ދުނިޔެ

ސްޕޭސްއެކްސް ރޮކެޓެއްގައި އެމެރިކާއާއި ރަޝިއާ ޖައްވަށް

ސްޕޭސްއެކްސް ރޮކެޓެއްގައި އެމެރިކާގެ ތިން އެސްޓްރޮނޯޓުންނާއި ރަޝިއާގެ ކޮސްމޮނޯޓަކު ޖައްވަށް -- އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް)އަށް ފުރައިފި އެވެ.

މި ދަތުރުގައި މި ހަތަރު ފަޅުވެރިން އައިއެސްއެސްގައި ހަމަސް ހޭދަކުރާނެ އެވެ. މައިގަނޑު ގޮތެއްގައި މި މީހުންގެ މަސައްކަތަކަށް ވާނީ ސައިންސާ ގުޅުން ހުރި އެކްސްޕެރިމެންޓްތައް ހެދުމެވެ.

ޖައްވީ ފަޅުވެރިން ހަދާ ޓެސްޓްތަކުގެ ތެރޭގައި ދުނިޔެ ވަށައި ދަތުރުކުރާ އުޅަނދެއް އޯބިޓްގައި އޮންނައިރު އެ އުޅަނދުގައި ތިބޭ އިންސާނުންގެ ހަށިގަނޑަށް އަންނަ ބަދަލުތައް ވަރަށް ބޮޑަށް ދިރާސާކުރާނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އިންސާނުން ޖައްވުގައި -- ބިމަށް ދަމާ ބާރު ނެތް ހިސާބުގައި، ދިރިއުޅުމަކީ ހަށިގަނޑަށް ވަރަށް ނޭދެވޭ އަސަރުކުރާ ކަމެކެވެ.

މީގެތެރޭގައި ގައިގެ މަސްތައް ކަށިން ދޫވުމާއި ހިތުގެ ހިނގުމަށް ބަދަލުއައުން -- ވިންދު ކޯންޓްރޯލުން ނެއްޓުން އަދި ލޮލުގެ ފެނުން ނިކަމެތިވެ އުނދަގޫ އިހްސާސްތަކެއް ތަޖުރިބާކުރަން ޖެހެ އެވެ.

ސްޕޭސްއެކްސްގެ މި ދަތުރަކީ ކުރިން ކުރަން ހަމަޖެއްސި ދަތުރެއް ނަމަވެސް މޫސުން ގޯސްވުމުގެ ސަބަބުން ފަސްކުރަން ޖެހުނީ އެވެ.

ރަޝިއާއާއި އެމެރިކާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތް ނަަމަވެސް ޖައްވީ މަަސައްކަތްތަކުގައި ދެ ގައުމުގެ ގުޅުން އެހާ ގޯސް ނޫން ކަމަށްވެ އެވެ. އެކަމަކު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން ދޫކޮށް އަމިއްލަ ޖައްވީ ސްޓޭޝަނެއް އުފައްދާނެ ކަމަށް ރަޝިއާ އޮތީ ބުނެފަ އެވެ.

ޔުކްރޭން ހަނގުރާމައިގެ މައްސަލައިގައި އެމެރިކާއާއި ރަޝިއާ އަކީ ހަތުރުންނެވެ. ރަޝިއާ ބުނާ ގޮތުން އެމެރިކާ އަކީ އެއްގޮތަކަށް ވެސް އިތުބާރުކުރަން ރަނގަޅު ގައުމެއް ނޫނެވެ.

އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން އުފެއްދުމުގައި ރަޝިއާގެ ބައިވެރިވުން އޮތް ނަމަވެސް ރަޝިއާ މިހާރު ވިސްނަނީ ޖައްވީ ހުރިހާ ކަމެއް އަމިއްލައަށް ކުރާށެވެ.

ރަޝިއާ އަކީ ޖައްވުގައިވެސް ވަރަށް ގާބިލް ގައުމެކެވެ. ރަޝިއާގެ ސޮޔޫޒް ރޮކެޓްތަކަކީ ވެސް ކާމިޔާބުކަމާ އެކު ޖައްވަށް އެރުމުގައި ދެވަނައެއް ނުވާ ވަރުގެ އުޅަނދުތަކެކެވެ.