ޖޭއެސްސީ

ފަނޑިޔާރުންނަށް އިންޑިއާގައި ތަމްރީނު ޕްރޮގްރާމެއް

ނޭޝަނަލް ޖުޑީޝަލް އެކަޑަމީ އޮފް އިންޑިއާ (އެންޖޭއޭއައި) އަދި ޖުޑީޝަލް ސާވިސް ކޮމިޝަން އޮފް މޯލްޑިވްސް (ޖޭއެސްސީ) އާއި ގުޅިގެން ދިވެހި ފަނޑިޔާރުންނަށް އިންޑިއާގައި ފަސް ދުވަހުގެ ޓްރެއިނިން ޕްރޮގްރާމެއް ކުރިއަށްގެންދަން ނިންމައިފި އެވެ.

މި ޕްރޮގްރާމް ކުރިއަށްދާނީ މި މަހުގެ 12–16 އަށް އިންޑިއާގެ ބޯޕާލުގައެވެ. މި ޕްރޮގްރާމުގައި ބައިވެރިވުމަށް 49 ފަނޑިޔާރުން އިންޑިއާގެ ބޯޕާލަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ޖޭއެސްސީ އިން ވަނީ ބުނެފަ އެވެ.

މީގެ ތެރޭގައި ސުޕީރިއާ ކޯޓުގެ 14 ފަނޑިޔާރުންނާއި ހައިކޯޓުގެ ދެ ފަނޑިޔާރުންނާއި އަތޮޅުތަކުގެ 33 މެޖިސްޓްރޭޓުން ހިމެނެ އެވެ. އިންޑިއާއަށްދާ ފަނޑިޔާރުންގެ ތެރޭގައި ހަ އަންހެން ފަނޑިޔާރުންވެސް ހިމެނެ އެވެ.

މި ޕްރޮގްރާމްގައި އިންޑިއަން ޖުޑިޝަރީ، ކޮންސްޓިޓިއުޝަނަލް ވިޝަން އޮފް ޖަސްޓިސް، އެލިމެންޓްސް އޮފް ޖުޑީޝަލް ބިހޭވިއާ، ޖަޖިންގް ސްކިލްސް، ކޯޓް މެނޭޖްމަންޓް އެންޑް ކޭސް މެނޭޖްމަންޓް އަދި އައިސީޓީ މެދުވެރިކޮށް ޖުޑީޝަލް ޕްރޮސެސްތައް ރީ އިންޖިނިއަރިން ކުރުމާއި ބެހޭ ގިނަ ތަމްރީނުތަކެއް ފަނޑިޔާރުންނަށް ލިބިގެންދާނެ އެވެ.

މީގެ އިތުރުން އެންޖޭއޭއައި އާއި ރާއްޖޭގެ ޖުޑީޝަލް އެކަޑަމީއާއި ގުޅިގެން އަންނަނީ ފެބްރުއަރީ 2023 ގައި ނިމޭ ފަނޑިޔާރުންގެ ދެވަނަ ބެޗުގެ އެޕްލިކޭޝަންތައް ޕްރޮސެސް ކުރުމުގެ މަސައްކަތްވެސް ކުރަމުން ނެވެ.

މިއީ ބޯޕާލްގެ ނޭޝަނަލް ޖުޑީޝަލް އެކަޑަމީގެ ކެމްޕަހުގައި ކުރިއަށްދާނެ ދިވެހި ފަނޑިޔާރުންގެ ފުރަތަމަ ތަމްރީނު ޕްރޮގްރާމެވެ. އެންޖޭއޭއައި އިން ވަނީ މިޔަންމާ އާއި ބަންގްލަދޭޝް ފަދަ ގައުމުތަކުގެ ފަނޑިޔާރުންނަށް ވެސް މިފަދަ ތަމްރީނުތައް ކުރިއަށް ގެންގޮސްފަ އެވެ.