ރަޝިއާއަށް ދަތިކުރަން އެމެރިކާއިން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ރަޝިއާއިން އެއްވެސް ބާވަތެއްގެ ހަކަތަ އެމެރިކާއަށް އެތެރެ ކުރުން ވަނީ މަނާ ކޮށްފަ އެވެ.
ޖޯ ބައިޑަންގެ ސަރުކާރުން ރިޔާސީ އަމުރެއް މެދުވެރިކޮށް އެމެރިކާއަށް އެތެރެ ކުރުން މަނާކުރީ ސާފު ނުކުރާ ތެލާއި ގުރުދަރީ ގޭސް އަދި ބޯޓްދެއްޔެވެ. އަމުރުގައި ބުނާ "އެއްވެސް ބާވަތެއް" ގެ ތެރޭގައި ނިއުކްލިއާ ހަކަތައިގެ ވާހަކައެއް ނުހިމެނެ އެވެ.
ބައިޑަން ނެރުއްވި އަރުމުގެ ސަބަބުން ރަޝިއާއިން ޔުރޭނިއަމް އެމެރިކާއަށް އެތެރެ ކުރުން މަނައެއް ނުވެ އެވެ. ޔުރޭނިއަމް މަނާ ކުރުމަކީ މިވަގުތު އެމެރިކާއަށް ކުރެވެން އޮތް ކަމެއް ވެސް ނޫނެވެ.
އެމެރިކާއިން ބޭނުންކުރާ ހަކަތައިގެ 8.9 ޕަސެންޓަކީ ނިއުކްލިއާ ހަކަތަ އެވެ. އެމެރިކާއަށް ބޭނުންވާ ކަރަންޓްގެ 20 ޕަސެންޓް ފޫބައްދަނީ ވެސް އެމެރިކާގައި ހުރި ނިއުކްލިއާ ޕަވާ ޕްލާންޓް ތަަކުންނެވެ.
އެހެން ނަމަވެސް، އެމެރިކާއަކީ ނިއުކްލިއާ ޕަވާ ޕްލާންޓްތައް ހިންގަން ބޭނުންވާ ޔުރޭނިއަމް އުފައްދާ ގައުމެއް ނޫނެވެ. އަދި ފަސޭހަ ހާލަތެއްގައި ބިމުއަޑިން ޔުރޭނިއަން ނެގޭނެ ގޮތެއް ވެސް އެމެރިކާއަކަށް އަދި ނެތެވެ.
އެމެރިކާއަށް ބޭނުންވާ ޔޫރޭނިއަމްގެ 46 ޕަސެންޓް އެތެރެ ކުރަނީ ރަޝިއާ އާއި ކަޒަކިސްތާން އަދި އުޒްބަކިސްތާން ފަދަ ރަޝިއާގެ އެކުވެރި ގައުމުތަކުންނެވެ.
އެމެރިކާއަށް އެތެރެކުރާ ޔޫރޭނިއަމްގެ 22 ޕަސެންޓް ހިއްސާ ކުރަނީ ކެނެޑާ އެވެ. އޮސްޓްރޭލިއާއިން 11 ޕަސެންޓް އަދި ނަމީބިއާއިން ފަސް ޕަސެންޓް އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާ އާއި ކަޒަކިސްތާން އަދި އުޒްބަކިސްތާނުން 10.2 މިލިއަން ކިލޯ ޔޫރޭނިއަމް 2020 ގައި އެމެރިކާއަށް އެތެރެ ކޮށްފައިވެ އެވެ.
ރަޝިއާއިން ހަކަތަ އެމެރިކާއަށް އެތެރެކުރުން މަނާ ކުރަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަަތައް ފެތެރިގަތް ތަނުން އެމެރިކާގައި ނިއުކްލިއާ ޕަވާ ޕްލާންޓްތައް ހިންގާ ކުންފުނިތަކުން ވައިޓް ހައުސްއަށް ޖަމާވި ކަމަށް ޚަަބަރުތައް ބުނެ އެވެ.
ބައިޑަން ސަރުކާރުން ފަހަރެއްގައި ރަޝިއާއިން ޔޫރޭނިއަމް އެތެރެ ކުރުން މަނާ ކޮށްފާނެ ކަމަށް ނިއުކްލިއާ ޕަވާ ޕްލާންޓްތަކުގެ މެނޭޖްމަންޓުން ވަނީ ވައިޓް ހައުސްގެ އޮފިޝަލުންނަށް ވަރަށް ގާތްކޮށް ހިތައި ގުޅޭނެ ނަންބަރު ދީފަ އެވެ.
ރަޝިއާއިން ހެޔޮ އަގުގައި ލިބޭ ޔޫރޭނިއަމް އަކީ އެމެރިކާއަށް ވަރަށް މުހިންމު ބާވަތަކެވެ. އެނޫން ގޮތެއްގައި ނިއުކްލިއާ ޕަވާ ޕްލާންޓްތަކަށް ހުއްޓުން އެރުމަކީ އެމެރިކާއަށް އޮތް ބިރެއް ކަމަށް ބުނެވެ އެވެ.