ދުނިޔެ

ޚިޔާލު ހޯދުމުގެ ވޯޓުތަކުން ރިޔާސީ ރޭހުގެ ކުރީގައި ކަމަލާ ހެރިސް

އެމެރިކާގެ ރިޔާސީ އިންތިޚާބު މާދަމާ ނޫން އަނެއް ދުވަހު -- އަންގާރަ ދުވަހު ފަށާނެ އެވެ. އެމެރިކާގެ ރިޔާސީ އިންތިޚާބުގައި އާންމު ގޮތެއްގައި ވާދަވެރިކަން އެންމެ ބޮޑަށް އޮންނަނީ ދެ ޕާޓީއެއްގެ ދެމެދުގަ އެވެ. އެއީ ރިޕަބްލިކަން އަދި ޑިމޮކްރެޓިކް ޕާޓީ އެވެ.

އެެމެރިކާއަށް ރައީސަކު ހޮވަންޏާ ހޮވާފައި ވަނީ ވެސް މި ދެ ޕާޓީން ކުރެ ޕާޓީއަކުންނެވެ. ދެ ޕާޓީ، ދެ ޕާޓީއަށް ބަދަލުވަމުންދާ ގޮތަށް އެމެރިކާގެ ރައްޔިތުން ވެރިކަމަށް ހޮވަނީވެސް މި ދެ ޕާޓީން ކުރެ ޕާޓީއެއްގެ ކެންޑީޑޭޓެެކެވެ.

އަންގާރަ ދުވަހު އޮންނަ އިންތީޚާބަށް ފަހު މި ވަގުތަށް ކަށަވަރުވާ އޮތީ އެންމެ ކަމެކެވެ. އެއީ މިހާރު ރައީސްގެ މަގާމުގައި ހުންނެވި ޖޯ ބައިޑަން އިންތިޚާބަށް ފަހު އެ މަގާމުގައި ނުހުންނަވާނެ ކަމެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން -- ކަމަލާ ހެރިސް (ޑިމޮކްރެޓިކް) އަދި ޑޮނަލްޑް ޓްރަމްޕް (ރިޕަބްލިކަން) އާ ދެމެދު މާ ބޮޑު ތަފާތެއް އޮތް ކަމަކަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން ނުދައްކަ އެވެ.

ނަމަވެސް، އާންމުގެ ތެރޭގައި މަގުބޫލީ ކަމަލާ ހެރިސް އެވެ. އޭނާއަށް ޚިޔާލު ހޯދުމުގެ ވޯޓުތަކުން 48 ޕަސެންޓް ލިބިފައި ވާއިރު، ޓްރަމްޕަށް ލިބިފައި އޮތީ 47 ޕަސެންޓެވެ.

ޚިޔާލު ހޯދުމުގެ ރިޕޯޓްތައް ބުނާ ގޮތުން މި ދެ ކެންޑިޑޭޓުންނަށް ހުރިހާ ސިޓީއަކުން އެއްވަރުގެ މާކުހެއް ނުލިބެ އެވެ. ޓްރަމްޕަށް ވަކި ސީޓީތަކެއް ކާމިޔާބުކުރެވޭނެ ކަމަށް ލަފާކުރެވޭއިރު ކަމަލާއަށް ވެސް އޮތީ މި ފަދަ ފުރުސަތެކެވެ.

ކަމަލާ ހެރިސްއަށް ގިނަ ބަޔަކު ވޯޓުދޭނެ ކަމަށް ބެލެވުނު ނަމަވެސް، ޓްރަމްޕްގެ ތަޖުރިބާ އާއި އިގުތިސާދީ އެޖެންޑާގެ ސަބަބުން ލިބޭ ވޯޓު އިތުރުވެދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ދުނިޔޭގެ ބާޒާރުގައި އެމެރިކާއަށް މިހާރު އޮތް ހައިސިއްޔަތު އުފުލިގެން ދިއުމަށް ބޭނުންވާ ކޮންމެ މީހަކު ޓްރަމްޕަށް ވޯޓުދޭނެ ކަމަށްވެސް އޮތީ ލަފާކުރެވިފަ އެވެ.

އިންތިޚާބުގެ ކުރިން ކެންޑިޑޭޓުންނަށް ތާއީދު އޮންނަ ގޮތާ މުޅިން ޚީލާފު ނަތީޖާތަކެއް ވޯޓަށް ފަހު ކިތަންމެ ގައުމަކުން ވަނީ ފެނިފަ އެވެ. ވޯޓުގެ ކުރިން މިވެނި ކެންޑިޑޭޓަކު ކާމިޔާބުކުރާނެ ކަމަށް ބެލެފައި އޮތް ނަމަވެސް، ނަތީޖާ ބުރަވާ ކެންޑިޑޭޓް ތަފާތުވެ އެވެ.

އަވައްޓެރި ލަންކާގައި މިދާކަށް ދުވަހު އޮތް ރިޔާސީ އިންތިޚާބަކީ ވެސް އޭގެ މިސާލެކެވެ. މިހާރު ވެރިކަމުގައި ހުންނެވި އަނުރާ ކުމާރަ ޑިސާނަޔަކެ އަކީ ރައީސް ކަމަށް ހޮވިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި ކެންޑިޑޭޓެއް ވެސް ނޫނެވެ.