ދުނިޔެ

ވިއެޓްނާމުގެ އާ ލީޑަރުން ހޮވުމަށް ކޮންގްރެސް ފަށައިފި

ވިއެޓްނާމުގެ އާ ލީޑަރުން ހޮވުމަށް އެގައުމުގެ ކޮމިއުނިސްޓް ޕާޓީ އިން ކޮންގްރެސް ފަށައިފި އެވެ. މި ކޮންގްރެސް އަކީ އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޮންގްރެސް އެކެވެ.

ވިއެޓްނާމަކީ ކޮމިޔުނިސްޓް ވެރިކަމެއް އޮންނަ ގައުމެކެވެ. ޕާޓީގެ އޮފިޝަލުން ބައިވެރިވެގެން ބާއްވާ މި ކޮންގްރެސް ބާއްވަނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރެވެ.

މިއަހަރުގެ ސިއްރު ކޮންގްރެސްގައި 1،510 އޮފިޝަލުން ބައިވެރިވި އެވެ. އަދި މި ކޮންގްރެސްގައި އާ ރައީސް އާއި ބޮޑުވަޒީރު، އަދި ޕާޓީގެ ސެކެޓްރީ ޖެނެރަލް ގެ މަގާމަށް ނަން ހުށަހަޅާނެ އެވެ.

މި ކޮންގްރެސް ކަވަރ ކުރުމުގެ ފުރުސަތު މީޑިއާއަށް ދީފައި ނުވި ނަމަވެސް ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު ކަވަރ ކުރުމުގެ ފުރުސަތު މީޑިއާއަށް ލިބިފައިވެ އެވެ. ވިއެޓްނާމަކީ ވަރަށް ބޮޑަށް މީޑިއާ ކޮންޓްރޯލް ކުރާ ގައުމެކެވެ.

އަދި މިއަދުގެ ކޮންގްރެސްގައި ކުރިއަށް އޮތް ފަސް އަހަރަށް ވިއެޓްނާމުގެ ސިޔާސަތުތައް ނިންމާނެ އެވެ. ނަމަވެސް މި ނިންމުންތައް އާއްމުކޮށް އިއުލާނު ކުރާނީ ތަންކޮޅެއް ފަހުންނެވެ.