ދުނިޔެ

ރަޝިއާގެ ސެޓެލައިޓަކުން އެމެރިކާ ސެޓެލައިޓަކަށް ހިޔަނި އަޅުވަނީ

ރަޝިއާގެ ޖައްވީ އިދާރާއިން މިދާކަށް ދުވަހު ޖައްވަށް ސެޓެލައިޓެއް ފޮނުވި އެވެ. ބޭނުމަކީ އެމެރިކާގެ ޖާސޫސްކުރާ ސެޓެލައިޓަކަށް ޖެއްސުންކޮށް ހިޔަނި އެޅުވުމެވެ.

ރަޝިއާއިން އޮގަސްޓް އެކެއްގައި ޖައްވަށް ފޮނުވި ސެޓެލައިޓަށް ކިޔަނީ "ކޮސްމޮސް 2558" އެވެ.

މިއީ "އިންސްޕެކްޓާ ސެޓެލައިޓް"އެއް ނަމަވެސް ބުރުޖަހަމުން ދަނީ އެމެރިކާއިން ޖާސޫސްކުރަން ޖައްވަށް ފޮނުވާފައި އޮތް ސެޓެލައިޓާ އެއް އޯބިޓެއްގަ އެވެ.

އެމެރިކާ ބުނާ ގޮތުން އެއް ބޯބިޓަކަށް ސެޓެލައިޓެއް ފޮނުވުމުގެ ބޭނުމަކީ އެމެރިކާއިން ކުރަމުން ގެންދާ މަސައްކަތްތަކަށް ހުރަސްއަޅައި ހުއްޓުވާލުން ކަމަށެވެ.

ޕެންޓަގަން އިން ބުނާ ގޮތުން ރަޝިއާގެ މި އަމަލަކީ ޒިންމާދާރުކަން ކުޑަ އަމަލެކެވެ.

އެމެރިކާ އެއްކޮށްފައި ހުރި މައުލޫމާތުން ދައްކާ ގޮތުގައި ރަޝިއާގެ ސެޓެލައިޓް ބައެއް ފަހަރު އެމެރިކާ ސެޓެލައިޓާ 37 ފޫޓު ކައިރިއަށް ޖެހޭ ފަހަރު ވެސް އާދެ އެވެ.

ރަޝިއާ، ޔުކްރޭން ހަނގުރާމަ ކުރިއަށް ދާއިރު އެމެރިކާގެ ޖާސޫސީ ސެޓެލައިޓްތަކުން ޔުކްރޭނަށް ޖާސޫސްކޮށްދޭ ކަމަށް ރަޝިއާ ބުނެ އެވެ.

ޔުކްރޭންގެ ސރަހައްދު ތަކުގައި ރަޝިއާ ސިފައިން ތިބޭ ގޮތާއި ބޭނުންކުރާ ހަތިޔާރުގެ ބާވަތް ޔުކްރޭނަށް ބުނެދޭ ކަމަށްވެސް ރަޝިއާ ތުހުމަތު ކުރެ އެވެ.

އެމެރިކާ އާއި ރަޝިއާ ޖައްވުގައި އަރާރުންވުމަކީ އަލަށް ހިނގާ ކަމެއް ނޫނެވެ. އެމެރިކާއިން ޖައްވުގައި ކުރަމުން ގެންދާ ގޮތް ނޭނގޭ މަސައްކަތްތަކަށް ހުރަސް އެޅުމަށް މީގެ ކުރިންވެސް ރަޝިއާ ވަނީ ސެޓެލައިޓް ފޮނުވާފަ އެވެ.

ޑޮނަލްޑް ޓްރަމްޕް އެމެރިކާގައި ވެރިކަން ކުރެއްވި ޒަމާނުގައި ވެސް ރަޝިއާ ވަނީ އެމެރިކާގެ ޖާސޫސީ ސެޓެލައިޓްތަކުގެ މަސައްކަތްތަކަށް ހުރަސްއަޅައި ދަތިކޮށްފަ އެވެ.