އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޕެންސިލްވޭނިއާގައި، ކެމްޕޭން އެއްވުމެއްގައި ވާހަކަދައްކަވަަމުން އިންސާނުން މާސްއަށް ދިއުމާ ބެހޭ ގޮތުން ވާހަކަދައްކަވައިފި އެވެ.
ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާ މީހުން ހަނދަށް ދިއުމަށް ކުރާ އުއްމީދު ހާސިލްވާނީ އޭނާގެ ވެރިކަމެއްގައި ކަމަށެވެ. އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ، ދައުރު ނިމުމުގެ ކުރިން އެމެރިކާ މީހުން މާސްއަށް ދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އިންސާނުން މާސްއަށް ފޮނުވުމަކީ ވިޔަފީރިވެރިޔާ އީލޮން މަސްކް ވެސް ދެކެވަޑައިގަންނަވާ ހުވަފެނެކެވެ. އޭނާ ވަނީ އިންސާނުން މާސް ފޮނުވުމަށް ވަސީލަތްތައް ގާއިމުކުރުމަށް ވަރަށް ގިނަ ދިރާސާ ކުރައްވާފަ އެވެ.
އީލޮން މަސްކްގެ ސްޕޭސް އެކްސް އަކީ ޖައްވީ ދަތުރުތަކަށް ވަސީލަތްތައް އުފައްދާ ކުންފުންޏެކެވެ. އޭނާގެ އުޅަނދެއްގައި އިންސާނުން ހަނދަށް ފޮނުވުމަކީވެސް ސްޕޭސް އެކްސް އިން ފަށާފައިވާ މަސައްކަތެކެވެ.
ސްޕޭސް އެކްސްގެ ރޮކެޓްތައް މިހާރުވެސް އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދަތުރުކުރެ އެވެ.
އެމެރިކާގައި ކުރިއަށް އޮތް ނޮވެމްބަރު ފަހެއްގައި އޮންނަ ރިޔާސީ އިންތިހާބުގައި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓުގެ ގޮތުގައި ވާދަކުރައްވަނީ ޑޮނަލްޑް ޓްރަމްޕް އެވެ. އޭނާ ވެރިކަމަށް ގެނައުމަށް މާލީ ގޮތުންނާއި ފިކުރީ ގޮތުން އީލޮން މަސްކް ހޭދަކުރައްވަ އެވެ.
ޑޮނަލްޑް ޓްރަމްޕަށް ތާއީދުކުރައްވައި އީލޮން މަސްކް ދެއްކެވި ވާހަކަތަކެއްގައި އިދިކޮޅު ކެންޑިޑޭޓް -- ޖޯ ބައިޑަންގެ ނައިބް ރައީސް ކަމަލާ ހެރިސްއަށް ހަމަލާދެއްވައި ވަނީ ޖަދަލުކުރައްވާފަ އެވެ.
އީލޮން މަސްކް ވިދާޅުވީ ކަމަލާގެ ވެރިކަމެއްގައި -- ޑިމޮކްރެޓިކް ޕާޓީގެ ވެރިކަމެއްގައި އެމެރިކާ މީހުން މާސްއަށް ދާން ކުރާ މަސައްކަތް ހުއްޓުވާނެ ކަމަށެެ.
އެމެރިކާ މީހުން ހަނދަށް އަދި މާސްއަށް ދާން ބޭނުންނަމަ ވެރިކަމަށް ހޮވަންވީ ޑޮނަލްޑް ޓްރަމްޕް ކަމަށްވެސް މަސްކް ވިދާޅުވި އެވެ.
ޓްރަމްޕް އިތުރަށް ވިދާޅުވީ ޖައްވީ ސިނާއަތުގައި އެންމެ ކުރީގައި އުޅޭނީ އެމެރިކާ ކަމަށެވެ. އެމެރިކާ މީހުން ހަނދުގައި ޗުއްޓީ ހޭދަކުރުމާއި ޖައްވީ ހޮޓަލަކުން ކޮފީއެއް ބޯލުމަކީ ވާދަވެރިންނަށް ވުރެ ކުރިން ކުރެވޭނެ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
ކަމަލާ ހެރިސްއަށް ފާޑުވިދާޅުވެ ޓްރަމްޕް ވިދާޅުވީ ސިޔާސީ މައިދާނަށް ކަމަލާ ވަރަށް ޅަވާނެ ކަމަށެވެ. ކަމަލާގެ ވެރިކަމެއްގައި އެމެރިކާއަށް ގޮންޖެހުން ބޮޑުވާނެ ކަމަށްވެސް ވިދާޅުވި އެވެ.