ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްއަށް ދިގު މުއްދަތުގައި ހިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށްފި

Nov 30, 2022

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށްފި އެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ހާއްސަ ހަފްލާގައި ބޭންކަށް 15 ،20 ،25، 30، 35 އަދި 40 އަހަރު ހިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް ވަނީ އެވޯޑް ދީފަ އެވެ.

އެގޮތުން ބީއެމްއެލް އުފެދުނީއްސުރެ އެތަނުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޑެޕިއުޓީ ސީއީއޯ އައިޝަތު ނޫރައްދީން އާއި ޑިވެލޮޕްމަންޓް ބޭންކިން ޑައިރެކްޓަރު ފާތިމަތު މަނިކެ އާއި ސީނިއާ ފެސިލިޓީސް އޮފިސަރު މޫސާ މުހައްމަދަށް ވަނީ 40 އަހަރުގެ ދިގު ހިދުމަތެއް ކޮށްދެއްވާފައިވާތީ ހާއްސަ އެވޯޑެއް ދީފަ އެވެ.

ބީއެމްއެލްގެ ސީނިއާ ރީކޮންސިލިއޭޝަން އޮފިސަރުގެ މަގާމުގައި ހުންނެވި ފިރާގު އަހްމަދު 35 އަހަރު ބޭންކަށް ހިދުމަތް ކޮށްދެއްވާފައިވާތީ އަހްމަދު އޭނާއަށް ވެސް ހާއްސަ އެވޯޑެއް ދީފައިވެ އެވެ. މިހަފްލާގައި ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވަނީ 68 މުވައްޒަފުންނަށް އެވޯޑް ހަވާލުކޮށްދީފަ އެވެ.

މި ހަފްލާގައި ކާލް ވިދާޅުވީ ރާއްޖޭގެ އެންމެ ކުރިއަރާފައިވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ދެމެހެއްޓުމަށް ގިނަ އަހަރުތަކެއް ވަންދެން ހީވާގިކަމާއެކު ކޮށްދެއްވި ބުރަ މަސައްކަތަށް މުވައްޒަފުންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

"މި ދާއިރާގައި ތިޔަ ބޭފުޅުން ހޯއްދަވާފައިވާ އިލްމާއި ތަޖުރިބާއަކީ ދެވަނައެއް ނުވާ ހިދުމަތެއް،" ކާލް ވިދާޅުވި އެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ވެސް ދީފައިވާ އެއް ކުންފުންޏެވެ. ބޭންކުގެ 99 އިންސައްތަ މުވައްޒަފުންނަކީ ދިވެހިންނެވެ.

އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްތައް ދިރާސާ ކުރުމަށްފަހު ބޭންކުން ދަނީ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލަމުންނެވެ. މިގޮތުން ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ފޯރުކޮށްދިނުމާއި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ފަދަ ބޮޑު ބަދަލުތަކެއް ދަނީ ގެންނަމުންނެވެ.