ދުނިޔެ

ބްރިކްސްގެ މެމްބަރު ގައުމުތަކަށް ޖައްވީ ސްޓޭޝަނެއް

ބްރިކްސްއަށް ޖައްވަށް ދެވިދާނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން ވިދާޅުވެއްޖެވެ.

އޭނާ ވިދާޅުވީ ރަޝިއާގައި މި އަހަރުގެ ނިޔަލަށް ތައްޔާރުކޮށް ނިމޭ ސްޕޭސް ސްޓޭޝަނުން ބްރިކްސް ގައުމުތަކަށް ޖާގަ ދެވިދާނެ ކަމަށެވެ.

ބްރިކްސް -- ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ސައުތު އެފްރިކާ ގުޅިގެން ސްޕޭސް މޮޑިއުލެއް ތައްޔާރުކުރުމަށް ފަހު ރަޝިއާގެ ސްޕޭސް ސެންޓަރާ ގުޅުވާލެވިދާނެ ކަމަށް، ރަޝިއާގެ ޖައްވީ އިދާރާ ރޮސްކޮސްމޮސްގެ ޑައިރެކްޓަރު ޖެނެރަލް ޔޫރީ ބޮރިސޯފް ވެސް ވަނީ ވިދާޅުވެފަ އެވެ.

ރަޝިއާގެ އުއްމީދަކީ 2027 ގައި އަމިއްލަ ޖައްވީ ސްޓޭޝަނެއް ގާއިމުކުރުމެެވެ. ރާވާފައި ހުރި ގޮތަށް ޕްރޮގްރާމް ކުރިއަށްދާނަމަ -- 2028 ގައި ޖައްވީ މަރުކަޒުގައި ކޮސްމޮނޯޓުން ދިރިއުޅޭނެ ކަމަށްވެސް ރޮސްކޮސްމޮސް އިން ބުނެ އެވެ.

ޖައްވުގައި މިހާރު ދަތުރުކުރަމުންދާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ވުރެ ވެސް، ރަޝިއާއިން ފޮނުވާ ސްޕޭސް ސްޓޭޝަން ކުޅަދާނާ ވާނެ ކަމަށް ރަޝިއާ ބުނެ އެވެ.

ރޮސްކޮސްމޮސް އިން ބުނާ ގޮތުން ރަޝިއާ އިން އަލަށް ފޮނުވާ ސްޕޭސް ސްޓޭޝަން ޖައްވުގައި ހަރަކާތްތެރި ވާނީ އައިއެސްއެސްއާ މުޅިން ތަފާތުކޮށް، ތަފާތު ބިތެއްގަ އެވެ. އެއީ މިހާރު އައިއެސްއެސްއަށް ލިބިފައި ނެތް ފުރުސަތެއް ކަމަށްވެސް ރޮސްކޮސްމޮސް ބުނެ އެވެ.

ރަޝިއާއާ އެކު ޖައްވީ ހޯދުންތަކުގައި ބްރިކްސްގެ މެމްބަރު ގައުމުތަކުން އެއްބާރުލާނަމަ، އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް މިހާރު އެސްޓްރޮނޯޓުން އުފުލާ ގޮތަށް ފަޅުވެރިން އުފުލާނެ ކަމަށް ޗައިނާ ބުނެ އެވެ. އަދި ކޮންމެ ގައުމަކުން ވެސް އެ ގައުމަކަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ޖައްވީ ޕްރޮގްރާމް ހިންގަން ފުރުސަތު ލިބޭނެ ކަމަށްވެސް ރޮސްކޮސްމޮސް އިން ބުނެ އެވެ.

ޗައިނާ އާއި އިންޑިއާ އަކީ މިހާރު ވެސް ޖައްވަށް ފަރިތަ ދެ ގައުމަށް ވުމުން، ރަޝިއާގެ ސްޕޭސް ސްޓޭޝަންގައި ބަނދަރުކުރުވާނެ މޮޑިއުލެއް ބިނާކުރުން ދަތި ނުވާނެ ކަމަށް ވެސް ރަޝިއާ ބުނެ އެވެ.

ޖައްވީ ހޯދުންތަކަށް ޝަރުގުވެރިވެ އެކަމަކު ހާލަތު ހުރި ގޮތުން މޮޑިއުލްއެއް ތައްޔާރު ނުކުރުވޭ ގައުމުތަކަށް ވެސް ފުރުސަތު އޮންނާނެ ކަމަށް ރަޝިއާ ބުނެ އެވެ.

ރޮސްކޮސްމޮސް ބުނާ ގޮތުން އެންމެ ރަނގަޅީ ބްރިކްސްގެ މެމްބަރު ގައުމުތަކުން ގުޅިގެން ވަކި މޮޑިއުލެއް ތައްޔާރު ކުރުމެވެ. މިކަމުގައި ރަޝިއާގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިވާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ