ދުނިޔެ

ޔޫއޭއީ އެސްޓްރޮނޯޓެއް ހަމަހަށް ސްޕޭސް ސްޓޭޝަނަށް

ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އެސްޓްރޮނޯޓެއް ހަމަހަށް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ފޮނުވަނީ އެވެ. އޮފިޝަލުން ބުނާ ގޮތުން ޓިކެޓް ގަނެ ގޮނޑި ވަނީ މުޅިން ހަމަޖެހިފަ އެވެ.

ޔޫއޭއީ އެސްޓްރޮނޯޓް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ގެންދަނީ ސްޕޭސްއެކްސްގެ ފެލްކަން ރޮކެޓެއްގަ އެވެ.

މިއީ ޔޫއޭއީ އިން އައިއެސްއެސްއަށް މިހާ ގިނަ ދުވަހަށް އެސްޓްރޮނޯޓަކު ފޮނުވާ ފުރަތަމަ ފަހަރެވެ. ދަތުރު އޮންނާނީ އަންނަ އަހަރެވެ. ފުރާ ގޮތަށް ހަމަޖެހިފައި އޮތީ ފްލޮރިޑާގެ ކެނެޑީ ސްޕޭސް ސެންޓަރުންނެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން މީގެ ކުރިން ވެސް އައިއެސްއެސްއަށް އެސްޓްރޮނޯޓެއް ވަނީ ފޮނުވާފަ އެވެ. އެއީ އަށް ދުވަހަށެވެ. ސްޓޭޝަނަށް ފޮނުވީ ހައްޒާ އަލްމަންސޫރީ އެވެ. އެހެން ނަމަވެސް 2023 ގައި އައިއެސްއެސްއަށް ފޮނުވާ ވަކި މީހަކު އަދި އިއުލާނެއް ނުކުރެ އެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް އެސްޓްރޮނޯޓަކު ފޮނުވަން ޔުނައިޓެޑް އަރަބް އެމިރޭޓްސްއިން ހޭދަކުރި ވަރެއް ވެސް އަދި ހާމައެއް ނުކުރެ އެވެ. މިއީ އެމެރިކާގެ ވިޔަފާރިވެރިޔާ އީލޮން މަސްކުގެ ކުންފުނިން ގައުމުތަކަށް ހުޅުވާފައި އޮތް ވިޔަފާރި ފުރުސަތެކެވެ.

އައިއެސްއެސްއަށް އެސްޓްރޮނޯޓުން ގެންގޮސް ދިނުމަށް ސްޕޭސްއެސްއާ ގުޅިފައި ހުރި ކުންފުނިތަކުން 55 މިލިއަން ޑޮލަރު ވެސް ނަގާފައި އެބަ ހުއްޓެވެ.

ޖައްވަށް އެސްޓްރޮނޯޓެއް ފޮނުވުމަކީ ޔޫއޭއީއަށް ވަރަށް މުހިންމު ކަމަކަށް ވާތީ ކޮންމެ އަގެއް ވެސް ދައްކަފާނެ ކަމަށް ބެލެވެ އެވެ. ޔޫއޭއީގެ ޖައްވީ ޕްރޮގްރާމް ފުޅާކުރަން މިއީ ވެސް ތަޖުރިބާ ކުރުމުގެ ދަތުރެކެވެ.

ޔޫއޭއީގެ އާމާލް ސެޓެލައިޓް މާސް ވަށައި ބުރު ޖެހުމަށް މިދިޔަ އަހަރު ވަނީ ފޮނުވާފަ އެވެ. މިއީ އަރަބި ގައުމަކުން އަމިއްލަ ސެޓެލައިޓެއް މާސްއަށް ފޮނުވި ފުރަތަމަ ފަހަރެވެ.

ޔޫއޭއީ އިން 2024 ގައި ދިރުމެއް ނެތް އުޅަނދެއް ހަނަދަށް ފޮނުވާން އުއްމީދުކުރާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.