ދުނިޔެ

ޔޫއޭއީ ޖައްވީ ސެކްޓަރަށް 817 މިލިއަން ޑޮލަރުގެ ފަންޑެއް

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ރައީސް މުހައްމަދު ބިން ޒައިދު އަލްނަހްޔާންގެ އިސްނެންގެވުމަށް ޖައްވީ ސެކްޓަރަށް ޚާއްސަ ފަންޑެއް -- ދަ ނެޝަނަލް ސްޕޭސް ފަންޑް، އުފައްދައި 817 މިލިއަން ޑޮލަރު ކަނޑައަޅުއްވައިފި އެވެ.

މުހައްމަދު ބިން ޒައިދު ޓްވީޓް ކުރައްވައި ވިދާޅުވި ގޮތުން އުންމީދަކީ ޖައްވީ ދިރާސާތަކުގައި ޔޫއޭއީ އަކީ ނަންހިނގާ ގައުމަކަށް ހެއްދެވުމެވެ.

ޖައްވަށް ޚާއްސަ އިންވެސްޓްމަންޓް ފަންޑެއް އޮތުމުން ދެމެހެއްޓެނިވި ގޮތުގައި މަސައްކަތްތަކަށް ހޭދަކުރާނެ ފައިސާ ހުންނާނެ ކަމަށް މުހައްމަދު ބިން ޒައިދު ދެކެވަޑައިގަންނަވަ އެވެ.

ޖައްވީ ޓެކްނޮލޮޖީގައި ދުނިޔެ ހޯދާ ކުރިންއެރުންތަކާ އެކު ޔޫއޭއީ ތަރައްގީކުރުމަކީ އުންމީދެއް ކަމަށް އެމަނިކުފާން ވިދާޅުވި އެވެ.

އިންވެސްޓްމަންޓް ފަންޑުން ޔޫއޭއީ ހޯދާ ކުރިއެރުންތަކުގެ ތެރޭގައި ޖައްވަށް ސެޓެލައިޓް -- ރާޑަރު ސެޓެލައިޓާއި، ޓްރެފިކް ބަލަހައްޓާ ސެޓެލައިޓްތައް އީޖާދުކޮށް ޖައްވަށް ފޮނުވައި އަދި ބޭނުންހިފާނެ އެވެ.

މެދުއިރުމަތީގައި ޚާއްސަކޮށް ގަލްފު ގައުމުތަކުގެ މެދުގައި ވިޔަފާރި ފުޅާކުރަން މެމްބަރު ގައުމުތަކުން އޮތީ ވަރަށް ބޮޑު އިސްކަމެއް ދީފަ އެވެ.

ޔޫއޭއީ ސްޕޭސް އޭޖެންސީ މެދުވެރިކޮށް ކުރެވޭ ޖައްވީ ދިރާސާގައި އެއްގަމާއި ކަނޑު ދަތުރުކުރާ އުޅަނދުތަކަށް ފާރަވެރިވެވޭ ފެންވަރުގެ ސެޓެލައިޓް ވެސް އުފައްދާނެ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ ނާއިބު ރައީސް، ޝެއިޚް މުހައްމަދު ބިން ރާޝިދު އަލްމަކްތޫމް ވިދާޅުވި ގޮތުގައި ނެޝަނަލް ސްޕޭސް ފަންޑުގެ އެހީތެރިކަމާ އެކު ވަކިވަކި ކުންފުނިތައް ކޮޅަށް ޖަހާނެ އެވެ.

އެއީ ޖައްވީ މަސައްކަތްތަކުގައި ޔޫއޭއީ ހާސިލްކުރަން އެދޭ ލަނޑުދަނޑިތައް ކަނޑައަޅައި ފާސްކުރުމަށް ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވި އެވެ.

ޔޫއޭއީ ސްޕޭސް އޭޖެންސީގެ ޑައިރެކްޓަރު ޖެނެރަލް ސަލީމް އަލްގުބައިސީ ވިދާޅުވި ގޮތުގައި ގައުމީ ފެންވަރުގެ ޖައްވީ ފަންޑެއް އޮތުމުން ބައިނަލްއަގްވާމީ ބައިވެރިންނަށް އެމިރޭޓްސް އިން ފުރުސަތު ދެވޭނެ އެވެ. އަދި އެމީހުން ހޯދާފައި ހުރި އާ ޓެކްނލޮޖީގެ އެހީތެރިކަން ހޯދަން ފަސޭހަވާނެ އެވެ.