ފަލަސްތީންގެ ޣައްޒާގައި ތިބި އާންމު ރައްޔިތުންނަށް ތާއީދުކޮށް ބާއްވާ ސުލްހަވެރި އެއްވުންތަކަށް ފަރަންސޭސިވިލާތުގައި ހުރަސްއަޅަމުންދާ ކަމަށް އެމެނެސްޓީ އިންޓަނޭޝަނަލްއިން ބުނެފި އެވެ.
ޣައްޒާގެ ރައްޔިތުންނާ އެކު ތިބިކަން ދެއްކުމަށް ނިޝާނެއް ގެންގުޅުމާއި އެއްވުންތަކުގައި ވާހަކަދައްކާ މީހުންނަށް ވެސް ފަރަންސޭސިވިލާތުގެ ސަރުކާރުން ހުރަސްއަޅައި ދަތިކުރާ ކަމަށް އެ ޖަމާއަތުން ބުނެ އެވެ.
ފަލަސްތީންގެ މިނިވަންކަމަށް ގޮވާލައި، ފަލަސްތީނަށް ދައުލަތަކަށް ވަކާލާތުކުރުމަކީވެސް ފަރަންސޭސިވިލާތުގައި ހުއްދަ ކަމެއް ނޫނެވެ. އެއްވުންތަކުގައި ފަލަސްތީނަށް ތާއީދުކުރާނަމަ އެއްވުންތައް ރޫޅާލަން ފުލުހުންނަށް އަންގާ ކަމަށް ވެސް ހަބަރުތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާއާ އެއްބައިވެ ހިޔާލުފާޅުކުރުމަކީ ޓެރަރިޒަމްގެ ކުށެއް ގޮތުގައި ފަރަންސޭސިވިލާތުން ދެކެ އެވެ.
ފްރީ ފަލަސްތީން އެސޯޝިއޭޝަނުން ބާއްވާ ހަފުލާތަކަށް ހުރަސްއެޅުމާއި، މިފަދަ ހަފުލާތަކަށް ޖާގަނުދިނުން އަދި ހުއްދަ ދިނުމަށްފަހު ކެންސަލްކުރުން ފަދަ ދަތިތައް ކުރިމަތިކުރުވާ ކަމަށްވެސް އެމެނެސްޓީން ބުނެ އެވެ.
މިކަމާ ބެހޭ ގޮތުން ޝަކުވާކުރުމުން ފަރަންސޭސިވިލާތުގެ ފުލުހުން ބުނަނީ އެއްވުންތައް މަނާކުރަނީ ޓެރަރިޒަމަށް ވާގިވެރިވާތީ ކަމަށެވެ. އަދި އެއްވުންތަކުގައި ގާނޫނާ ހިލާފު އަމަލުތައް ކުރާ ކަމުގެ ރިޕޯޓް ލިބޭ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ސަރުކާރުގެ އޮފިޝަލަކު ފަަލަސްތީނަށް ތާއީދުކުރުމަކީ ވެސް ކުށަށް ހުށަހެޅޭ ކަމެކެވެ. އަދި ގާނޫނު ހަދާ މަޖިލީހުގައި -- ގާނުނު ހަދާ މެމްބަރަކު ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކި ނަމަވެސް ފުލުހުން ގޮސް އޭނާއާ ސުވާލުކުރާ ކަމަށްވެ އެވެ.