އޮބިޗުއަރީ

ސަމަރުބުލޫ އިބްރާހީމް މަނިކު އަވަހަރާވެއްޖެ

Nov 30, 2022

ކުރީގެ އިންފޮމޭޝަން މިނިސްޓަރު ސަމަރުބްލޫ އިބްރާހީމް މަނިކު (ސަމަރޭ) އަވަހާރަވެއްޖެ އެވެ.

އިބްރާހިމް މަނިކު އަވަހާރަވީ އިންޑިއާގެ ބެންގަލޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނު އެވެ.

އިބްރާހީމް މަނިކު އެންމެ ފަހުން ބައިވެރިވެވަޑައިގެންނެވި ރަސްމީ އިވެންޓަކީ ބްރޯޑްކާސްޓަރުންގެ ހިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ރާއްޖޭގައި ފުރަތަމަ ފަހަހަރަށް ދިން ބްރޯޑްކާސްޓިން އެވޯޑް ހަފްލާ އެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމުކޮށްގެން މިދިޔަ ސެޕްޓެމްބަރު ބޭއްވި މި ހަފްލާގައި އިބްރާހީމް މަނިކަށް ބްރޯޑްކާސްޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދީފައިވެ އެވެ.

ސަމަރޭގެ މަސައްކަތް އެންމެ ބޮޑަށް ފާހަގަކުރެވުނީ 1974 ވަނަ އަހަރު ބްރޯޑްކާސްޓިން ހިދުމަތާ ގުޅިވަޑައިގަތުމަށްފަހު ދިވެހިރާއްޖޭގެ އަޑު ތަރައްގީކުރަން ކުރެއްވި މަސައްކަތްތަކާ ގުޅިގެންނެވެ. އަޑުގެ ވަރަށް މަޝްހޫރު ޝޯތައް ވެސް އިބްރާހީމް މަނިކު ހުށަހެޅުއްވި އެވެ. އެގޮތުން އެންމެ ފާހަގަކުރެވޭ އެއް ޝޯ އަކީ މިހާރުވެސް ކޮންމެ ދުވަހެއްގެ ހެނދުނު ކުރިއަށް ގެންދާ "ބާއްޖަވެރި ހެނދުނެއް" ޝޯ އެވެ.

އިބްރާހީމް މަނިކުގެ ގައުމީ ހިދުމަތް ފާހަގަކުރައްވާ ދިވެހި ސަރުކާރުން ވަނީ މިޔުޒިކާއި ލަވަކިޔުން ކުރިއެރުވުމުގެ ދާއިރާ އިން 1996 ވަނަ އަހަރު އިބްރާހީމް މަނިކަށް އާއްމު ހިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ވެސް ދެއްވާފަ އެވެ.