެވެ. ހިތްވަރު ގަދަކޮށް ފައިމައްޗަށް އަލުން ތެދުވުމަކީ އިޒްބުﷲއަށް އާ ކަމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ޔަހުޔާ ސިންވާރުގެ މަރާ ގުޅިގެން އިޒުރޭލުގެ ބޮޑުވަޒީރު ވަނީ ޣައްޒާ ހަނގުރާމައިގެ ހުއްޓުން ފެށުނީ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، ހަމަލާއް ހުއްޓާލައި ސުލްހަވުމަށް ހުރި ޝަރުތުތަކާ ބެހޭ ގޮތުން އިޒުރޭލުން ވާހަކައް ނުދައްކަ އެވެ.