ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ މީހުންގެ މައްސަލައަށް އަވަސް ހައްލެއް ގެނެސްދިނުމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ސަރުކާރަށް ގޮވާލައިފި އެވެ.
އެމްއެންޕީ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވަނީ ސީރިއާގެ ރެފިއުޖީ ކޭމްޕުތަކުގައި އުޅޭ ދިވެހިން ރާއްޖެ ނާދެވި ގިނަ ދުވަސްތަކެއް ވެފައިވާތީ އެމީހުންގެ އާއިލާތަކުގެ ހިތާމައިގައި ބައިވެރިވެ، ކަންބޮޑުވުން ފާޅުކޮށް، އެކަމަށް އަވަސް ހައްލެއް ގެނެސްދިނުމަށް ގޮވާލާފަ އެވެ.
ރައީސް އޮފީހުގައި މިދިޔަ އޮކްޓޫބަރު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހް ވިދާޅުވީ ސީރިއާ ގެންނަ ދިވެހިން ބޭތިއްބުމަށް ހަދާ ހާއްސަ މަރުކަޒު ކުރިއަށް އޮތް ދެމަސް ދުވަހުގެ ތެރޭގައި ނިންމާ، އެ މީހުން ރާއްޖެ ގެނެވޭނެ ކަމަށެވެ.
ރައީސްގެ މިވާހަކަފުޅާ ގުޅުވައިގެން އެމްއެންޕީގެ ބަޔާނުގައި ބުނެފައިވަނީ ރައީސްގެ ވާހަކަފުޅަށް އަމަލީ ސިފަ ގެނައުމުގެ އެއްވެސް ކަމެއް ސަރުކާރުން ކުރިއަށް ނުގެންދާ ކަމަށެވެ. އަދި ސީރިއާގައި ތިބި ދިވެހިންގެ އާއިލާތަކުން ކަމާ ގުޅޭ އިދާރާތަކަށް ފޮނުވާ ސިޓީތަކަށް ޖަވާބު ނުދޭ ކަމަށާއި އެއްބާރުލުން ނުދޭ ކަމަށް އާއިލާ ތަކުން ބުނާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
ސީރިއާގައި ތިބި ދިވެހިން ރާއްޖެ ގެނައުމަކީ 2019 އިން ފެށިގެން ގައުމީ މައްސަލައެއްގެ ގޮތުގައި ސަރުކާރުން ނިންމާ އެ މަސައްކަތް ކުރަން ފަށާފައިވާ ކަމަށް ސަރުކާރުން ބުނެފައިވާތީ އެ މައްސަލަ މިހާރު އޮންނަން ވާނީ ހައްލުވެފައި ކަމަށްވެސް ބަޔާނުގައިވެ ބުނެފައިވެ އެވެ.
މިބަޔާނުގައި ބުނެފައިވަނީ ހަނގުރާމަވެރި ސަރަހައްދުތަކުން އަންނަ ދިވެހިން ބޭތިއްބުމަށް އދގެ ހިލޭ އެހީގެ ދަށުން ބިނާކުރި ސެންޓަރުގެ މަސައްކަތްވެސް މިދިޔަ އަހަރު ނިމިފައިވާ ކަމަށެވެ. ނަމަވެސް އެކި މުއައްސަސާތަކުން މިކަމުން ރެކެން މަސައްކަތް ކުރާކަމަށް ރެފިއުޖީންގެ އާއިލާތަކުން ބުނާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
މި މައްސަލަ އަކީ ހާއްސަ ކަމެއްގެ ގޮތުގައި ބަލައި ސީރިއާގައި ތިބި ދިވެހިން އެ މީހުން ގެނައުމަށްޓަކައި ސަރުކާރުން ކުރާ މަސައްކަތުގެ ތަފްސީލު ހޯދަން ރައީސަށް ސިޓީއެއް ފޮނުވާފައިވާ ކަމުގައިވެސް ބަޔާނުގައިވެ އެވެ.