ރަޝިއާ އާއި ޗައިނާ ގުޅިގެން ހަނދުގައި ޖައްވީ ސްޓޭޝަނެއް ބިނާކުރަން ބޭނުންވާ ފަންނީ އެހީތެރިކަން ޗައިނާއަށް ފޯރުކޮށްދިނުމަށް އެކުލަވާލި ބިލެއް -- ބަހުސަށްފަހު ފާސްކޮށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ތަސްދީގު ކުރައްވައިފި އެވެ.
ދެ ސަރުކާރުގެ ދެމެދުގައި އެއްބާރުލުން ގާއިމުކުރުމަށް ރަޝިއާ އާއި ޗައިނާ މަޝްވަރާކުރަމުން އަންނަތާ އަހަރުތަކެއް ވަނީ ވެފަ އެވެ. މި މަޝްވަރާތަކަށް ބާރުދިނުމަށް ގާނޫނެއް އެކުލަވާލުމަށް ޕޫޓިން އެއްބަސްވެ ވަޑައިގެންފައި ވަނީ 2022 ގައެވެ.
ހަނދުގައި ބިނާކުރާ ޖައްވީ ސްޓޭޝަން ތަސައްވުރު ކޮށްދީފައިވަނީ ފަތުރުވެރިކަމާ ގުޅުވައިގެންނެވެ.
ބިމުން ހަނދަށް އަދި ހަނދުން ބިމަށް ދަތުރުކުރެވޭ ގޮތަށް ޖައްވީ މަރުކަޒުގައި ސްޓޭޝަންތަކެއް ހެދުމަށްވެސް ވަނީ ނިންމާފަ އެވެ.
ސްޓޭޝަންގައި ޖައްވީ ފަންނުވެރިކަމާ ބެހޭ ގޮތުން އުނގަންނައިދިނުމާއި އަދި ހަނދަށްފަހު ދެން ހުރި ޕްލަނެޓްތަކަށް ދަތުރުކުރަމީވެސް ދެ ގައުމުގެ އުއްމީދެކެވެ.
ހަނދުގައި ސްޓޭޝަނެއް ބިނާކުރުމަށް ހާއްސަ ޖާގައެއް ހަނދުގައި ކަނޑައަޅައި އިމާރާތްކުރުން 2025 ގައި ފަށާ ގޮތަށް އޮތީ ނިންމާފަ އެވެ. އަދި 2035 ލައިގަތުމުގެ ކުރިން ޖައްވީ ރިސާޗް ސެންޓަރުގެ ފުރަތަމަ ފިޔަވައި ބޭނުންކުރަން ފަށާ ގޮތަށްވެސް ވަނީ ހަމަޖައްސާފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަޝިއާ އާއި ޗައިނާ ގުޅިގެން ހަނދުގައި އިންގިލާބީ މަސައްކަތްތަކެއް ކުރާނެ އެވެ. މީގެތެރޭގައި ހަނދަށް ބޭނުންވާ ހަކަތަ އުފެއްދުމާއި ބޭސްވެރިކަން އަދި ދަނޑުވެރިކަން ހިމެނެ އެވެ.
ޗައިނާއިން ހަނދުގެ -- ދުނިޔެއަށް ނުފެން ފަޅިއަށް ފޮނުވި އުޅަނދު، ހަނދުގެ ބިމުގައި ކަފަގަހެއް ހެއްދި ކަމަށް ބުނާ ވާހަކަތައްވެސް މީގެ ދުވަސްތަކެއް ކުރިން ތުންތުންމަތިން ވަނީ މަޝްހޫރުވެފަ އެވެ.
ޗައިނާ އާއި ރަޝިއާ ހޯދާފައި ހުރި މިފަދަ ހޯދުންތަކުގެ ފައިދާ އާންމުންނަށް ފޯރުކޮށްދިނުމަށް ޕްރޮގްރާމްގަކެއް ހިންގަންވެސް ވަނީ ނިންމާފަ އެވެ.