ޖޭއެސްސީ

ފަރިއްކޮޅެއްގެ މައްސަލައިގައި މަހާޒުގެ މައްސަލަ ބަލަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މަހާޒުގެ މައްސަލައެއް ބަލަން ބަލަން ނިންމީ ސުޕްރީމް ކޯޓުން ނިންމި މައްސަލައެއްގައި ހިމެނޭ ހަސްމަކާ ގުޅުން އޮތް ފަރާތަކުން ސުޕްރީމް ކޯޓަށް ގެންދިޔަ ފަރިއްކޮޅަކާ މަހާޒު ހަވާލުވެވަޑައިގެންފައިވާ ކަމަށް ބުނާ މައްސަލައިގަ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި މިއީ މީގެ އެއް އަހަރު ކުރިން ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށް ސާބިތު ނުވާ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ދުވަހު ޕީޕީއެމްއަށް ތާއީދު ކުރާ ފަރާތަކުން ސުޕްރީމް ކޯޓަށް ގެންދިޔަ ފަރިއްކޮޅެކެވެ. ނަމަވެސް އެ ފަރިއްކޮޅަކީ އާންމު އުސޫލުން އޯޑަރު ކުރައްވައިގެން ފަނޑިޔާރު އަމިއްލަފުޅަށް ފައިސާ ދައްކަވައިގެން ގެންނެވި ފަރިއްކޮޅެއް ކަމަށްވެސް އެނގިފައިވެ އެވެ. އެގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ފަރިއްކޮޅު ދެއްވުމަކީ ސުޕްރީމް ކޯޓުގައި ހިނގާ ކަމެއް ކަމަށްވެސް އެނގިފައިވެ އެވެ.

ފަނޑިޔާރު އަލްއުސްތާޡު މަހާޒް އަލީ ޒާހިރުގެ މައްސަލަ ތަހުގީގު ކުރުމަށް ނިންމާ ތަހުގީގު ކޮމިޓީ މިހާރު ވަނީ އެކުލަވާލާފަ އެވެ.

ގާޒީންގެ ސުލޫކީ މައްސަލަތައް ބެލުމަށްފަހު ޖޭއެސްސީން ގެންދަނީ ފިޔަވަޅު އަޅަމުންނެވެ. އެގޮތުން ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމާއި ބައެއް ފަނޑިޔާރުން ތަމްރީން ޕްރޮގްރާމެއް ފުރިހަމަކުރަން އެންގުން ފަދަ ފިޔަވަޅުތައް އަޅަ އެވެ.

ޖޭއެސްސީން ފަނޑިޔާރުންނާ ދެކޮޅަށް ފިޔަވަޅު އެޅުމުން ބައެއް ފަނޑިޔާރުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައިވެސް ވެ އެެވެ.