ފީފާ ވޯލްޑް ކަޕް ތައްޓާ އެކު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އިންސްޓަގްރާމަށް ލީ ފޮޓޯ އަށް ދުނިޔޭގެ ރެކޯޑެއް ލިބިއްޖެ އެވެ.
ފީފާ ވޯލްޑް ކަޕް ތައްޓާ އެކު އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އިންސްޓަގްރާމަށް ލީ ފޮޓޯ އަށް ދުނިޔޭގެ ރެކޯޑެއް ލިބިއްޖެ އެވެ.
އާދީއްތަ ދުވަހު ފްރާންސް އަތުން މޮޅުވެ ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމަށް ފަހު ތައްޓާ އެކު މެސީ އިންސްޓަގްރާމަށް ލީ ފޮޓޯ އަށް މިހާރު ވަނީ 67 މިލިއަން ލައިކް ލިބިފަ އެވެ. މި ރެކޯޑް ކުރިން އޮތީ ކުކުޅު ބިހެއްގެ ފޮޓޯއަކަށެވެ. އާދާއިގެ ކުކުޅު ބިހެއް އިންސްޓަގްރާމަށް ލައިގެން ގިނަ ބައެއްގެ ސަމާލުކަން ހޯދިއިރު އެ ފޮޓޯ އަށް ވަނީ 56 މިލިއަން ލައިކް ލިބިފަ އެވެ.
"ވޯލްޑް ރެކޯޑް އެގް" ގެ ނަމުގައި ހުޅުވާފައިވާ އިންސްޓަގްރާމް އެކައުންޓަކުން ކުކުޅު ބިހުގެ ފޮޓޯއެއް ލީ ސެލެބްރިޓީ ކައިލީ ޖެނާ އަށް ލިބިފައިވާ ރެކޯޑް މުގުރާލުމަށެވެ. އޭރު އިންސްޓަގްރާމްގައި އެންމެ ގިނަ ލައިކް ލިބިފައިވަނީ ކައިލީ ޖެނާ އޭނާ އަށް ދަރިއެއް ލިބޭކަމަށް އިއުލާންކުރި ފޮޓޯ އަށެވެ. އެ ފޮޓޯ އަށް އޭރު ލިބުނީ 18 މިލިއަކް ލައިކެވެ. އެކަމަކު ކުކުޅު ބިހުގެ މަގްބޫލުކަން ބޮޑުވެ ކައިލީ ޖެނާގެ ރެކޯޑް މުގުރާލި އެވެ.
އިންސްޓަގްރާމްގައި ރެކޯޑް ހޯދި ފޮޓޯގެ އިތުރުން މެސީ މިފަހަރު ވަނީ ވޯލްޑް ކަޕްގެ ގިނަ ރެކޯޑްތަކެއް ހަދައިފަ އެވެ.
މެސީ ވޯލްޑް ކަޕްގައި ހެދި މުހިއްމު ރެކޯޑްތައް
- 26 ވޯލްޑް ކަޕްގައި އެންމެ ގިނަ މެޗު ކުޅުމުގެ ރެކޯޑް
- 11 ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ މެޗުގެ މޮޅު ކުޅުންތެރިޔާ ހޯދުން
- 19 ކެޕްޓަނެއްގެ ގޮތުގައި ވޯލްޑް ކަޕްގެ އެންމެ ގިނަ މެޗު ކުޅުން
- 5 ފަސް ވޯލްޑް ކަޕްގައި ވާދަކުރި ކުޅުންތެރިޔާގެ ރެކޯޑް ހެދުން (ރޮނާލްޑޯއާ އެކު ހިއްސާކުރާ ރެކޯޑެއް)
- 5 ފީފާ ވޯލްޑް ކަޕްގެ ފަސް މުބާރާތުގައި ގޯލު ޖަހަން އެހީތެރިވި ހަމައެކަނި ކުޅުންތެރިޔާ
22 ވަނަ ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރިއިރު މެސީ ވަނީ ހަތް ގޯލު ޖަހައި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ. ވޯލްޑް ކަޕާ އެކު މެސީ މިހާރު ވަނީ ކެރިއަރުގެ ހުރިހާ ކާމިޔާބީއެއް ހާސިލްކޮށްފަ އެވެ.