ޖޭއެސްސީ

ޖޭއެސްސީގައި ސިޔާސީ ބޭފުޅުން ތިބޭކަށް އާންމުން ބޭނުމެއް ނުވޭ

Dec 1, 2022
1

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަލުން އެކުލަވާލާއިރު އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ސިޔާސީ އެއްވެސް ބޭފުޅަކު ނުހިމެނުމަށް އާންމުން ހިޔާލު ދީފި އެވެ.

ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކޮށް އަލުން އާ ކޮމިޝަނެއް އެކުލަވާލުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ.

ރައީސްގެ ވައުދު ފުއްދުމުގެ ގޮތުން ޖޭއެސްސީ އަލުން އެކުލަވާލާއިރު އެ ކޮޮމިޝަން އޮންނަންވީ ގޮތުގެ ހިޔާލު ހޯދުމަށް ބަންޑާރަނައިބް އޮފީހުން ވަނީ އާންމުންގެ ހިޔާލަށް ހުޅުވާލާފަ އެވެ. އަދި ކަމާ ގުޅޭ އިދާރާތަކާ ބައްދަލުކޮށް އެ އިދާރާތަކުގެ ހިޔާލާއި މަޝްވަރާވެސް ހޯދާފައިވެ އެެވެ.

އޭޖީ އޮފީހުން މިއަދު ވަނީ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތުގެ ތެރެއިން ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހުކުރުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގައި މިހާތަނަށް ކުރެވުނު މަޝްވަރާއާއި، ކަމާގުޅޭ ގޮތުން ކުރެވުނު ދިރާސާގެ އަލީގައި "ޖުޑީޝަލް ސާވިސް ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުން"ގެ ނަމުގައި އެކުލަވާލާފައިވާ ކަރުދާސް އާންމުކޮށްފަ އެވެ.

މިކަރުދާހުގައިވާ ގޮތުން ޖޭއެސްސީ އަލުން އެކުލަވާލާއިރު އެ ކޮމިޝަންގައި ސިޔާސީ އެއްވެސް ބޭފުޅަކު ނުހިމެނުމަށް އާންމުންގެ ގިނަ ބަޔަކު ހިޔާލު ދީފައިވެ އެވެ.

އާންމުންގެ ތެރެއިން 115 މީހަކު ވަނީ ހިޔާލު ހުށަހެޅުމުގެ ގޮތުން ބަންޑާރަނައިބް އޮފީހުން އާންމުކުރި ސުވާލުތަކަށް ޖަވާބުދީ އެ ޖަވާބުތައް ހިއްސާކޮށްފަ އެވެ. ހިޔާލު ދިން މީހުންގެ ތެރެއިން 91.3 އިންސައްތަ މީހުން ބޭނުން ވަނީ ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރާށެވެ.

ކޮމިޝަން ބަދަލުކުރަން އާންމުން ބޭނުންވާ ބައެއް ސަބަބުތައް ވެސް ކަރުދާހުގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އިދާރާތަކުގެ އެންމެ އިސް މަގާމުތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުން ޖޭއެސްސީގެ މެންބަރުންގެ ގޮތުގައި ތިއްބެވުމަކީ ކޮމިޝަނަށް ނުފޫޒު ފޯރުވޭނެ ފުރަތަމަ ސަބަބު ކަމަށް ފާހަގަކޮށްފައިވެ އެވެެ. ދެވަނަ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޖޭއެސްސީގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ދައުރު މާބޮޑުވުމުގެ މައްސަލަ އެވެ. ސިޔާސީ ބޭފުޅުންގެ ސަބަބުން ފަނޑިޔާރުން ބިރުވެރިކަމެއްގެ ތެރޭގައި ތިބި ކަމަށްވެސް އާންމުން ގަބޫލުކުރެ އެވެ.

ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނަވައިގެން ނުވާނެ ކަމަށް އާންމުންގެ ތެރެއިން 87.8 ޕަސަންޓް މީހުން ބުނެފައިވެ އެވެ. އަދި ބަންޑާރަނައިބް ކޮމިޝަންގައި އިންނަވައިގެން ނުވާނެ ކަމަށް 67 ޕަސަންޓް މީހުން ބުނެފައިވެ އެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށްޓަކައި އެކުލަވާލަންޖެހޭ ބިލްގެ މަސައްކަތް ފަށާފައިވާ ކަމަށް ބަންޑާރަނައިބްގެ އޮފީހުން ހާމަކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ބަންޑާރަނައިބް އޮފީހުން މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ޖޭއެސްސީ އަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއް ކަން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ބިލް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާއަށް މިބިލް ހުށަހަޅާނެ ކަމުގެ ޔަގީންކަން ވެސް އޭރު ދީފައިވެ އެވެ. ނަމަވެސް ދިން ޔަގީންކަމާ އެއްގޮތަށް ބިލް ހުށަހަޅާފައެއް ނުވެ އެވެ.