ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދި އާޖެންޓީނާ ޓީމުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި އަލެކްސިސް މެކަލިސްޓާ ދިގު މުއްދަތަކަށް ޓީމުގައި ބަހައްޓަން ބޭނުންވާކަމަށް އޭނާ ކުޅޭ ކްލަބް، އިނގިރޭސި ޕްރިމިއާ ލީގުގެ ބްރައިޓަން އިން ބުނެފި އެވެ.
ވޯލްޑް ކަޕް އާޖެންޓީނާ އިން ކާމިޔާބު ކުރިއިރު އުމުރުން 23 އަހަރުގެ މެކަލިސްޓާ ހަ މެޗުގައި ކުޅެފަ އެވެ. ވަރުބަލިކަމެއް ނެތި މެކަލިސްޓާ މެދުތެރޭގައި ދެއްކި މޮޅު ކުޅުމާ އެކު އޭނާ ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ބޮޑެތި ކްލަބްތަކުގެ ސަމާލުކަމަށް އައިސްފަ އެވެ. މޮޅު ކުޅުމުގެ އިތުރުން މެކަލިސްޓް ވަނީ ގްރޫޕް ސްޓޭޖުގައި ޕޮލެންޑް ކޮޅަށް ގޯލު ޖަހައި ފައިނަލް މެޗުގައި ގޯލު ޖަހަން އަންހެލް ޑި މާރިއާ އަށް އެހީތެރިވެދީފަ އެވެ.
މެކަލިސްޓާ އަށް ލިބުނު ސަމާލުކަމާ އެކު އޭނާ އަށް ބޮޑެތި ކްލަބްތަކުގެ އޮފާތައް އަންނާނެކަން މިހާރު ވެސް ވަނީ ޔަގީންވެފަ އެވެ. ބްރައިޓަންގެ ޗީފް އެގްޒެކެޓިވް ޕައުލް ބާބާ ބުނީ މެކަލިސްޓާ އަށް އޮފާތައް އަންނާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު އުއްމީދަކީ ދިގު މުއްދަތަކަށް މެކަލިސްޓާ ކްލަބުގައި މަޑުކުރުން ކަމަށެވެ.
"އެހާ މޮޅު ކުޅުމެއް ދެއްކީމަ ބޮޑެތި ކްލަބްތަކުން ޝައުގުވެރިކަން ފާޅުކުރާނެ. މެކަލިސްޓާ ވޯލްޑް ކަޕް ހޯދީ 23 އަހަރުގައި. އަނެއްކާ ފައިނަލް މެޗުގައި ޑި މާރިއާ އަށް ތަނަވަސްކޮށްދިން ފުރުސަތަކީ މެކަލިސްޓާގެ މޮޅުކަން ދައްކުވައިދޭ ކަމެއް. މެކަލިސްޓާ މި ކްލަބުގައި ބަހައްޓަން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން" ބާބާ ބުންޏެވެ.
ބްރައިޓަން އަކީ އިނގިރޭސި ލީގުގައި ފަހަކަށް އައިސް އެންމެ ބޮޑު ކުރިއެރުން ހޯދި އެއް ކްލަބެވެ. އަދި އެޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ބޮޑު އަގުގައި ކްލަބްތަކުން އަންނަނީ ހޯދަމުންނެވެ. މިދިޔަ ދެ ސީޒަނުގައި އެ ކްލަބުން ވަނީ ފަސް ކުޅުންތެރިން އެހެން ކްލަބްތަކަށް ބޮޑު އަގުގައި ވިއްކާލާފަ އެވެ. އެހެންވެ ދެން އެޓީމަށް ޕްރެޝަރު ވާނީ މެކަލިސްޓާ އަށް އަންނަ ހުށަހެޅުންތަކާ އެކު އޭނާ ކްލަބުގައި މަޑުކުރުވުމެވެ.
މެކަލިސްޓާ ހަތް މިލިއަން ޕައުންޑަށް ބްރައިޓަންއާ ގުޅުނީ 2019 ވަނަ އަހަރު އާޖެންޓީނޯސް ޖޫނިއާސް އިންނެވެ. އެންމެ ފުރަތަމަ ލޯނުގައި ހުރުމަށް ފަހު، ފަހުން ބޮކާ ޖޫނިއާސް އަށް ވެސް ލޯނު އުސޫލުން މެކަލިސްޓާ ކުޅުނެވެ.
އާޖެންޓީނާގެ ގައުމީ ޓީމުން މެކަލިސްޓާ އަށް އެންމެ ފުރަތަމަ ފުރުސަތު ލިބުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. ބްރައިޓަން އަށް ބަދަލުވެ މެކަލިސްޓާ އެ ކްލަބަށް ފުރަތަމަ މެޗެއް ކުޅުނީ 2020 ވަނަ އަހަރުގެ މާޗް މަހު އެވެ.
ލިއޮނެލް މެސީއާ މެކަލިސްޓާ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދިއިރު އޭނާގެ ބައްޕަ ވަނީ ޑިއޭގޯ މަރަޑޯނާއާ އެކު އާޖެންޓީނާގެ ޓީމަށް ކުޅެފަ އެވެ.
ޗެމްޕިއަންކަން ހޯދުމާ އެކު ގައުމީ ޓީމުގެ އުފާފާޅުކުރުންތަކަށް ބްރައިޓަން އިން މިހާރު ވަނީ މެކަލިސްޓާ ވީއްލާފަ އެވެ. އެ ކްލަބުން ބުނީ އެވަރުގެ ބޮޑު ކާމިޔާބީއެއް ފާހަގަކުރަން ކްލަބުން މެކަލިސްޓާ އަށް ވަގުތު ދޭނެ ކަމަށެވެ.