ދުނިޔެ

އެމެރިކާ އާއެކު ހަތިޔާރު ކޮންޓްރޯލް ކުރަން މަޝްވަރާ ކުރެވިދާނެ، ޝަރުތުތަކެއް އެބަހުރި: ރަޝިއާ

އެމެރިކާ އާއެކު ހަތިޔާރު ކޮންޓްރޯލް ކުރުމުގެ މަޝްވަރާތައް އަލުން ފެށުމަށް މޮސްކޯއިން ޝަރުތު ކަނޑައަޅައިފި އެވެ. އެމެރިކާއަށް ފުރަތަމަ އޮތް ޝަރުތަކީ ޔުކްރޭނަށް ހަތިޔާރު ދިނުން ހުއްޓާލުމެވެ.

ރަޝިއާ ފޮރިން މިނިސްޓްރީގެ ތަރުޖަމާން މާރިއާ ޒަޚަރޯފާ ވިދާޅުވީ އެމެރިކާއިން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދޭހާ ހިނދަކު -- އެމެރިކާއާ އެކު ހަތިޔާރު މަދުރުކުރުމުގެ މައުލޫއަށް މަޝްވަރާ ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މާރިއާ ޒަޚަރޯފޯ ވިދާޅުވި ގޮތުގައި އެމެރިކާއިން ޔުކްރޭނަށް ހަތިޔާރު ފޯރުކޮށްދެނީ ހަމަ ސީދާ ރަޝިއާއަށް ހަމަލާ ދޭށެވެ. މި ފަދަ ހާލަތެއްގައި ހަތިޔާރު މަދުކުރުމުގައި އެމެރިކާގެ އިހުލާސްތެރިކަމާ މެދު ވެސް ހައިރާންވެ ވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭން ހަނގުރާމަ ދިގުލައިގެން ގޮސްފައި ވަނީ އެމެރިކާއާ ހެދި ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

މަޝްރަހު މި ގޮތަށް އޮތް އިރު ހަތިޔާރު މަދުކުރުމުގެ ނިޔަތުތައި އެމެރިކާ އާއެކު އެއް ޒޭޒުދޮށަށް ދިއުމަކީ އެކަމުގައި އެއްވެސް ދިރުމެއް އޮތް ކަމެއް ނޫން ކަމަށް ޒަޚަރޯފާ ވިދާޅުވި އެވެ.

އެމެރިކާ އާއި ރަޝިއާއާ ދެމެދު 2010 ގައި ވެފައި އޮތް 'ނިއު ސްޓާޓް އެގްރީމަންޓް' ނުވަތަ 'ސްޓްރެޓެޖިކް އާމްސް ރިޑަކްޝަން ޓްރީޓީ' އަކީ، ދުނިޔޭގެ އެންމެ ބާރުގަދަ ނިއުކްލިއާ ދެބާރުގެ ދެމެދުގައި ހަދާފައި އޮތް އެއްބަސްވުމެކެވެ.

މި އެއްބަސްވުމުގެ އަމާޒަކީ ފަނާކުރަަނިވި ހަތިޔާރު އުފެއްދުމާއި ބޭނުންކުރުން މަދުކޮށް އަދި ފަހުން ވުޖޫދުން ފޮހެލުމެވެ. އެކަމަކު މިއީ ދުވަހަކު ވެސް ވާސިލްވެވޭނެ އަމާޒެއް ކަމަކަށް ނުބެލެވެ އެވެ.

ނިއު ސްޓާޓް އެގްރީމަންޓަކީ މުއްދަކު ކަޑައެޅިފައި އޮންނަ އެއްބަސްވުމެކެވެ. އެހެންކަމުން ކަނޑައަޅައި އެއްބަސްވެފައި އޮންނަ މުއްދަތު ހަމަވުމުގެ ކުރިން -- އެއްބަސްވުމުގެ މުއްދަތު ދިގުދަންމަން ދެގައުމުން އެދޭ ނަމަ މަޝަވަރާކޮށް ގޮތެއް ނިންމަން ޖެހެ އެވެ.

މިހާރު އޮތް ގޮތުން މި އެއްބަސްވުމުގެ މުއްދަތު ފެބްރުއަރީ ފަހެއް، 2026 ގެ ނިޔަލަށް ހަމަވާނެ އެވެ.

ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް ހުޅަނގުން އެޅި ދަތުކުރުމުގެ ފިޔަވަޅުތަކާ ހެދި ރަޝިއާ އޮތީ މި އެއްބަސްވުމަށް އަމަލުކުރުން ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ. އެއަށް ފަހު މި އެއްބަސްވުން ކުރިއަށް ގެންދިއުމާ މެދު ރަޝިއާ ފުންކޮށް ވިސްނާނެ ކަމަށް އޮތީ ބުނެފަ އެވެ.

މި އެގްރީމަންޓަށް ގޮތެއް ނިންމުމަށް ރަޝިއާ އާއި އެމެރިކާގެ ޑިޕްލޮމެޓުން މިސްރުގެ ވެރިރަށް ކައިރޯގައި އަންގާރަ ދުވަހު ބާއްވަން ހަމަޖެއްސި ބައްދަލުވުން ވަގުތު ކުޑަތަންވެފައި އޮއްވައި ވަނީ ކެންސަލްކޮށްފަ އެވެ.

ދެން ބައްދަލުވުމެއް ބާއްވާނެ ދުވަހެއް ވެސް ހަމަޖައްސާފައި ނުވެ އެވެ.

މާރިއާ ޒަޚަރޯފާ ވިދާޅުވީ ޝަރުތުތަކަށް އެއްބަސްވެގެން ނޫން ގޮތަކަށް ދެން ބައްދަލުވުން ބޭވެއް ނެތް ކަމަށެވެ. އޭނާ އަދި ވިދާޅުވީ ނިއު ސްޓާޓް އެގްރީމަންޓަކީ އެމެރިކައަށާއި ރަޝިއާއަށް ވެސް ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށެވެ.