ޖޭއެސްސީ

ޖޭއެސްސީ އަލުން އެކުލަވާލުމަށް އާންމުންގެ ހިޔާލު ހޯދަނީ

Oct 7, 2022

ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އެކުލާވާލާފައިވާ ގޮތް އިސްލާހުކުރުމާ ގުޅޭގޮތުން އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލައިފި އެވެ.

ޖޭއެސްސީ އަކީ ދެފުށް ފެންނަ، ސިޔާސީ ނުފޫޒުން މިނިވަންވެފައިވާ މުއައްސަސާއެއްކަން ކަށަވަރުކުރުމަށްޓަކައި، ކަމާގުޅޭ ބައިނަލްއަގްވާމީ ހަމަތަކާއި އުސޫލުތަކަށް ރިއާޔަތްކޮށް، އެ ކޮމިޝަން އެކުލެވިގެންވާ ގޮތް އިސްލާހުކުރުމުގެ މަސައްކަތް ބަންޑާރަނައިބްގެ އޮފީހުން މިހާރު ވަނީ ފަށާފަ އެވެ.

ޖޭއެސްސީ އަލުން އެކުލަވާލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް އެކުލެވޭ ބިލްގެ މަސައްކަތް ނިންމާ، ހިނގަމުން މިދާ ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރަށް ބިލް މަޖިލީހަށް ހުށަހެޅުމަށްވެސް ބަންޑާރާނައިބް އޮފީހުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ބިލް އެކުލަވާލުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތައް ދެނެގަތުމުގެ ގޮތުން ބަންޑާރަނައިބްގެ އޮފީހުން ގެންދަނީ ކަމާ ގުޅޭ އިދާރާތަކުގެ ބޭފުޅުންނާ މަޝްވަރާކޮށް ހިޔާލުތައް ހޯދަމުންނެވެ.

ބަންޑާރަނައިބް އޮފީހުން ބުނީ އިދާރާތަކާ އެކު މަޝްވަރާތައް ކުރިއަށްދާއިރު ޖޭއެސްސީ އަލުން އެކުލަވާލުމަށް ރައްޔިތުން ބޭނުންވާ ގޮތް ބެލުމަށް ރައްޔިތުންނަށާއި މަދަނީ ޖަމިއްޔާތަކަށް ވެސް ހިޔާލު ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ހިޔާލު ހުށަހެޅުމަށް ހާއްސަ ފޯމެއް ތައްޔާރުކޮށްފައިވާއިރު މި ފޯމު މެދުވެރިކޮށް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އާންމުންނަށް ހިޔާލު ހުށަހެޅޭނެ ކަމަށްވެސް ބަންޑާރަނައިބް އޮފީހުން ބުނެ އެވެ. މީގެއިތުރުން އީމެއިލް މެދުވެރިކޮށް ހިޔާލު ހުށަހެޅޭނެ ގޮތްވެސް ހަމަޖައްސައިދީފައިވެ އެވެ،

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް މުރާޖައާކޮށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަކީ ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވެފައިވާ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ޖޭއެސްސީ އެކުލަވާލާފައިވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލްތައް އިދިކޮޅު ކޯލިޝަނުން އެކި ފަހަރު މަތިން ހުށަހެޅި އެވެ. ނަމަވެސް ވެރިކަން ކުރާ އެމްޑީޕީގެ ސާފު އަގުލަބިއްޔަތު އޮންނަ މަޖިލީހުން ކޮންމެ ފަހަރަކު އެ ބިލްތައް ބޭރުކޮށްލަނީ އެވެ.