ޑޮނަލްޑް ޓްރަމްޕް

ތާއީދު ހޯދުމަށް ޓްރަމްޕް ދުއްވީ ކުނިއުކާ ލޮރީއެއް

އެމެރިކާގެ ރައީސް ޖޯ ބައިޑަން ފާޑުވިދާޅުވުމުގެ ގޮތުން ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް އަމާޒުކުރި ފާޑު ވިދާޅުވުންތަކަކާ ގުޅިގެން ބައިޑަންއަށް ރައްދު ދިނުމުގެ ގޮތުން ކުނިއުކާ ލޮރީއެއް ޓްރަމްޕް ދުއްވައިފި އެވެ.

ޓްރަމްޕް މިކަމެއް ކުރެއްވީ ރިޔާސީ އިންތިހާބުގައި އޭނާއަށް ތާއީދުކުރާ މީހުންނަކީ "ކުނިބުނި" ކަމަށް ސިފަކުރައްވާ ބައިޑަން ވާހަކަދެއްކެވުމުންނެވެ.

އެމެރިކާގެ ވިސްކޮންސިންގެ ގްރީން ބޭގައި ބޭއްވި އިންތިހާބީ ރެލީއަކަށް ޓްރަމްޕް ވަޑައިގަތީ އޭނާއަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ކުނިއުކާ ލޮރީއެއްގެ ކުރިމަތީ ގޮނޑީގައި އިށީނދެވަޑައިގެންނެވެ. އޭނާ އިންނެވީ ކުނިއުކާ މުވައްޒަފުން ލާ ކަހަލަ އޮރެންޖް ކުލައިގެ ޖެކެޓެއްވެސް ތުރުކުރައްވައިގެންނެވެ.

"ތިޔަ ބޭފުޅުންނަށް އަހަރެންގެ ކުނިއުކާ ލޮރީ ކަމުދޭތޯ؟" ޓްރަމްޕް ނޫސްވެރިންގެ ބަޔަކާ ސުވާލު ކުރެއްވި އެވެ. "މި ލޮރީ މިއޮތީ ކަމަލާއާއި ޖޯ ބައިޑެންގެ ޝަރަފުގައި،" އޭނާ ވިދާޅުވި އެވެ.

ޓްރަމްޕް ވެސް ވަނީ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ނައިބް ރައީސް ކަމަލާ ހެރިސްއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"އޭނާގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އެމެރިކާގެ ރައީސްކަމަށް އޭނާ ކަމަކުނުދޭ،" ޓްރަމްޕް ވިދާޅުވި އެވެ.

"އެއްވެސް މީހަކު އޭނާއަށް އިހްތިރާމެއް ނުކުރޭ. އެއްވެސް މީހަކު އޭނާއަށް އިތުބާރެއް ނުކުރޭ. އެއްވެސް މީހަކު އޭނާ ސީރިއަސް ކަމަކަށް ނުދެކޭ." ޓްރަމްޕް ވިދާޅުވި އެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބު އޮންނާނީ އޮންނާނީ މިމަހުގެ ފަސްވަނަ ދުވަހު އެވެ.