ދުނިޔެ

ޔޫއޭއީއަށް ވިއްސާރާގައި ލިބުނު ގެއްލުންތަކަށް 544 މިލިއަން ޑޮލަރު

ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް މިދިޔަ ހަފުތާގައި ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބުނު ގެއްލުންތަކަށް 544 މިލިއަން ޑޮލަރު ހަރަދުކުރަން ނިންމައިފި އެެވެ.

ޑުބާއީގެ ބޮޑުވަޒީރު ޝައިޚް މުހައްމަދު ބިން ރާޝިދު އާލް މަޚްތޫމްގެ ހުށަހެޅުއްވުމަށް ދެ ބިލިއަން ދިރުހަމްގެ ބަޖެޓެއް ކެބިނެޓުން ވަނީ ފާސްކޮށްފަ އެވެ. މި ފައިސާ ހޭދަކުރަން ނިންމާފައިވަނީ އާންމުންގެ ތަކެއްޗަށާއި ގެދޮރަށް ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށެވެ.

ޑުބާއީ އެއާޕޯޓްގައި ފެންބޮޑުވުމުގެ ސަބަބުން މަތިންދާބޯޓުގެ ދަތުރުތަކަށް ވަނީ ވަރަށް ބޮޑަށް ހުރަސްއެޅި މުޅިން ހުއްޓިފަ އެވެ.

މި ހާދިސާއާ ގުޅިގެން 2،155 ފްލައިޓެއް ވަނީ ކެންސަލްކޮށްފަ އެވެ. އަދި 115 ފްލައިޓެއް ވަނީ ޑާއިވާޓްކޮށްފަ އެވެ.

ދުނިޔޭގެ އެކި މަންޒިލްތަކަށް ކުރިން ހުރި ދަތުރުތައް ކެންސަލްކުރުމުގެ ސަބަބުން ޑުބާއީއަށް ވަނީ މާލީ ގޮތުން ވެސް ވަރަށް ބޮޑު ގެއްލުމެއް ލިބިފަ އެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޔޫއޭއީގެ މަގުތަށް ވަނީ ކަނޑުތަކަކަށް ބަދަލުވެފަ އެވެ. މަގުތަކުގައި ޕާކްކޮށްފައި ހުރި އުސް އުޅަނދުތައްވެސް ވަނީ އޮއިވަރުގައި ދަމާ ގެންގޮސްފަ އެވެ.

އިންޓަނެޓްގައި ހުރި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ޑުބާއީގެ މަގުތަކުގައި ޖެޓްސްކީ ދުއްވޭ ވަރަށް އޮތީ ފެން ބޮޑުވެފަ އެވެ.

ކެބިނެޓުން ފާސްކުރި މި ބަޖެޓުން ފުރިހަމަ ނަތީޖާ ނެރެވޭ ގޮތް ނުވެއްޖެނަމަ އިތުރު ފައިސާ ދޭ ގޮތަށްވެސް އޮތީ ހަމަޖެހިފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިއީ ވޭތުވެ ދިޔަ 75 އަހަރު ތެރޭގައި ޑުބާއީއަށް އެންމެ ބޯކޮށް ވާރޭވެހުނު ފަހަރެވެ. މި ހާދިސާގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.

މޫސުމާ ބެހޭ އިދާރާތަކުން ބުނާ ގޮތުން ޑުބާއީއަށް ދެތިން ދުވަހުގެ ތެރޭގައި، ދެ އަހަރަށް ވާވަރަށް ވަނީ ވާރޭވެހިފަ އެވެ. މިއީ ޑުބާއިގެ ނިޒާމުތަކަށް ވަރަށް ބޮޑު ގޮންޖެހުމެއް މެދުވެރިވި ފަހަރެކެވެ.