ދުނިޔެ

ރަޝިއާއިން ހަނދުގައި ނިއުކްލިއާ އިންޖީނުގެއެއް އަޅަނީ

ޗައިނާ އާއި ރަޝިއާ ގުޅިގެން ހަނދުގައި ނިއުކްލިއާ ޕަވާ ޕްލާންޓެއް -- ނިއުކްލިއާ އިންޖީނުގެއެއް އަޅަން ވިސްނަމުން އަންނަ ކަމަށް ރަޝިއާ އިން ބުނެފި އެވެ.

ރަޝިއާ ޖައްވީ އިދާރާ، ރޮސްކޮސްމޮސްގެ ވެރިޔާ ޔޫރީ ބޮރިސޯފް ވިދާޅުވި ގޮތުން ހަނދުގައި ނިއުކްލިއާ އިންޖިނުގެއެއް އެޅުމުގެ މަސައްކަތް 2033 ގައި ފަށައިގަނެ 2035 އަށް ނިންމާލެވޭނެ ކަމަށެވެ.

ބޮރިސޯފް ވިދާޅުވީ މިހާރު ކުރިއަށް ދަނީ މަޝްވަރާތަކާއި ގުޅިފައި ހުރި ރޭވުންތައް ކަމަށެވެ.

މަސައްކަތްތައް ދެ ބަޔަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައި އޮތްއިރު، ޗައިނާ އިން ބޮޑަށް މަސައްކަތްކުރާނީ ހަނދުގައި މަރުކަޒުކޮށް އިންޖީނުގެ ބިނާކުރުމާ ބެހޭ މަސައްކަތްތަކުގައި ކަމަށް ވެސް ބޮރިސޯފް ވިދާޅުވި އެވެ.

ރަޝިއާގެ މަަސައްކަތަކަށް ވާނީ ބޮރިސޯފް ވިދާޅުވި ގޮތުން ހަނދުގައި ނިއުކްލިއާ ހަކަތަ އުފެއްދުމާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅުން ހުރި މަސައްކަތްތަކެވެ.

ބޮރިސޯފް އަދި ވިދާޅުވީ ޗައިނާ އާއެކު މި މަޝްވަރާތައް ކުރަމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. މި ޚަބަރު ދުނިޔެއަށް އާންމުކުރާ ވަގުތު ޖެހިއްޖެ ކަމަށް ގަބޫލުކުރެވުމުން އިއުލާންކުރެއްވީ ކަމަށް އޭނާ ވިދާޅުވި އެވެ.

ހަނދުގައި ނިއުކްލިއާ އިންޖީނުގެއެއް އެޅުމަކީ މަަޖަލަކަށް އަދި ސަމާލުކަން ހޯއްދެވުމަށް ދައްކަވާ ވާހަކައެއް ނޫން ކަމަށް ބޮރިސޯފް ވިދާޅުވި އެވެ.

އިންސާނުން ހަނދަށް މިސްރާބުޖަހާފައި ވާއިރު އަދި ހަނދުގައި ފަތުރުވެރިކަން ފަށަން ދުނިޔެ ތައްޔާރުވަމުން އަންނައިރު -- ހަނދުގެ އާބާދީތަކަށް ބޭނުންވާ ހަކަތަ އުފައްދާނެ ގޮތްތައް ރާވަން ޖެހޭ ކަމަށް ބޮރިސޯފް ވިދާޅުވި އެވެ.

ހަނދުގައި ބިނާކުރާ މަރުކަޒުތަކަށް، ހޮޓާ އަދި ގެސްޓް ހައުސްތަކަށް ބޭނުންވާ ހަކަތަ، ހަމައެކަނި ސޯލާ ޕެނަލްތަކުން އުފެއްދޭނެ ކަމަށް ގަބޫލުކުރުމަކީ މޮޔަ ކަމެއް ކަމަށް ވެެސް އޭނާ ވިދާޅުވި އެވެ.

މިއީ ގޮންޖެހުންތައް ބޮޑު މަސައްކަތްތަކަކަށް ވާނެ ކަަމަށް ބޮރިސޯފް ވިދާޅުވި އެވެ. ނިއުކްލިއާ އިންޖީނުގެއެއް ހަންދުގައި އަޅާއިރު ހުރިހާ މަސައްކަތްތަކެއް އޮޓާމެޓިކް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަނދަށް އިންސާނުން ނުފޮނުވައި، އިންސާނުން ބިމުގައި ތިބެހެން މި ވަރުގެ މަސައްކަތްތަކެއް ކުރުމަކީ އާ އީޖާދުތަކަށް ބޭނުންވާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޮރިސޯފް އަދި ވިދާޅުވީ ރަޝިއާ އާއި ޗައިނާ އަކީ މި ވަރުގެ މަސައްކަތެއް ކުރުމަށް އެންމެ ގާބިލު ޖޯޑު ކަމަށެވެ.