ބޭންކް އޮފް މޯލްޑިވްސް

އޭޕްރީލުން ފެށިގެން 50،000ރ. އިން މަތީގެ ޗެކު ބަަލައެއް ނުގަންނާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަންނަ އެޕްރީލް މަހުން ފެށިގެން ބަލައިގަންނާނީ 50،000 ރުފިޔާ އާއި 3،000 ޔޫއެސް ޑޮލަރާއި ހަމައަސް ދޫކޮށްފައި ހުންނަ ޗެކްތައް ކަމަށް އެ ބޭންކުން ބުނެފި އެވެ.

ބީއެމްއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އޭޕްރީލުން ފެށިގެން މި އަދަދުތަކަށް ވުރެ މަތީ އަދަދުތަކުގެ މުއާމަލާތްތައް ކުރެވޭނީ ބޭންކުގެ ޑިޖިޓަލް ޗެނަލްތައް މެދުވެރިކޮށް ކަމަށެވެ.

"އަޅުގަނޑުމެން ކަސްޓަމަރުންގެ ކިބައިން އެދެނީ ބޭންކިން ހިދުމަތްތަކަށް ޑިޖިޓަލް ޗެނަލްތައް ބޭނުންކުރެއްވުން،" ބީއެމްއެލް އިން ބުނެފައިވެ އެވެ.

އެ ބޭންކުން މި ބަދަލު ގެންނަށް ނިންމީ އިލެކްޓްރޯނިކް ޕޭމަންޓް ޕްރޮމޯޓް ކުރުމާއި ރާއްޖޭގައި ޕޭމަންޓްގެ ހިދުމަތް ފުޅާކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ސްޓްރެޓަޖީގެ ދަށުން ނެވެ.

މިގޮތުން ބީއެމްއެލްގެ އިންޓަނެޓް ބޭންކިންއަށް ރަޖިސްޓަރީ ކޮށްފައި ނުވާ ކަސްޓަމަރުންނަށް މިހާރު އޮންލައިންކޮށް ރަޖިސްޓަރީ ކުރެވޭނެ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފަ އެވެ.

އިންޓަނެޓް އަދި މޯބައިލް ބޭންކިންއަކީ ރައްކާތެރި ފަސޭހައިން ބޭނުންކޮށްލެވޭ ހިދުމަތެކެވެ. އަދި ދުނިޔޭގެ ކޮންމެ ތަނަކުންވެސް 24 ގަޑިއިރު އިންޓަނެޓް ބޭންކިން މެދުވެރިކޮށް ހިދުމަތް ލިބޭނެ އެވެ.