ޖިންސީ ގޯނާ

ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޓީޗަރެއް ހައްޔަރުކޮށްފި

އުތުރުގެ ރަށެއްގެ ސްކޫލުގެ ދެ ދަރިވަރަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އެ ސުކޫލުގެ ޓީޗަރަކު ހައްޔަރުކޮށްފި އެވެެ.

މިމައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ އުމުރުން 12 އަހަރާއި 14 އަހަރުގެ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އުތުރުގެ ރަށަކުން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި އުމުރުން 49 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނި ގޮތުގައި މަައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ގެންދިއުމުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން މިމަހު 18 ވަނަ ދުވަހު ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ޓީޗަރާ މެދު އެޑިއުކޭޝަނުން ފިޔަވަޅު އެޅިކަމެއް އަދި އަވަސްއަށް އެނގިފައެއް ނުވެ އެވެ.