ދުނިޔެ

ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ހަނދަށް ދާނަން: އީލޮން މަސްކް

ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ހަނދަށް ދެވޭ ވަރަށް ސްޕޭސް އެކްސްގެ ސްޓާޝިޕް އުޅަނދު ތަރައްގީކުރައްވާނެ ކަމަށް އެމެރިކާގެ މަޝްހޫރު މަހުޖަނު އަދި ސްޕޭސް އެކްސް އާއި ސްޓާލިންކްގެ ވެރިޔާ އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.

މަސްކް އަދި ވިދާޅުވީ ފަސް އަހަރަށް ވުރެވެސް ކުރިން އެކަން ކުރެވިދާނެ ކަމަށެވެ.

އެސްޓްރޮނޯޓުން ގޮވައިގެން ސްޕޭސް އެކްސްގެ އުޅަނދުތައް ދުނިޔެ ދޫކޮށް ފަޒާއަށް މިސްރާބު ޖެހުމަކީ ވެސް ކުރައްވާ ބޮޑު އުންމީދެއް ކަމަށް މަސްކް ވިދާޅުވި އެވެ. އޭނާގެ ސްޕޭސް އެކްސްއިން -- މީގެ ކުރިން ބަޔަކު ހޯދާފައި ނުވާ ވަރުގެ ބޮޑެތި ކާމިޔާބީ ހޯދާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އީލޮން މަސްކް ކުރިން ވިދާޅުވި ގޮތުން ހަނދަށާއި މާސްއަށް އިންސާނުން ފޮނުވުމަކީ އޭނާގެ އުންމީދެކެވެ. އަދި އެއީ ކުރިއަށް އޮތް އަށެއްކަ އަހަރު ތެރޭގައި ހަގީގަތަކަށް ހެދިދާނެ ކަމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާސްއަށް ދިއުމަށް ސްޓާޝިޕަށް ބަދަލުތަކެއް ގެނެސް، މާސްއަށް އިންސާނުން އުފުލަން ޚާއްސަ އުޅަނދެއް، ސްޓާޝިޕް މަރުކާގައި ބައްޓަންކުރައްވާނެ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާސްގައި އިންސާނުން އާބާދުކުރުމަކީ މަސްކްގެ އުންމީދެކެވެ. އޭނާ ވިދާޅުވި ގޮތުން 2050 ލައިގަތުމުގެ ކުރިން މާސްއަށް އެއް މިލިއަން މީހުން ފޮނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން މަސްކްގެ މި އުންމީދަކީ ހަގީގަތަށް ހެދޭނެ ކަމެއް ނޫނެވެ.

ދުނިޔެއިން ފުރައިގެން މާސްއަށް ދިއުމުގެ މަގުމަތީގައި ހަނދުގައި މަޑުކުރުމަކީ ވެސް ސައިންސްވެރިންގެ ރޭވުމެކެވެ. ދުނިޔެއިން ބޭރުގައި އަދި ހަނދަށް ވުރެ ބިއްދޮށުގައި ޖައްވީ ހޮޓާތައް ބިނާކޮށް، މާސްއަށް ދާ މީހުން އެ ހޮޓާތަކުގައި މަޑުކުރުމަކީ ވެސް ކުރިއަށް އޮތް ރޭވުމެކެވެ.

މާސްއަށް ދިއުމަށް އިންސާނުން އުޅަނދެއްގެ ތެރޭގައި ހޭދަކުރަން ޖެހޭ މުއްދަތަކީ، އިންސާނުން މިހާރު ތިބި ސިފާގައި ކުޅަދާނަ ކަމަކަށް ނުވާނެ ކަމަށް ވެސް ބައެއް ސައިންސްވެރިން ބުނެ އެވެ.

އިންސާނުން ދިގު ނިންޖަކުން ނިންދަވާފައި ބޭތިއްބުމަކީ ވެސް މާސްއަށް ފޮނުވަން ކުރަން ޖެހިދާނެ ކަމެއް ކަމަށް ވެސް ސައިންސްވެރިން ބުނެ އެވެ.